އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ދައުލަތުގެ އެކި އިދާރާތަކަށް އިންޓެލިޖެންސް އެއްކުރުމުގެ މަސައްކަތް ކުރުމަށް 181 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އިއްޔެ ހުށަހެޅި 36.9 މިލިއަން ރުފިޔާގެ ބަޖެޓުގައި ހަ އިދާރާއަކަށް އިންޓެލިޖެންސް މަސައްކަތް ކުރުމަށް ފައިސާ ހިމަނާފައިވެ އެވެ.
އިންޓެލިޖެންސްގެ މަސައްކަތް ކުރުމަށް ބަޖެޓު ދީފައި ވަނީ ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަން ޑިޕާޓްމަންޓާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށެވެ.
އިންޓެލިޖެންސްގެ މަސައްކަތް ކުރުމަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ ފުލުހުންނަށެވެ. އެގޮތުން އިންޓެލިޖެންސްގެ މަސައްކަތް ކުރުމަށް އެ އިދާރާއަށް 125.5 މިލިއަން ރުފިޔާ އޮތީ ކަނޑައަޅައިފަ އެވެ. އެމްއެންޑީއެފްއަށް ކަނޑައަޅާފައި ވަނީ 41 މިލިއަން ރުފިޔާ އެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން އިންޓެލިޖެންސްގެ މަސައްކަތް ކުރުމަށް އެންމެ ބޮޑު ބަޖެޓެއް ދީފައި ވަނީ ކަސްޓަމަށެވެ. އެ އޮފީހުގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ އޮޕަރޭޝަންސްތަކަށް ވަނީ 11.4 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އަދި އިމިގްރޭޝަން ޑިޕާޓްމަންޓުގެ އިންޓެލިޖެންސާއި ތަހުގީގުގެ ކަންކަމަށް 2.1 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިންޓެލިޖެންސް މަސައްކަތަށް 9.5 ލައްކަ ރުފިޔާ އޮތީ ހަމަޖައްސައިފަ އެވެ. ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިންޓެލިޖެންސް ފިއުޝަން ސެންޓަރަށް ސެލްއަށް ދީފައި އޮތީ 105،001ރ. އެވެ.

އޭގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ހިންގާ ރިހެބިލިޓޭޝަން އަދި ރިއިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގުމަށް ވެސް ބަޖެޓުގައި 5.4 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފަ އެވެ.
އިންޓެލިޖެންސްގެ މަސައްކަތް ކުރުމަށް ދައުލަތުގެ ބަޖެޓުގައި 181 މިލިއަން ރުފިޔާ ހިމަނާފައި މި ވަނީ މިދިޔަ މެއި 6، ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މަޖީދީ މަގުގައި ބޮމެއް ގޮއްވާލާފައި އޮއްވަ އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ޓެރަރިސްޓުންނަށް ދެވުނީ އިންޓެލިޖެންސްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނެރުނު އިންކުއަރީ ރިޕޯޓެއްގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި އެކި އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ އިންޓެލިޖެންސް ކޯޑިނޭޝަން އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ވެސް އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައި އޮތެވެ.













