ލަންޑަން (އޮކްޓޫބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލީގުގެ ރޭހުގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލަށް މޮޅުނުވެވުމުގެ ފައިދާ ނަގައި ޗެލްސީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.
އަމިއްލަ ދަނޑުގައި އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި ސިޓީ ބަލިވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 2-0 އިންނެވެ. ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ބްރައިޓަން އިން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. ދެ ވަނަ ހާފުގެ ގޯލުތަކާ އެކު ނިއުކާސަލް ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވީ 3-0 އިންނެވެ.
މި ނަތީޖާތަކާ އެކު ޗެލްސީ އެއް ވަނައިގައި އޮތީ 10 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 10 މެޗުން 22 ޕޮއިންޓެވެ. ތިންް ވަނައިގައި ސިޓީ އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ ހަތަރު ވަނަ މިނިޓްގައި ކެޕްޓަން ޖޯޑަން ހެންޑަސަންގެ ގޯލުން ލީޑުނަގައިފަ އެވެ. މެޗުގެ 24 ވަނަ މިނިޓްގައި ސަޑިއޯ މާނޭ ލިވަޕޫލްގެ ލީޑުފުޅާކުރި އެވެ. އަދި މާނޭ ވަނީ ލިވަޕޫލްގެ ތިން ވަނަ ގޯލެއް ވެސް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ނުލާން ނިންމީ މާނޭ އަތުގައި ބޯޅަ ޖެހުމުންނެވެ.

ބްރައިޓަންގެ ޓްރޮސާޑް (ވ) ލިވަޕޫލްގެ ކީޕަރު އެލިސަން ކައިރިން ބޯޅަ ހިފައިގެންދަނީ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަންގެ އީނޮކް އެމްވޭޕޫ ވަނީ އޭރިއާބޭރުން ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ބޯމަތިން ގޯލެއް ޖަހައި ބްރައިޓަން އަށް އުއްމީދެއް ހޯދައިދީފަ އެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި މާނޭ ދިން ބޯޅައަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ވީއޭއާރް އިން ނިންމީ ސަލާހުގެ ގޯލު އޮފްސައިޑް ކަމަށެވެ. ބްރައިޓަން އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބެލްޖިއަމްގެ ފޯވާޑް ލެއަންޑްރޯ ޓްރޮސާޑް އެވެ. ބްރައިޓަން މޮޅުކޮށްދޭން ޓްރޮސާޑް ފަހު ޖެހި ގޯލު ވަނީ ވީއޭއާރް އިން ބެލުމަށް ފަހު ކެންސަލް ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ޕެޕް ގާޑިއޯލާ ކޯޗުކޮށްދިން 200 ވަނަ މެޗުގައި އޭނާގެ ސިޓީ މިރޭ ވަނީ ރަނގަޅަށް ނުކުޅެވި ޕެޓްރިކް ވިއޭރާ ކޯޗުކޮށްދޭ ކްރިސްޓަލް ޕެލަސްގެ އަތްދަށުވެފަ އެވެ.
ސިޓީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ ހަ ވަނަ މިނިޓްގައި ވިލްފްރެޑް ޒަހާ ވަނީ ޕެލަސް އަށް ލީޑުނަގައިދީފަ އެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ޒަހާ އަށް ކުރި ފައުލަކަށް ސިޓީގެ ސްޕެއިން ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ސިޓީން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ދެ ވަނަ ހާފުގައި ގޯލެއް ޖެހި އެވެ. އެކަމަކު، ގަބްރިއެލް ޖީސޫސް ޖެހި ގޯލު ބަލައިނުގަންނަން ނިންމީ އޭނާ އަށް އެ ފުރުސަތު ތަނަވަސްކޮށްދިން ފިލް ފޯޑެން އޮފްސައިޑްގައި ހުރި ކަމަށް ވީއޭއާރް އިން ނިންމުމުންނެވެ. މެޗުގެ އިތުރު ވަގުތުގައި ޕެލަސްގެ ދެ ވަނަ ގޯލު ޖެހީ ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޒުވާން މިޑްފީލްްޑަރު ކޮނާ ގެލަގާ އެވެ.

ސިޓީގެ ފޯޑެން (ކ) އާއި ޕެލަސްގެ ގެލަގާ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
ނިއުކާސަލް ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ކަނާތު ފުލްބެކް ރީސް ޖޭމްސް އެވެ. މި ސީޒަނުގެ ހުރިހާ މުބާރާތަކަށް ބަލާއިރު ޗެލްސީގެ އެޓޭކްގައި އެންމެ ނުފޫޒު ގަދަ ކުޅުންތެރިއަކީ ޖޭމްސް އެވެ. އޭނާ ވަނީ ހަތަރު ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަަވަސްކޮށްދީފަ އެވެ.
ކައި ހަވާޓްޒަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން ޗެލްސީގެ ތިން ވަނަ ގޯލު ޖެހީ ޖޯޖީނިއޯ އެވެ. ޖޯޖީނިއޯ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ 10 ގޯލު ޕެނަލްޓީން ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ރަނގަޅު ފޯމެއްގައި އޮތް އާސެނަލުން ވަނީ މިރޭ ލެސްޓާ ސިޓީގެ ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. އާސެނަލުން މެޗުގައި ދެ ގޯލު ޖެހީ ކުރީކޮޅުގަ އެވެ. ލީޑުނެގި ގޯލު ބުކާޔޯ ސަކާގެ ކޯނަރަކުން ކާމިޔާބުކުރީ ގަބްރިއެލް އެވެ. ލެސްޓާ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އެމީލް ސްމީތު ރޯވް ވަނީ އާސެނަލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި މެޗުގައި ލެސްޓާ އިން ގޯލެއް ޖަހަން ފޮނުވާލި ގިނަ ހަމަލާތައް އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފަ އެވެ.
މި މޮޅާ އެކު އާސެނަލް ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 10 މެޗުން 17 ޕޮއިންޓް ހަމަކޮށްގެންނެވެ.












