މެޑްރިޑް (31 އޮކްޓޯބަރު) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ ބިލްބާއޯއާ ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ރެއާލް ސޮސިއެޑާޑް ތާވަލްގެ އެއް ވަނަ އަށް އަލުން ޖެހިލިއިރު، އެތުލެޓިކޯ މެޑްރިޑުން ރެއާލް ބެޓިސްއާ ވާދަކޮށް 3-0 އިން މޮޅުވެއްޖެ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ދެ ވަނައިގައި އޮތް ސޮސިއެޑާޑް އަލުން ތާވަލްގެ އެއް ވަނަ އަށް ޖެހިލީ 25 ޕޮއިންޓާއެކު އެވެ. ތާވަލްގެ ދެވަނައިގައި 24 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު، ތިން ވަނައިގައި އޮތް ސެވިއްޔާ ވެސް އޮަތީ 24 ޕޮއިންޓްގަ އެވެ.
ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ސޮސިއެޑާޑަށް ލީޑު ނަގައިދިނީ ސްވިޑަންގެ ފޯވަޑް އެލެކްޒަންޑާ އިސާކް އެވެ. މި މެޗުން މޮޅުވެގެން، ރެއާލްއާ ދެެމެދު އޮތް ލީޑު ފުޅާކުރަން ސޮސިއެޑާޑުން އުންމީދުކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ހިލޭ ޖެހުމަކުން ބިލްބާއޯގެ އީކާ މުނިއައީން ޖެހި ލަނޑާއެކު ސޮސިއެޑާޑް ފުއްދާލަންޖެހުނީ ޕޮއިންޓަކަށެވެ.
އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯ ވަނީ ރަނގަޅު ފޯމެއްގައި އޮތް ރެއާލް ބެޓިސްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގައި އެތުލެޓިކޯ އަށް ލީޑުނަގައިިދިނީ ބެލްޖިއަމްގެ ވިންގް ޔަނިކް ކަރާސްކޯ އެވެ. އޭނާ ގޯލު ޖެހީ ހަނި އޭންގަލުންނެވެ. އަނެއް ދެ ގޯލު ޖެހީ ޕޯޗުގީސް ވިންގް ޔާއޯ ފެލިކްސް އާއި ޖެރްމަން ޕެޒެއްލާ އެވެ. މީގެ ތެރެއިން ފެލިކްސް ޖެހި ގޯލަކީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ ތާވަލްގެ ހަތަރު ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ. -- ބީބީސީ












