ލަންޑަން (ނޮވެމްބަރު 5) - ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ ވިޓެސޭ 3-2 އިން ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާސް އިން އާ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު މޮޅަކުން ފަށައިފި އެވެ.
ނޫނޯ އެސްޕިރީޓޯ ސަންޓޯ ކޯޗުގެ މަގާމުން ދުރުކޮށް ޓޮޓެންހަމުން ވަނީ ދާދި ފަހުން އިޓަލީގެ ކޯޗު ކޮންޓޭ އެ ޓީމުގެ ކޯޗަކަށް ގެނެސްފަ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި މަދު ޕްރެކްޓިހަކާ އެކު ތައްޔާރުވެ، ކޮންޓޭ ޓޮޓެންހަމް ގޮވައިގެން ރޭގެ މެޗަށް ނުކުމެ، ފެށީ ވަރަށް ރަނގަޅަށެވެ. ޓޮޓެންހަމް އިން ވަނީ ފުރަތަމަ 28 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ.
އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިިދިނީ 14 ވަނަ މިނިޓްގައި ސޮން ހެއުން މިން އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ހެރީ ކޭން ދިން ބޯޅައަކުން ލޫކަސް މޯރާ ވަނީ ޓޮޓެންހަމްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި އޭގެ ހަ މިނިޓް ފަހުން ވިޓެސޭގެ ޔެކޮބް ރަސްމުސެން އަތުން ބައިކޮޅަށް ވަން ގޯލުން ޓޮޓެންހަމުން އިތުރަށް ލީޑުފުޅާކުރި އެވެ.
ޓޮޓެންހަމް އިން ބޮޑު ލީޑެއް ނަގައި ހަމަޖެހިނުލެވެނިސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިޓެސޭ އިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ވިޓެސޭގެ ފުރަތަަމަ ގޯލު ޖެހީ ރަސްމުސެން ބޮލުންނެވެ. އޭގެ ހަ މިނިޓް ފަހުން މަޓޫސް ބެރޯ ވަނީ އިތުރު ގޯލެއް ޖަހައިދީ ވިޓެސޭ އަށް އުއްމީދެއް ހޯދައިދީފަ އެވެ.
ނަތީޖާ ހަމަހަަމަކުރަން ދެ ވަނަ ހާފުގައި ވިޓެސޭ އިން ފޮނުވާލި ހަަމަލާތައް ޓޮޓެންހަމް ކީޕަރު ހޫގޯ ލޮރީސް މަތަކުރިއިރު، މެޗުގެ 59 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ ވިޓެސޭގެ ލޮއިސް އޮޕެންޑާ އަށް ކުރި ފައުލަކަށެވެ. މެޗުގެ ފަހު ވަގުތު ވިޓެސޭ އަށް ވެސް ވަނީ ދެ ރަތް ކާޑު ދައްކައިފަ އެވެ. އެއީ ކެޕްޓަން ޑަނީލިއޯ އާއި ކީޕަރު މާކަސް ޝޫބާޓް އަށެވެ. އެ ޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ.
މެޗަށް ފަހު ކޮންޓޭ ބުނީ އެއް ދުވަހުން ހުރިހާ ކަމެއް ބަދަލުނުކުރެވޭނެ ކަމަށާއި ބޭނުންވާ މިސްރާބަށް ދާން ވަގުތު ނަގާނެ ކަމަށެވެ.
ރޭގެ މޮޅާ އެކު ޓޮޓެންހަމް އޮތީ ކޮންފަރެންސް ލީގުގެ ގްރޫޕް ޖީގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ރޭ ސްލޮވީނިއާގެ މޫރާ އަތުން 1-0 އިން މޮޅުވި ފްރާންސްގެ ރެނެސް އެވެ.
އެއް ވަނަ މަގާމު ދަމަހައްޓަމުން އަންނަަ ރެެނެސް އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި ޓޮޓެންހަމް އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ވިޓެސޭ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް މޫރާ އަށް ހަތަރު މެޗުން ޕޮއިންޓެއް ނުލިބެ އެވެ.












