ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ގެނެވިފައި މިވަނީ މުޅި ގައުމުގެ މަސައްކަތުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ސަރުކާރުން ހިފި އަމާޒު ކަމަށްވާ އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް މިއަދު ވަނީ ވާސިލްވެފަ އެވެ. އެއް މިލިއަން ވަނަ ޓޫރިސްޓް ކަމަށްވާ ގަތަރު އެއާވޭޒް އިން ރާއްޖެ އައި ފްރާންސްގެ ޓޫރިސްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
"އަދަދު" އާ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ މިއީ ޓޫރިޒަމް ސިނާއަތުގެ ހިންސާދާރުންނާއި މިނިސްޓްރީ އާއި ކަމާގުޅުންހުރި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ރައްޔިތުންގެ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު ވަނީ މިއަދަދަށް ރާއްޖެއަށް ފަތުރުވެރިން ގެނެވިފައި މިވަނީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ގުރުވާނީ ތަކަކާ އެކު ކަމަށެވެ.
"ކޮވިޑުން ރައްކާތެރިވެ، ބަލި ކޮންޓްރޯލުކުރަން ރައްޔިތުން ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ނިމޭ އިރު 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރު އުއްމީދު ކުރައްވައިފަ އެވެ. މިއީ ކޮވިޑް ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެ އައި އަދަދު ކަމަށްވާ 1.7 އާ ގާތްކުރާ އަދަދެކެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް އަހަރު އަންނަ އަހަރު ފާހަގަކުރާ އިރު، ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑުގެ ފުރަތަމަ ރާޅު އައުމާ އެކު އޭޕްރިލް މަހު ރާއްޖެ އަށް ޓޫރިސްޓުން ގެނައުން ހުއްޓާލި އެވެ. ޖުލައި މަހު އަލުން ޓޫރިޒަމް ފަށައިގެން މަޑުމަޑުން ރަނގަޅުވެ އަހަރު ނިމުނުއިރު ހުރީ ރަނގަޅު ރޭޓޭއްގަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ އެއް ކްރެޑިޓް ރޭޑިން އޭޖެންސީ ކަމަށްވާ އެމެރިކާގެ ފިޗުން ފާހަގަކުރާ ގޮތުގައި ކޮވިޑް ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އައި ލޮޅުމުން އަރައިގަނެވި ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރުން 70 އިންސައްތައާ ގާތްކުރާ އަދަދަށް މިހާރު ސިނާއަތް އާރާސްތުވެފައިވެ އެވެ.
އަންނަ އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދި ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރުން 80 އިންސައްތަ ރިކަވާ ވާނެ ކަމަށް ފިޗުން ލަފާކުރާ އިރު 2023 ވަނަ އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 100 އިންސައްތަ ރިކަވާ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ












