ދިވެހިރާއްޖޭގައި އިސްލާމް ދީނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދީނުގެ ނަމުގައި ޓެރަރިޒަމްގެ ފިކުރު ފެތުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަ ކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބެއްގައި އެމަނިކުފާނު ވިދާޅުވީ ނިރުބަވެރި ފިކުރުތަކަށް ބައެއް ޒުވާނުން ލެނބެމުންދާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އޭގެ ގެއްލުން ގައުމަށް ފެންނަމުންދާ ކަމަށެވެ.
"މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އިސްލާމީ ދިވެހި މުޖުތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތް. ނަތީޖާއަކަށްވަނީ، އެފަދަ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި އަމަލުތައް ހިންގަން ފެށުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިރުބަވެރި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އިލްމުވެރިންނާއި މުދައްރިސުން މުހިންމު ރޯލެއް އަދާކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ އަނިޔާވެރިކަމާއި ނަފްރަތުގެ ބަދަލުގައި ލޯތްބާއި ކުލުނު އިސްކުރުމަށެވެ.
"ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ވިސްނުން މިއަދު އަމާޒުކުރަންވީ އެންމެ މުހިންމު ކަމަކީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން، މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދިން، އިސްލާމީ ރިވެތި އަހްލާގުގެ މަތީގައި ސާބިތުވެ ތިބުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ހަސަދަވެރިކަމާއި އަދާވާތްތެރިކަން ދޫކޮށްލުމަށް ރަސޫލާ އަންގަވާފައިވާ އެންގުންތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ރައީސް ދިވެހިންނަށް އިރުޝާދު ދެއްވި އެވެ.
"އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަމުގެ މަތިވެރި ޢަޤީދާ އަޅުގަނޑުމެންގެ ހިތްތަކުގައި ސާބިތުކުރައްވައި، މިރާއްޖެއަކީ، ސައްތަ އިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ތާއަބަދަށް ލެހެއްޓެވުން،" ރައީސްގެ ހިތާބު ނިންމާލައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.












