މިއީ މޫސުމުގެ މޫސުމެވެ. މޫސުމީ ބަޠަލުންގެ މޫސުމެވެ. މޫސުމީ ސެލެބްރިޓީންގެ މޫސުމެވެ. މޫސުމީ މިތުރުންނާއި މޫސުމީ ހަތުރުން ކަނޑައަޅާ މޫސުމެވެ. ތާވަލުކޮށްފައިވާ ޤަވާއިދުގެ މަތީން ދިވެހިންނާއި މުޅި ދުނިޔެއަށްވެސް، ޤައުމުގެ ވެށީގެ ނާޒުކު ކަމާއި ޒިންމާދާރުކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިއްމުކަން ހަނދާންކޮށްދޭ މޫސުމެވެ. ރަށް ގިރާ ކަމާއި ކަނޑޫފާތައް ހަލާކުވަމުންދާކަން ހަނދާންކޮށްދޭ މޫސުމެވެ.
މިއީ ބަޖެޓު މޫސުންވެސް މެއެވެ. 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެކި ޚަރަދުތަކަށް ފައިސާ ކަނޑައަޅާނޭ ގޮތްތައް ހޫނުވަމުންދާ ދުނިޔެއެއްގައި ފިނި ކޮޓަރިތަކުގައި، ނުފޫޒުގަދަ މަންދޫބުންތަކެއް ކަނޑައަޅައި ފާސްކުރާ މޫސުމެވެ. އެއް ފޮޅުވަތުގައި ތިމާވެށީގެ ޙައްޤުގައި ޕުލާސްޓިކު ކޮތަޅުން ޓެކުހެއް ނަގަން ނިންމާއިރު، އަނެއް ފޮޅުވަތުގައި ފަތުރުވެރިކަމަށް ހިއްކައި ވިއްކާނޭ ބިންތަކުގެ ވާހަކަ އެވެ. މި ހުރިހާ ވާހަކައެއް އަހަރެމެން ކެފޭތަކުގައްޔާއި އަށިއަށީގައި މަޝްވަރާކުރާއިރު، ހަކުރު އަޅަން ކަރުދާހުގައި ޕެކްކޮށްފައި ހުންނަ ހަކުރު ޕެކެޓުތަކާއި، އެއް "ޕުލް" ޖަހައި ދަމާލާ ސިގިރޭޓުގެ ބަޓު ބިންމައްޗައް އެއްލާލުމަށްފަހު ފުންނާބުން ޗަސްކޮށްލާގޮތާއި، ބިންމައްޗަށް އެއްލާލާ ސިންގަލް ޔޫސް މާސްކާއި، ތުން ފުހެލަން ބޭނުންކުރާ ޓިޝޫ މަތިން ހަނދާނެއް ނުހުރެ އެވެ. އެކަމަކު ސުޕާރީ ޕެކެޓުން ފުޅިއަށް ބަދަލުކުރާ ވާހަކަ ބާރަށް ދެކެވެ އެވެ. އެންމެންވެސް ދައްކަނީ އިޖުތިމާޢީ މައްސަލަތަކުގެ ވާހަކަ އެވެ. ފަރުދީ ޒިންމާގެ ވާހަކަ އެވެ. ވެށި ސަލާމަތްކުރުމުގެ ވާހަކައެކެވެ. ޙަޤީޤަތަކީ 2022 ގެ ބަޖެޓުގައިވެސް ނިސްބަތުން އެންމެ ކުދި ޢަދަދުތައް ހުށަހަޅާފައިވާ ދާއިރާތަކުގެ ތެރޭގައި އިޖުތިމާޢީ އަދި ދީނީ ޚިދުމަތާއި، ތިމާވެށި ރައްކާތެރިކުރުން ހިމެނޭކަމެވެ. އެކަމަކުވެސް ހޭޝްޓެގްތައް ނުހަނު ހޭލުންތެރިއެވެ.
މިއީ އާ ކަމެއް ނޫނެވެ. ކޮންމެ އެޕްރިލް މަހަކު އެންމެ ގަދައަށް ދައްކާ އެއް ވާހަކައަކީ އޯޓިޒަމާމެދު ހޭލުންތެރިކަން އިތުރުކުރުވުމުގެ ވާހަކަ އެވެ. ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެޕްރިލް 4 ވީ އާދީއްތަ ދުވަހު އޮފީހަށް ނިކުތީ ނޫކުލައިގެ ހެދުން ލައިގެންނެވެ. ޓީވީ ސްޓޭޝަންތަކުގެ އެންކަރުން ތިބީ ވިއްސާރަދުނި ކުލައިގެ ޕަޒްލް ފަރުމާގެ ރިބަންތައް ކޯޓުފަޓުލޫނުގައި ހަރުކޮށްގެންނެވެ. އޯޓިސްޓިކް ކުދިންނަށް ޚާއްޞަ ކިލާސްތައް ހިންގާ ސްކޫލްތަކުގައި ޚާއްޞަ އެސެމްބްލީތައް ބޭއްވުން އޮތެވެ. ޝަރަފުވެރި މެހުމާނުން ގެންގޮސް ދުވަހުގެ ޚާއްޞަ ލަވަތައްކިޔުން އޮތެވެ.
ކޮންމެ ޑިސެމްބަރުމަހަކު އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް 16 ދުވަސް ފާހަގަކުރަން ހިތުލައިގެން އޮރެންޖު ކުލައިގެ ރިބަން ތައްޔާރުކޮށް، 16 ދުވަހަށް މުނާސަބު 16 ސްޓޭޓަސް ލިޔަން ޕީ.އާރް މީހުން ތައްޔާރުވެ އެވެ. އެހެންނަމަވެސް ގިނަ ފަހަރަށް އެ ފަދަ މަސައްކަތަށް ޚާއްޞަ ޖަމްޢިއްޔާތަކަށް މެނުވީ އެ 16 ދުވަސް ނިމެންދެންވެސް ދުނިޔޭގައި އޮރެންޖު ކުލަ ލާކަށް ކެތެއް ނުކުރެވެ އެވެ.
ސޯޝަލް މީޑިއާގެ މި ޒަމާނުގައި އަހަރެމެންގެ ސަމާލުކަން ގެންދަނީ ދެއްކުންތެރި ހޭލުންތެރިކަމެވެ. މުހިއްމު ކަމަކާމެދު މީހުން ހޭލުންތެރިކުރުމަށް ބޭނުންކުރާ ޕްރޮފައިލް ފްރޭމެއް، ހޭޝްޓެގެއްގެ އަގު، ޙަޤީޤީ މައުޟޫޢާ ބެހޭގޮތުން ހޯދާ މައުލޫމާތަކަށްވުރެ ބޮޑެވެ. މިއީ ޢާއްމު ރައްޔިތުންގެ މައްސަލައެއް ނޫނެވެ. މިއީ އައްޑިހައިގެ އަހަރުތަކުގައި ވައިގައި ހިފާލި "އިންފޯމޭޝަން ޑެފިސިޓް މޮޑެލް" ގައި އެ ބުނާ ކަންކަން މިހާރުގެ ދުނިޔޭގައި ތަންފީޒުކުރަން އުޅެވޭތީ ނިކުންނަ ނަތީޖާއަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އޭރު، އިންފޯމޭޝަން ޓެކްނޮލޮޖީގެ ޅަފަތުގައި، ކަންކަމާމެދު މީހުން ހޭލުންތެރިކުރުވުމުން އެ ކަންކަމާ ގުޅުންހުރި ޙާލަތްތަކުގައި މީހުންގެ ޢަމަލުތައް ގެންގުޅޭ ގޮތަށް ބަދަލުތަކެއް އަންނާނޭ ކަމަށް ޤަބޫލުކުރެވުނެވެ. މިއީ މަސައްކަތްކުރާ، ނަތީޖާ ނެރެވޭ ކަމެއްކަން އަހަރެމެން އަމިއްލައަށްވެސް ވަނީ ތަޖުރިބާކޮށްފަ އެވެ. އައްޑިހައިގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކުގެ އެއިޑްސް/އެޗް.އައި.ވީއަށް ހޭލުންތެރިކުރުވުމުގެ ކެމްޕެއިންތައް ދުށް ބަޔަކަށް މިކަން އެނގޭނެ އެވެ. އޭރު ހުއްޓާނުލައި ދައްކާ އަދި އިއްވާ ހޭލުންތެރިކަމުގެ ލަވަ "ހާދަހާ ދެރައޭ ޙަޔާތަށް ދެން އަލުން ދިރުމެއް ނެތޭ" އަޑުއިވުމުން މިހާރުވެސް ގައިން ހީބިހި ނަގަ އެވެ. އެ ފެނުނު ބިރުވެރި މަންޒަރުތައް ސިފަވެގެންދެ އެވެ. އަދި އޭރު އެ ބަލި ތަހައްމަލުކުރަމުންދިޔަ އެންމެންނާ މެދު ގެންގުޅެވުނު ތަޢައްޞަބުތަށްވެސް، ލަދުވެތިވާޙާލު، ހަނދާނަށް އާދެ އެވެ.
ހަމަ މިފަދަ އެހެން ދުވަސްވަރެއްވެސް އަހަރެމެން ދެކެފީމުއެވެ. ކޮވިޑް ހޭލުންތެރިކަމާއި، އެއާއެކު އެކީގައި އައި "އިންފޯމޭޝަން އޯވަލޯޑް" ގެ ސަބަބުން އެދެވޭ އަދި ނޭދެވޭ ނަތީޖާތައްވެސް ނިކުތް މަންޒަރު ދެކި އަހަރެމެން ވަނީ ތަޖުރިބާކޮށްފަ އެވެ. އަދިވެސް މިދަނީ ތަޖުރިބާކުރަމުންނެވެ. އެހެންނަމަވެސް، "މާސްކް އަޅާ"، "ގައިދުރުކުރޭ" ފަދަ ކެޗް ފްރޭސްތަކުގެ އަލާ ކެނޑި މިހާ އަވަހަށް މި ދަނީ ހޮއެ ހޭޝްޓެގްތަކަކަށް ބަދަލުވަމުންނެވެ. މިއީ މުޅި ދުނިޔެ އެއްގަލަކަށް އަރާފައިވާ ކަމެއްގައި އަހަރެމެންނަށް ވާ ވަރެވެ. ކޮވިޑު މޫސުންވެސް މިހާރު ދެން މި ނިމެނީ ތޯއްޗެކެވެ.
އެހެންކަމަށްވާނަމަ، ސައިންސްވެރިންނާއި ސިޔާސީ ލީޑަރުން އެކަމެއްގައި އެއްގަލަކަށް ނޭރިގެން އުޅޭ މައްސަލައެއްގައި އަހަރެމެންނަށް ވާނީ ކިހިނެތް ހެއްޔެވެ؟ އިންފްލުއެންސަރުންނާއި، ސިޔާސީ ލީޑަރުންނާއި، ސޯޝަލް މީޑިއާ އެކްޓިވިސްޓުންވެސް މި ދުވަސްކޮޅު، މޫސުން އިމްލާކުރާ ގޮތަށް ތަބާވެ، ކޮޕާ ގުޅޭ ސްޓޭޓަސްތަކާއި ސްޓޯރީތަކާއި މިފަދަ ލިޔެ ކިޔުންތައް ޝާއިޢުކުރަމުންދާނެ އެވެ. އެކަމަކު ކޮޕް ނިމުމާއެކު ކޮޕަކާއި ކޮޕެކެވެ. އާ މޫސުމެއް ފެއްޓޭނެ އެވެ. ދިވެހިރާއްޖޭގައި އެކަންޏެއް ނޫނެވެ. ނާޒުކު އެހެން ޤައުމުތަކާއި ދުނިޔޭގެ ނުފޫޒުގަދަ ޤައުމުތަކުގައިވެސް މެއެވެ. އަނެއްކާވެސް އަނެއް ކޮޕަކާ ޖެހެންދެން، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަކީ ހަމައެކަނި އިޚުލާސްތެރިކަމާއެކު އެ މަސައްކަތްކުރާ މަދު މީސްކޮޅުގެ ބުރަ ޒިންމާއަކަށް ބަދަލުވެގެންދާނެ އެވެ.








