ނިމިގެން ދިޔަ މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ތިން ވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު އާމްދަނީ ވަނީ ދެ ވަނަ ކުއާޓަރަށް ވުރެ އިތުރު ވެފަ އެވެ. ދެ ވަނަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.2 ބިލިއަން ރުފިޔާ އެވެ.
މިދިޔަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ތެލުން ލިބުނު ފައިސާ އެވެ.
ތެލުން އެސްޓީއޯ އަށް 1.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ ކުއާޓަރުގައި ލިބުނު 1.4 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 301.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ތެޔޮ ނޫން އެހެނިހެން ގޮތްގޮތުން އެސްޓީއޯއަށް މިދިޔަ ކުއާޓާގައި ލިބިފައި ވަނީ 771 މިލިއަން ރުފިޔާ އެވެ. މިދިޔަ ކުއާޓާގައި ލިބިފައި ވަނީ 770 މިލިއަން ރުފިޔާ އެވެ.
މިދިޔަ ކުއާޓާގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި އެސްޓީއޯ އަށް 148 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ނެޓް ޕްރޮފިޓްގެ ގޮތުގައި ލިބިފައި ވަނީ 129 މިލިއަން ރުފިޔާ އެވެ.
މިއަހަރު ފެށުނީއްސުރެ އެސްޓީއޯގެ އާމްދަނީ ދިޔައީ އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެސްޓީއޯ އަށް ލިބުނީ 1.8 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓާގައި އާމްދަނީ ވަނީ ދެ ބިލިއަނަށް އިތުރުވެފަ އެވެ.
މިއަހަރުގެ ކޮންމެ ކުއާޓަރެއެއްގައި ވެސް އެސްޓީއޯގެ އާމްދަނީ މުޅިން ވެސް އުޅެނީ 2 ބިލިއަނުން މަތީގަ އެވެ.










