ޕެރިސް (ނޮވެމްބަރު 1) - ބާސެލޯނާ އަށް ހިލޭ ކުޅެދޭން އެދިފައިނުވާ ކަމަށް އެ ޓީމު ދޫކޮށް މި ފަހަރު ޕީއެސްޖީ އަށް ބަދަލުވި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް ދިއުމުގެ ބަދަލުގައި އެ ޓީމަށް ހިލޭ ކުޅެދޭން މެސީ މަޑުކޮށްފާނެ ކަމަށް ދޭހަވާ ގޮތަށް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ދާދި ފަހުން ވަނީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.
"އަހަރެން ހީކުރިން މެސީ ނިންމުން ބަދަލުކޮށް ބާސެލޯނާ އަށް ހިލޭ ކުޅެދޭން މަޑުކުރާނެ ކަމަށް. މެސީ ހިލޭ ކުޅެން ހުރި ނަމަ ލަލިގާގެ ވެސް މައްސަލައެއް ނޯންނާނެ. އެކަމަކު، އަހަރެން ބޭނުމެއް ނުވި މެސީ ފެންވަރުގެ ކުޅުންތެރިއަކު ގާތުގައި އެ ގޮތަށް ހަދަން ބުނަން،" ސްޕެއިނުގެ ރޭޑިއޯ އަކަށް ބާސެލޯނާގެ ރައީސް ލަޕޯޓާ ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ލަޕޯޓާގެ އެ ވާހަކަތަކާ ބެހޭގޮތުން މެސީ ބުނީ ބާސެލޯނާގައި މަޑުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ.
"އަހަރެން ބާސެލޯނާއާ އެކު ބޭއްވި އެއްވެސް މަޝްވަރާއެއްގައި ބާސެލޯނާ އަކުން ނޭދޭ ހިލޭ ކުޅެދޭން. އެ މީހުން އެހީ އަހަރެންގެ މުސާރަ 50 ޕަސެންޓް ކުޑަކުރަން. އަހަރެން އެ ގޮތަށް އެއްބަސްވިން. އަދިވެސް މި ބުނަނީ އަހަރެން އުއްމީދު ކޮށްގެން ހުރީ ބާސެލޯނާގައި މަޑުކުރަން. އެކަމަކު، އެ ގޮތަށް ވާން ނެތީ،" ކަޓަލޫނިއާގެ ނޫހެއް ކަމަށްވާ ސްޕޯޓަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.
ޕީއެސްޖީއާ އެކު 2023 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި މެސީ ބުނީ ކްލަބް ކެރިއަރު ނިންމާލުމަށް ފަހު މުސްތަގުބަލުގައި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން އޭނާގެ ވިސްނުމަކީ ބާސެލޯނާ އަށް ހިދުމަތްތަކެއް ކޮށްދިނުން ކަމަށް މެސީ ބުނެފައިވެ އެވެ.
މެސީ ބުނީ ފުޓްބޯޅައިގައި ކެރިއަރު ނިމުމަކަށް ގެނައުމަށް ފަހު އޭނާ ދެން ހަރަކާތްތެރިވާން ބޭނުންވަނީ ސްޕޯޓިން ޑިރެކްޓަރެއްގެ މަގާމުގައި ކަމަށެވެ. ބާސެލޯނާ އަށް ހިދުމަތްކޮށްދޭން ސްޕޯޓިން ޑިރެކްޓަރެއްގެ ރޯލު ނޫން އެ ނޫން މަގާމެއް ލިބުނު ކަމުގައި ވިޔަސް އުފަލުން ބަލައިގަންނާނެ ކަމަށް މެސީ ވަނީ ބުނެފަ އެވެ.
ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަކީ ގައުމީ ޓީމަށް އޭނާ ކުޅެދޭ ފަހު މުބާރާތަށް ވުމުގެ ފުރުސަތު އެބައޮތްތޯ ސުވާލުކުރުމުން މެސީ ބުނީ ގައުމީ ޓީމުން އޭނާގެ އެހީތެރިކަމަށް އެދޭނަމަ ކޮންމެ މުބާރާތެއްގައި ވެސް ކުޅޭނެ ކަމަށެވެ.












