ސަރުކާރު ކުންފުނިތަކަށް ކުރާ ހަރަދާ އެއްވަރުގެ އާމްދަނީއެއް ނުލިބޭތީ ގިނަ ފިޔަވަޅުތަކެއް

ސަރުކާރު ހިއްސާވާ ދިރާގާއި، އެމްޓީސީސީ އާއި އެސްޓީއޯގެ އޮފީސް އިމާރާތް: މި ތިން ކުންފުންޏަކީ އާންމުންގެ ބައިވެރިވުމާ އެކު ހިންގާ ޕަބްލިކް ކުންފުނިތައް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސަރުކާރު ހިއްސާވާ ދިރާގާއި، އެމްޓީސީސީ އާއި އެސްޓީއޯގެ އޮފީސް އިމާރާތް: މި ތިން ކުންފުންޏަކީ އާންމުންގެ ބައިވެރިވުމާ އެކު ހިންގާ ޕަބްލިކް ކުންފުނިތައް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސަަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަޖެޓުން ކުރަން ޖެހޭ ހޭދަ ކުޑަކުރުމުގެ ގޮތުން ކުންފުނިތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތާއި ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ މައުލޫމާތަށް ބަލާއިރު ސަރުކާރު ހިއްސާވާ ޖުމުލަ 32 ކުންފުނި އޮވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ސަރުކާރު ސައްތައިންސައްތަ ހިއްސާވާ 22 ކުންފުންޏާއި، ޕަބްލިކް ހަ ކުންފުންޏާއި ޕްރައިވެޓް ސެކްޓާ ބައިވެރިވެގެން ހިންގާ ހަތަރު ކުންފުންޏެވެ. މި ކުންފުނިތަކުގެ ތެރެއިން 27 ކުންފުނީގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ފިނޭންސުން ފާހަގަކުރި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ކުރާ ހޭދައަށް ވުރެ ކުންފުނިތަކުން ލިބޭ އާމްދަނީ ކުޑަ އެވެ. މީގެ ތެރެއިން ގިނަ ކުންފުނިތައް ހިންގޭ ވަރަށް އާމްދަނީ ނުލިބޭތީ ކޮންމެ އަހަރަކު ކެޕިޓަލް ކޮންޓްރިބިއުޝަންސްގެ ގޮތުގައި ބަޖެޓުން ބޮޑު ހޭދައެއް ހިނގަ އެވެ.

މިގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ބަޖެޓު ކުރި އަދަދަށް ވުރެ ބޮޑު އަދަދެއް ކެޕިޓަލް ކޮންޓްރިބިއުޝަންސްގެ ގޮތުގައި ކުންފުނިތަކަށް ދޫކުރެވިފައިވާއިރު، މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާ އާއި މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 2.1 ބިލިއަން ރުފިޔާ ކުންފުނިތަކަށް ހޭދަކޮށްފި އެވެ.

ފިނޭންސުން ބުނި ގޮތުގައި މިގޮތަށް ދިމާވަނީ، ބަޖެޓުގެ މަރުހަލާގައި ރާވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތައް ކުރިމަތިވުމާއި، ކޮމާޝަލް ނޫން ކަންކަން ކުންފުނިތަކާ ހަވާލުކުރުމާއި، ބަޖެޓުގައި ހިމެނިފައިވާ މިންވަރާ ހިލާފަށް ކުންފުނިތަކާ މަސައްކަތް ހަވާލުކުރާތީ އެވެ.

އޭގެ އިތުރުން މި ކުންފުނިތަކަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުނިތަކެއް ކަމުން މުދަލާއި ހިދުމަތުގެ ތެރެއިން ތެލާއި، ކަރަންޓާއި، ފެނާއި ދަތުރުފަތުރާއި ކުނި ނައްތާލުމުގެ ހިދުމަތުގެ އަގު ކުޑަކުރުމަށް ނުވަތަ ހިފެހެއްޓުމަށް ސަބްސިޑީގެ ގޮތުގައި ވެސް ފައިސާ ދޫކުރެ އެވެ.

އަދި ބައެއް ކުންފުނިތަކުން ނަގާފައިވާ ލޯނުތައް އެ ކުންފުންޏަށް ލިބޭ އާމްދަނީން ނުދެއްކިގެން ލޯނުތައް އަދާކުރުމަށާއި ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ވެސް ފައިސާ ދޫކުރެ އެވެ.

ފިނޭންސުން ބުނީ މިހެން ދިމާވާތީ ދައުލަތުގެ ބަޖެޓުން ކުންފުނިތައް ހިންގުމުގެ ބުރަ ބޮޑުވެ، ބަޖެޓުން އެހެން ކަންކަން ކުރަން އޮންނަ ފައިސާއިން މި ހަރަދުތައް ކުރަން ޖެހި އިތުރު ދަތިތައް ދިމާވާ ކަމަށެވެ.

ދެކޮޅުނުޖެހޭ ކުންފުނިތަކަށް ތިން ގޮތެއް: އުވާލުން، ރީސްޓްރަކްޗާކުރުން، ޕްރައިވެޓައިޒް ކުރުން

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އާމްދަނީ ލިބެނީ މަދު ކުންފުންޏަކުންނެވެ.

މީގެ ތެރެއިން ބައެއް ކުންފުނިތައް ހިންގުމުގެ ހަރަދަށް މުޅިންހެން ބަރޯސާ ވަނީ ސަރުކާރަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ވެސް 16 ކުންފުންޏަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކުރަން ވަނީ ހުށަހަޅާފަ އެވެ.

titledesc

ކުންފުނިތައް ހިންގަން ސަރުކާރުން ކުރާ ހޭދަ އިތުރުވީ ނަމަވެސް ގިނަ ކުންފުނިތަކުން އެވަރުގެ އާމްދަނީއެއް ނުލިބެ އެވެ. އަދި ބައެއް ކުންފުނިތަކުން އެއްވެސް ވަރަކަށް އާމްދަނީއެއް ނުލިބެ އެވެ. މީގެ ތެރެއިން ބައެއް ކުންފުނިތައް އުވާލި ނަމަވެސް، އިގުތިސޯދުގައި އަދާކުރާ ދައުރާއި ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ގޮތުން އަނެއްބައި ކުންފުނިތައް އުވާލެވޭކަށް ނެތެވެ.

އެހެން ނަމަވެސް މިގޮތަށް ކުންފުނިތައް ގެއްލުމުގައި ހިންގަން ދޫކޮށްލުމުގެ ބަދަލުގައި ފިނޭންސުން އަންނަނީ އިތުރު ފިޔަވަޅުތައް އަޅައިގެން ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރަން މަސައްކަތްކުރަމުންނެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ހަރަދުުތައް ދެކޮޅު ޖައްސަން ކުންފުނިތައް ރީސްޓްރަކްޗާ ކުރުމާއި ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުމާއި ޕްރައިވެޓައިޒް ކުރުން ހިމެނެ އެވެ.

މި ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރަން ޖެހޭ ދިރާސާތައް މި އަހަރުގެ ތެރޭގައި ފަށައިފި އެވެ. ފިނޭންސުން ބުނީ މި ދިރާސާގެ އަލީގައި އަންނަ އަހަރު ސަރުކާރު ކުންފުނިތަކުގެ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ފަށާނެ ކަމަށެވެ. މިގޮތަށް ޕްރައިވެޓައިޒް ކުރަން ނިންމާފައި ވަނީ ކޮން ކުންފުނިތަކެއް ކަމެއް ބަޖެޓުގައި ނެތަސް މައުލޫމާތު ލިބޭ ގޮތުގައި މި ކުންފުނިތަކުގެ ތެރޭގައި ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ހިމެނެ އެވެ.

ފިނޭންސުން ބުނީ މީގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ކުންފުނިތަކަށް ކުރާ ހަރަދު ކުޑަވެ، ފައިސާ ދީގެން ކުންފުނިތައް ހިންގަން ސަރުކާރަށް އޮތް ބުރަ ކުޑަވެގެން ދާނެ ކަމަށެވެ.

މާލީ އެހީ ދިނަސް، ޑިވިޑެންޑު ލިބެނީ މަދު ކުންފުންޏަކުން

ސަރުކާރު ހިއްސާވާ 32 ކުންފުނީގެ ތެރެއިން 13 ކުންފުންޏަކަށް ކެޕިޓަލް އެހީ ލިބެ އެވެ. އަދި ފަސް ކުންފުންޏަކަށް ސަބްސިޑީ އަދި ދެ ކުންފުންޏަށް ގްރާންޓްގެ އެހީ ލިބެމުން ދެއެވެ.

ސަރުކާރުން މާލީ އެހީދިން ނަމަވެސް މި ކުންފުނިތަކުގެ ތެރެއިން ބަރާބަރަށް ޑިވިޑެންޑް އާމްދަނީ ދައްކަނީ 10 ކުންފުންޏަކުންނެވެ. މީގެ ތެރެއިން ވެސް 50 ޕަސެންޓު ހިއްސާކުރަނީ އެންމެ ތިން ކުންފުނިންނެވެ. އަދި ކޮވިޑު ބަލިމަޑުކަމާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން މި އަދަދު މިޔަށް ވުރެ ދަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ހަމައެއާއެކު އާންމުކޮށް ގިނައިން ޑިވިޑެންޑް ދައްކާ ކުންފުނިތަކާ ދައުލަތުން ހަވާލުކޮށްގެން ހިންގާ ކެޕިޓަލް މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ މެނޭޖްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަޝްރޫއުތަކަށް ފައިނޭންސްކުރަން ފައިދާ ރީޓެއިންކުރުމުގެ ފުރުސަތު ވެސް ފިނޭންސުން ވަނީ ދީފަ އެވެ.

މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ފާހަގަކޮށްލެވެ އެވެ.

ނަމަވެސް ފިނޭންސުން ލަފާކުރަނީ މި އަހަރާއި އަންނަ އަހަރު ވެސް ޑިވިޑެންޑުން ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށެވެ. އެގޮތުން މި އަހަރަށް ކުންފުނިތަކުން ޑިކްލެއާކުރީ 541.7 މިލިއަން ރުފިޔާއަށް ވުރެ އަންނަ އަހަރު ޑިވިޑެންޑް އާމްދަނީ ބޮޑުވާނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ. އެކަމަކު ހުސްވި ސެޕްޓެމްބަރުގެ ނިޔަލަށް މީގެ ތެރެއިން ސަރުކާރަށް ލިބުނީ 159.2 މިލިއަން ރުފިޔާ އެވެ.

ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑް އާމްދަނީ ދެނީ އޭގެ ކުރީ އަހަރުގެ ހިސާބުތަކަށް ބިނާކޮށްފަ އެވެ. އެހެންކަމުން މި އަހަރު އާމްދަނީ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯ އާއި ދިރާގާއި އެމްޓީސީސީ އާއި ބީއެމްއެލްއިން އަންނަ އަހަރު ބޮޑު ޑިވިޑެންޑެއް ލިބޭނެ އެވެ.

އަދި ކުންފުނިތަކުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox