ގައުމީ ފުޓްބޯޅަ ޓީމުގެ މޯޓިވޭޝަން ރަނގަޅުވުމަކީ އަންނަ މަހު 8-17 އަށް ސްރީ ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕްގައި ވާދަކުރަންދާއިރު ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް އޭނާގެ ކުރެއްދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި އިއްޔެ ގައުމީ ޓީމުން ކުޅުނު އެކްސިބިޝަން މެޗުގެ ޖުމްލަ އަގަކީ 1.2 މިލިއަން ރުފިޔާ އެވެ. ކުރެއްދޫ ޓީމު އަތުން އެ މެޗުން ގައުމީ ޓީމު ވަނީ 1-7 އިން މޮޅުވެފަ އެވެ.
މެޗަށް ފަހު ރާއްޖެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއިލާގެ ނަމުގައި އުއްޗު އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެެވެ. ގައުމީ ޓީމަށް މޯޓިވޭޓް ކުރުމުގެ ގޮތުންނާއި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ދެއްކި ކުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން މި ފަދަ މެޗެއް އިންތިޒާމް ކޮށްދެއްވީތީ ބައްސާމް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.
"ހަމަ ހިތްވަރު ދެއްވުމާ އެކީގައި މި ފައިސާގެ އިނާމެއް ވެސް ދެވިގެން މި ދިޔައީ،" ބައްސާމް ވިދާޅުވި އެވެ. "ސްރީ ލަންކާގައި މި އޮތް މުބާރާތަށް ދާއިރުގައި ޓީމަށް ތައްޔާރުވުމަށްޓަކައި ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ،"
މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ގައުމީ ޓީމަށް ހިތްވަރުދޭން އިވެންޓެއް ބާއްވައިފަ އެވެ.
ކުރެއްދޫ މެޗަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމް ބެހިފައިވާ ގޮތަށް ބަލާއިރު، ކުރެއްދޫގެ ފަރާތުން ހުށަހެޅި ފަސް ލައްކަ ރުފިޔާ އާއި އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި ދިރާގުން ދިން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދިން އެއް ލައްކަ ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ސަން ފްރަންޓާއި ލޮޓަސްގެ ފަރާތުން ވެސް ވަނީ ހަދިޔާތަކެއް ދީފަ އެވެ.
ބައްސާމް ވިދާޅުވީ މި އިނާމް ފައިސާ އެއްކޮށް ބެހިގެންދާނީ އެއްވަރަކަށް ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކަމަށެވެ.
ލަންކާގައި އޮތް މުބާރާތުގައި ރާއްޖެ ވާދަކުރަން ޖެހެނީ ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއާ އެވެ. އެ މުބާރާތަށް ރާއްޖޭން ނުކުންނާނީ އާ ކޯޗަކާ އެކީގަ އެވެ. އެއީ ދާދި ފަހުން ގައުމީ ޓީމާ ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އެވެ.
ބައްސާމް ވިދާޅުވީ ލަންކާ މުބާރާތަށް ދާއިރު ޓާގެޓަކީ މުބާރާތް ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެެވެ.
"އެ މަންޒިލަށް ވާސިލް ވެސް ވެވޭނެ. މިހާރު ވެސް އަޅުގަނޑުމެންގެ ޓީމު އާ ކޯޗަކާ އެކީގައި މަސައްކަތް ފެށިގެން މިދަނީ ވަރަށް ފޯރީގައި ވަރަށް ޖޯޝުގައި. އަޅުގަނޑު ގަބޫލުކުރާހިތް އޮތީ އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން އުފާވާވަރުގެ ކާމިޔާބެއް ހޯދައިގެން އެނބުރި އަންނާނެއޭ،" ބައްސާމް ވިދާޅުވި އެވެ.
ނިމިދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕާއި ގައުމީ ޓީމުގެ އެކި ކަންކަމުގައި ސަޕޯޓަރުންގެ ފަރާތުން އެ ދިން އެހީތެރިކަން އަދި ވެސް ހުއްޓުމެއް ނެތި ގައުމީ ޓީމަށް ފޯރުކޮށްދޭން ބައްސާމް ވަނީ އެދިލައްވައިފަ އެވެ. އަދި އެ އަށް ވުރެ ވަރުގަދަކޮށް އެ ސަޕޯޓް ދައްކުވައިދީފިނަމަ ލަންކާ މުބާރާތުގައި ގައުމީ ޓީމުން ރަނގަޅު ކާމިޔާބެއް ހޯދަން ހިތްވަރަކަށްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.











