މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އޭ.އީ އަބްދުލް މުހައިމިން ފައިސާގެ މައްސަލަތަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.
ބޭންކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސަސްޕެންޑް ކުރަން އަންގާ ލިޔުމެއް ފޮނުވާފައި ނުވާ ކަމުގެ ޔަގީންނަށް ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް ދޭ ކަމަށެވެ.
އަބްދުލް މުހައިމިން އަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އެމްއައިބީ އާ ގުޅުމުގެ ކުރިން މުހައިމިން ވަނީ ޔުނައިޓެޑް ކޮމާޝަލް ބޭންކް އޮފް ބަންގްލަދޭޝްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފަ އެވެ. އަދި ބަންގްލަދޭޝްގެ ބްރަކް ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް މުހައިމިން ވަނީ ފުރުއްވައިފަ އެވެ.










