ބާލިން (31 އޮކްޓޯބަރު) - ޖަރުމަން ލީގުގައި ރޭ ޔޫނިއަން ބާލިން އަތުން 5-2 އިން މޮޅުވެ، ޖަރުމަން ކަޕްގައި މިދިޔަ ހަފުތާގައި ބޮރޫޝިއާ މޮންޗަންގްލަޑްބެކް އަތުން ތަފާތު ބޮޑުކޮށް ބަލިވި ބަޔާން މިއުނިކުން ފެންވަރު ދައްކާލައިފި އެވެ.
ޖަރުމަން ކަޕްގައި މިދިޔަ ބުދަ ދުވަހު މޮންޗަންގްލަޑްބެކް އަތުން ބަޔާން ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކްލަބްގެ ތާރީހުގައި ވެސް ކުރިމަތިވި އެ ބޮޑު ނާކާމިޔާބީގެ މާޔޫސްކަމުން އަރައިގަނެ ބަޔާނުން ރޭ ވަނީ ބޮޑު މޮޅެއް ހޯދައިފަ އެވެ.
ބަޔާންގެ ކެޕްޓަން މެނުއަލް ނޯޔާ ބުނީ ޔޫނިއަން ބާލިން އަތުން ބޮޑު މޮޅެއް ވުމަކީ ކުރިއަށްދާން ހިތްވަރެއް ކަމަށާއި މި މޮޅުން ޓީމަށް އެހީ ލިބޭނެ ކަމަށެެވެ.
ރޭ ޔޫނިއަން ބާލިން އަތުން ތަފާތު ބޮޑުކޮށް ބަޔާން މޮޅުވިއިރު، ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މި ލަނޑުތަކާ އެކު މި ފަހަރު ބެލޮންޑިއޯ އަށް ވާދަކުރާ ލެވަންޑޯސްކީ ވަނީ ލީގުގައި ކުޅުނު 10 މެޗުން 12 ގޯލު ޖަހައިފަ އެވެ. ބަޔާނަށް ދެން ލަނޑު ޖަހައިދިނީ ލީރޯއީ ސާނޭ އާއި ކިންގްސްލީ ކޯމަން އަދި ތޯމަސް މުލާ އެވެ.
ޔޫނިއަން ބާލިން އަށް ލަނޑު ޖަހައިދިނީ ނީކޯ ގިސެލްމަން އަދި ޖޫލިއަން ރިޔޭރްސަން އެވެ. ރޭގެ މެޗުން ބަލިވުމުން ޔޫނިއަން ބާލިން އަމިއްލަ ދަނޑުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ 21 މެޗަށް ފަހު ނިމުން އައިސްފަ އެެވެ.
މި މެޗުން މޮޅުވެ، ބަޔާން ތާވަލްގެ އެއްވަނައިގައި އޮތީ 25 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 24 ޕޮއިންޓާއެކު އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ. ލީގުގައި ރޭ ކޮލޯން އަތުން ޑޯޓްމަންޑް މޮޅުވީ 2-0 އިންނެވެ. އެއް ވަނަ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރިއިރު، ރޭގެ މެޗުގައި ޑޯޓްމަންޑަށް ލަނޑު ޖަހައިދިނީ ތޯގަން ހަޒާޑާއި ސްޓެފައިން ޓީގޭސް އެވެ. -- ބީބީސީ












