އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ޒުވާން އަންހެން ނަރުހެއް މަރާލިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި އޭނާގޭ ފިރިމީހާ މާވިން 15 ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުއްލި އަދި ހަގީގަތް ނޭނގޭ ގޮތަކަށް މިދިޔަ އަންގާރަ ދުވަހު މަރުވި މޭރީ ގްރޭސް ޕިނޭޑާ މަސައްކަތް ކުރީ ޑރ. އަހުމަދު ރާޒީ މެމޯރިއަލް ޑަޔަލެސިސް ސެންޓަރުގެ ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގަ އެވެ. އޭނާގެ ފިރިމީހާ މާވިން، 28، އަކީ ހޮސްޕިޓަލުގެ އީއާރުގައި މަސައްކަތް ކުރާ ނަރުހެކެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ބުނީ ފުލުހުންގެ އެދުމުގެ މަތިން މާވިންގެ ބަންދުގެ މައްސަލަ މިއަދު ކުރިއަށްދިޔައީ ސިއްރުކޮށްގެން ކަމަށެވެ. ނަމަވެސް އޭނާ 15 ދުވަހު ބަންދުގައި ބަހައްޓަން އަމުރު ކުރިކަން ކޯޓުން ކަށަވަރުކޮށްދިނެވެ.
ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ އޭނާ ދަންޖެހިގެން މަރުވީ ކަމަށެވެ. ނަމަވެސް "އެ މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ހުރި ކަމަށް ފާހަގަ" ކުރެވޭ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ގްރޭސް އަށް މީހަކު ހަމަލާދީފައިވާ ކަމަށް ޝައްކު ކުރެވޭ ބައެއް ނިޝާންތައް އޭނާގެ ހަށިގަނޑުން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

ގްރޭސް ރާއްޖޭގެ ރިސޯޓެއްގައި: މަރުވިއިރު ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކު ހުރޭ -- ފޮޓޯ: ސޯޝަލް މީޑިއާ

ގްރޭސްގެ މަރާ ގުޅިގެން "އަދަދު" އިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އަންގާރަ ދުވަހު ވެސް އޭނާ ޑިއުޓީއަށް ނިކުތް ކަމަށާއި މަސައްކަތުގައި އެއްވެސް ތަފާތެއް އެ ދުވަހު ފާހަގަ ނުކުރެވޭ ކަމަށެވެ.
ގްރޭސް މަރުވީ މަސައްކަތުން ލިބުނު ހުސް ވަގުތުކޮޅެއްގައި ގެއަށް ދިޔަ ފަހުން ކަމަށްވެ އެވެ. އަދި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވެސް ހުންނަ ގްރޭސްގެ މަރާއެކު ޑރ. އަހުމަދު ރާޒީ މެމޯރިއަލް ޑަޔަލެސިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސިހުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ހަމަ ފިލިޕީންސްގެ އީއާރު ނަރުހަކާ ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭ ގްރޭސް ދަންޖެހިގެން އަމިއްލަ މަރުވިކަން ގަބޫލު ކުރަން އޭނާގެ ރަހުމަތްތެރިންނަށް ދަތި ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
ގްރޭސް އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.













