ލަންޑަން (ނޮވެމްބަރު 2) - އިޓަލީގެ މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ ޓްރާންސްފާ ލިސްޓެއް ހިފައިގެން ހުސްވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމާ މިއަދު ހަވާލުވެއްޖެ އެވެ.
ޓޮޓެންހަމްގެ ކޯޗުގެ މަގާމު ހުސްވީ އެންމެ 17 މެޗަށް ފަހު ޕޯޗުގީސް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރަން ޓޮޓެންހަމްގެ ވެރިން ނިންމުމުންނެވެ. ހަވާލުވިތާ ހަތަރު މަސް ތެރޭ ޓޮޓެންހަމްގެ މަގާމު ނޫނޯ އަށް ގެއްލުނުއިރު، އޭނާ އެންމެ ފަހުން އެ ޓީމަށް އިރުޝާދުދިން މެޗަކީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-0 އިން ބަލިވި މެޗުގަ އެވެ.
ކުރިން ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ކޮންޓޭ ދާދި ފަހުން ޔުނައިޓެޑާ ހަވާލުވާން އުޅޭ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ. އަދި ސައުދީ އަރަބިއްޔާގެ މަހުޖަނުން ނިއުކާސަލް ޔުނައިޓެޑް ގަތުމަށް ފަހު އެ ޓީމާ ހަވާލުވާން ވެސް ކޮންޓޭ އަށް ހުށަހެޅި އެވެ. އެކަމަކު، ކޮންޓޭ އިންތިޒާރުކުރީ ރަނގަޅު ޕްރޮޕޯސަލަކަށެވެ.
އުމުރުން 52 އަހަރުގެ ކޮންޓޭ މިއަދު ޓޮޓެންހަމާ އެކު ކޮންޓްރެކްޓްގައި ރަސްމީކޮށް ސޮއިކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އެއް އަހަރަށް ކޮންޓޭ އަށް ޓޮޓެންހަމްގައި މަޑުކުރެވިދާނެ އެވެ.

ޓޮޓެންހަމާ ހަވާލުވުމަށް ފަހު ކޮންޓޭ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: ޓޮޓެންހަމް
ކުރިން ޔުވެންޓަސް އާއި އިންޓަ އަށް އިޓަލީގެ ޗެމްޕިއަންކަން ހޯދައިދިން ކޮންޓޭ ބުނީ ޕްރިމިއާ ލީގަށް އެނބުރި އާދެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އަލުން މި ލީގުގައި މަސައްކަތް ފަށައި ޓޮޓެންހަމް ފަދަ ވަރުގަދަ ޓީމެއްގެ ސަޕޯޓަރުން ބޭނުންވާ މިސްރާބަށް އެ ކްލަބް ގެންދިއުމުގެ ޒިންމާއާ އޭނާ ހަވާލުވީ ވަރަށް ބޮޑު އިތުބާރަކާ އެކު ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.
ކޮންޓޭގެ ޓްރާންސްފާ ލިސްޓުގައި އިޓަލީ ކްލަބްތަކުގެ ކުޅުންތެރިން
މި ސީޒަން ފެއްޓުމުގެ ކުރިން ކޮންޓޭ ގެންނަން ޓޮޓެންހަމް އިން ކުރި މަސައްކަތް ކާމިޔާބުނުވި އެންމެ ބޮޑު ސަބަބަކީ އޭނާގެ ޑިމާންޑްތައް ބޮޑުވުމުންނެވެ. ޓޮޓެންހަމް އިން 12 ވަަރަކަށް ކޯޗުންނާ މަޝްވަރާކުރުމަށް ފަހު ކުރިން ވުލްވްސް އަށް ކޯޗުކޮށްދިން ނޫނޯއާ ޓީމު ހަވާލުކޮށް ހަރަދުތަކެއް ކުރި ނަމަވެސް ބޭނުންވާ ހިސާބާ ގާތަށް ވެސް ނުދެވޭތީ ނިންމީ ނޫނޯ ވަކިކުރާށެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮންޓޭ ޓޮޓެންހަމަށް އައީ މި ފަހަރު ވެސް އަމިއްލަ ޑިމާންޑްތަކެއް ކޮށް ޓްރާންސްފާ ލިސްޓެއް ވެސް ހިފައިގެންނެވެ. ކޮންޓޭގެ ލިސްޓުގައި އޮތީ އިޓަލީގެ ކުޅުންތެރިންނެވެ.
އެ ގޮތުން ކޮންޓޭ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އޭނާ ބޭނުންވާ ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޓޮޓެންހަމަށް މަދުވެގެން ތިން ކުޅުންތެރިއަކު ގެންނަން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޓްރާންސްފާ ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ ފިއޮރެންޓީނާގެ ސާބިއާ ފޯވާޑް ޑޫސާން ވްލަހޯވިޗް، އިންޓަގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޮޒޯވިޗް، ނެދަލެންޑްސްގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި، އިޓަލީގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ، މެނުއަލް ލަޒާރީ އަދި ޔުވެންޓަސްގެ މަތައިސް ނެދަލެންޑްސް ޑިފެންޑަރު ޑި ލިޓް އާއި އިޓަލީގެ ތަރި ފެޑެރީކޯ ކިއޭސާ އެވެ.
މީގެ ތެރެއިން ކިއޭސާ ގެންނަން ބޭނުންވަނީ ހެރީ ކޭން ޓޮޓެންހަމް ދޫކޮށްލާނަމަ އެ ޑީލުން ލިބޭ ފައިސާ އަށެވެ. އަދި މި ސީޒަނުގެ ނިޔަލަށް އިންޓަގެ ކޮންޓްރެކްޓްގައި ހުރި ބްރޮޒޯވިޗް ގެންނަން ޖެނުއަރީ މަހު ޓޮޓެންހަމް އިން މަސައްކަތް ކުރާނީ އެ ޓީމުގައި ހުރި ފްރާންސްގެ މިޑްފީލްޑަރު ޓަންގީ އެންޑޮމްބެލޭއާ ބަދަލުކުރުމަށް ފަހު އެވެ.












