މެޑްރިޑް (އޮކްޓޫބަރު 29) - ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އަތުން 2-0 އިން މޮޅުވެ، ރެއާލް ސޮސިއެޑާޑް އަލުން ލީގުގެ އެއް ވަނަ އަށް އެރިއިރު، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ފަހު ވަގުތު ލެވަންޓޭއާ 2-2 އިން އެއްވަރުވެއްޖެ އެވެ.
ރޭގެ ނަތީޖާތަކަށް ފަހު ސޮސިއެޑާޑް އެއް ވަނަ އަށް އެރީ 11 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ތިން ވަނައިގައި އޮތް ސެވިއްޔާ އަދި ހަތަރެއްގައި އޮތް ރެއާލް ބެޓިސް އަށް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން ރެއާލާއި ސެވިއްޔާ 10 މެޗު ކުޅުނުއިރު، ބެޓިސް ވަނީ 11 މެޗު ކުޅެފަ އެވެ.
ސެލްޓަ ދަނޑުގައި ރޭގެ މެޗު ފަށައިގެން އެ ޓީމުގެ ނޮލީޓޯ އޭރިއާތެރެއިން ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ސެލްޓަގެ ޑެނިސް ސުއަރޭޒް ފޮނުވާލި ހަމަލާ ސޮސިއެޑާޑްގެ ކީޕަރު މެޓް ރަޔާން ވަނީ މަތަކޮށްފަ އެވެ. އަދި ސުއަރޭޒާއި ސަންޓީ މީނާ ފުލުފުލުގައި ޖެހި ބޯޅަތަައް ވެސް ކީޕަރު ރަޔާން ވަނީ ހުއްޓުވައިފަ އެވެ.
ސޮސިއެޑާޑް އިން ލީޑުނެގީ މެޗުގެ 53 ވަނަ މިނިޓްގަ އެވެ. ސޮސިއެޑާޑްގެ އަދްނާން ޔަނުޒާއި ޖެހި ބޯޅައެއް ސެލްޓަގެ ކީޕަރު މަޓިއަސް ގައިގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވިއިރު، ރަނގަޅު ވަގުތުގައި އެ ތަނަށް އަރައިހުރި ސޮސިއެޑާޑްގެ ފޯވާޑް އަލެކްސަންޑަ އިސާކް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ސޮސިއެޑާޑަށް ކުރިހޯދައިދީފަ އެވެ.
ސެލްޓަ އަށް އެއްވަރުކޮށްދޭން އިއާގޯ އަސްޕާސް އާއި މީނާ ޖެހި ބޯޅަތައް ވެސް ހުއްޓުވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ރަޔާން އެވެ. މެޗުގެ 79 ވަނަ މިނިޓްގައި ސޮސިއެޑާޑްގެ ދެ ވަނަ ގޯލު ޖެހީ މިކޭލް މެރީނޯ ނެގި ކޯނަރަކުން އަރިޓްޒް އެލުސްޓޮންޑޯ ބޮލުންނެވެ.

އެތުލެޓިކޯގެ ގްރީޒްމަން ބޯޅަ ފޮނުވާލަނީ.
ލެވަންޓޭ ދަނޑުގައި ފުރަތަމަ ލީޑުނެގީ އެތުލެޓިކޯ އިންނެވެ. އެ ޓީމަށް ލީޑުނަގައިިދިން ގޯލު 12 ވަނަ މިނިޓްގައި ޖެހީ އެންޓޮއިން ގްރީޒްމަން ބޮލުންނެވެ. މިއީ އަލުން އެތުލެޓިކޯ އަށް ބަދަލުވި ފަހުން ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.
ލެވަންޓޭ އިން 37 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ކުރި ފައުލަކަށް ދިން މި ޕެނަލްޓީ ލެވަންޓޭގެ އެނިސް ބާދީ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.
އެތުލެޓިކޯ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 76 ވަނަ މިނިޓްގައި ބްރެޒިލްގެ ފޯވާޑް މަޓެއުސް ކޫންޔާ އެވެ. އޭނާ މި ގޯލު ޖެހީ ރޮޑްރީގޯ ޑެ ޕޯލް ދިން ބޯޅައަކުންނެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނުކުތީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް ވަނީ ދެ ރީނދޫ ކާޑު ދެއްކުމަށް ފަހު ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެެ. އެއީ ރެފްރީގެ ނިންމުންތަކާ ތަކުރާރުކޮށް ދެކޮޅު ހެދުމުންނެވެ.
ލެވަންޓޭ އިން ދެ ވަނަ ފަަހަރަށް އެއްވަރުކުރީ ވެސް ޕެނަލްޓީ އަކުން ޖެހި ގޯލަކުންނެވެ. މެޗުގެ 89 ވަނަ މިނިޓްގައި މި ޕެނަލްޓީ ވެސް ކާމިޔާބުކުރީ ބާދީ އެވެ. މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.
މި ނަތީޖާއާ އެކު އެތުލެޓިކޯ ލީގުގެ ހަ ވަނައިގައި އޮތީ 10 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.












