އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
"ފާގަތި ދިރިއުޅުމަކަށް" ޝިޔާރުގެ ދަށުން ތައްޔާރުކޮށްފައިވާ 2022 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުގެ ހުށަހަޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
އަންނަ އަހަރުގެ ބަޖެޓް، މި ހިނގާ 2021 ގެ ބަޖެޓަށް ވުރެ 2 ބިލިއަން ރުފިޔާ ބޮޑެވެ. މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓްގެ ޖުމުލައަކީ 34.9 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހުގެ އާމްދަނީ އެވެ. ޓެކްސް ނޫން ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
އާމްދަނީ އާއި ހަރަދު
އަންނަ އަހަރުގެ އާމްދަނީގެ 63 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އެވެ. ޓެކުހުގެ އާމްދަނީން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. އަންނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެ ކަމަށް ލަފާ ކުރާއިރު، ޖީއެސްޓީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ، ބިޒްނަސް އަދި ޕްރޮފިޓް ޓެކުހުގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި 824 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އަންދާޒާކުރެ އެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަންނަ އަހަރު، ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.7 ބިލިއަން ލިބޭނެ ކަމަށް ލަފާކުރެ އެވެ. އެހެން އަހަރުތަކަށް ވުރެ މި އާމްދަނީ އިތުރުވަނީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ޓޫރިޒަމް ހުއްޓުމާއެކު ރިސޯޓްތަކުގެ ފަސްކުރި ކުލި ހިމަނާފައިވާތީ އެވެ.
އިންޓަރެސްޓާއި ފައިދާގެ ގޮތުގައި އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، އެއާޕޯޓް ޑިވޮލެޕްމެންޓް ފީގެ ގޮތުގައި 769 މިލިއަން ރުފިޔާ، ރަޖިސްޓްރޭޝަން އާއި ލައިސަންސްފީގެ ގޮތުގައި 741 މިލިއަން ރުފިޔާ، ވޯކް ޕާމިޓް އަދި ކޯޓާގެ ގޮތުގައި 636 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 868 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.
އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، ދައުލަތުގެ ހަރަދަށް އާމްދަނީ އަށް ވުރެ 10 ބިލިއަން ރުފިޔާ އިތުރަށް ހިނގަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަވަނީ ރިކަރަންޓް ހަރަދަށެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ އަންނަ އަހަރު ހޭދަވާނެ ކަމަށް ލަފާކުރާއިރު، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 6.2 ބިލިއަން ރުފިޔާ، އަދި އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު 2020 ވަނަ އަހަރު 33.3 އިންސައްތަ ދަށަށް ދިޔަ އެވެ. އިގުތިސާދު އިޔާދަވާން ފަށައި މިއަހަރު ނިމޭއިރު 31.6 އިންސައްތަ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 12 އިންސައްތަ ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.
އިގުތިސާދު އިޔާދަވާން ފަށާފައި ވަނީ ދައުލަތުގެ ފިސްކަލް ސިޔާސަތު ހާލަތާ އެއްގޮތަށް ބަދަލުކޮށް ވިޔަފާރިތަކަށާއި ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދީ، ސިނާއަތްތަކަށް އަރާ ބުރޫ ކުޑަވާނެ ގޮތަށް ދައުލަތުގެ ހަރަދުތައް ބައްޓަން ކުރުމުގެ ސަބަބުނެވެ.
ހުށަހަޅާފައި ވަނީ މެދުރާސްތާގެ ބަޖެޓެއް
ދައުލަތުގެ ހަރަދު ކުޑަކުރި ނަމަވެސް ދައުލަތުގެ އާމްދަނީ ބޮޑު ތަނުން ދަށްވުމުގެ ސަބަބުންނާއި އިގުތިސާދު އަލުން ހިންގުވަން ފަށައި، އަދި ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން އިތުރު ހަރަދުތައް ކުރަން ޖެހުމުގެ ސަބަބުން ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑުވެފަ އެވެ.
މިކަންތައްތަކަށް ބަލައި 2022 ވަނަ އަހަރަށް ފިނޭންސް މިނިސްޓްރީން އެކުލަވާލާފައި ވަނީ މެދުރާސްތާގެ ބަޖެޓެކެވެ. މިގޮތަށް ބަޖެޓު އެކުލަވާލާފައި ވަނީ ވަކި "އެންކާ"ތަކެއް ނުވަތަ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ގެރެންޓީ ނުހިމަނައި ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރިކުރަން ވަނީ އަމާޒު ހިފާފަ އެވެ. އަދި 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުމަށްވެސް ވަނީ އަމާޒުހިފާފަ އެވެ.
މީގެ އިތުރުން ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބެއްގައި މެދުރާސްތާގައި ބެހެއްޓުމަކީވެސް އަމާޒެކެވެ.
9.7 ބިލިއަން ރުފިޔާގެ ޑެފިސިޓެއް، ފޫބައްދަން 13.4 ބިލިއަން ރުފިޔާ
އަންނަ އަހަރަށް ކަނޑައަޅާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން ދައުލަތުގެ ޖުމުލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 34 ބިލިއަން ރުފިޔާ އެވެ. ލޯނު އަނބުރާ ދެއްކުމަށް ހަރަދުވާ ފައިސާ އާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސްމާލުގެ ގޮތުގައި ދައްކާ ފައިސާ ހަރަދުގެ ތެރޭގައި ނުހިމެނެ އެވެ.
މިހާރު ހުށަހަޅާފައިވާ ބަޖެޓުގެ އާމްދަނީއަށް ވުރެ ހަރަދު 9.7 ބިލިއަން ރުފިޔާ އިތުރެވެ.
މިދިޔަ އަހަރު ރާއްޖޭގެ އާމްދަނީ ދަށްވެ ހަރަދު އިތުރުވުމުގެ ސަބަބުން ފައިނޭންސިން ގެޕް ވަރަށް ބޮޑުވެގެން ދިޔަ އެވެ. މިއަހަރު މި ގެޕް ކުޑަކުރެވެން ފަށާފައިވާ އިރު އަންނަ އަހަރުގެ ބަޖެޓަށް 13.4 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވެ އެވެ. ބަޖެޓް ފޫބެއްދޭނީ އެ ފައިސާ ހޯދައިގެންނެވެ.
މީގެ އިތުރުން ލޯނުތައް އަނބުރާ ދައްކަން 2.9 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާނެ އެވެ. އަދި އެހެނިހެން ކަންކަމަށް 805 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ.
މީގެ ތެރެއިން 7.5 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ނިންމާފައި ވަނީ ބޭރުގެ ފަރާތްތަކުންނެވެ.
އޭގެ ތެރޭގައި ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން 200 މިލިއަން ޑޮލަރާއި މަޝްރޫއުތަކުގެ ލޯނު ޑިސްބާސްމަންޓްތަކުގެ ގޮތުގައި 187 މިލިއަން ޑޮލަރާއި ގްރީން ނުވަތަ ބްލޫ ބޮންޑެއް ވިއްކައިގެން 50 މިލިއަން ޑޮލަރު އަދި ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.
ފައިނޭންސްގެ ގޮތުގައި ރާއްޖޭގެ އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ބަޖެޓްގައި ހިމަނާފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެންނާއި ސްޓްރެޓެޖިކް ޕާޓްނަރުންނާ ގުޅި ކުންފުނިތައް ޕްރައިވަޓައިޒްކޮށްގެން 771 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ވެސް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. ނަމަވެސް ޕްރައިވެޓައިޒް ކުރާ ކުންފުނިތަކާއި އުސޫލެއް އަދި ކަނޑައަޅައި އިއުލާނެއް ނުކުރެ އެވެ.












