ލަންޑަން (އޮކްޓޫބަރު 28) - އިނގިރޭސި ލީގު ކަޕްގައި މިރޭ 2-0 އިން ޕްރެސްޓަން ނޯތު އެންޑް ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ވެސްޓް ހެމް އަތުން ޕެނަލްޓީ ޖަހައިގެން 5-3 އިން ބަލިވެ، އެންމެ ފަހު ހަތަރު އަހަރުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފި އެވެ.
ސިޓީ އަކީ އެންމެ ފަހުން ހަ އަހަރުގެ ތެރޭ ލީގު ކަޕްގެ ތަށި ފަސް ފަހަރު އުފުލާލި ޓީމެވެ. އަދި އެންމެ ފަހުން ހަތަރު އަހަރުގެ ޗެމްޕިއަން ވެސް މެ އެވެ. ލީގު ކަޕްގެ ނޮކައުޓް މެޗަކުން ސިޓީ ބަލި މިވީ ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ. ވެސްޓް ހޭމް އިން މި ވަނީ މި ފަހަރުގެ ލީގު ކަޕްގައި މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ ވެސް ކަޓުވާލައިފަ އެވެ.
ވެސްޓް ހޭމްގެ ހޯމް، ލަންޑަން އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގެ 90 މިނިޓް ހަމަވިއިރު، ދެ ޓީމު ވެސް އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ލީގު ކަޕްގެ ގަވާއިދުގައިވާ ގޮތުން ފުރިހަމަ ވަގުތު ހަމަވާއިރު، އެއްވަރުވެފައި އޮވެއްޖެނަމަ އިތުރު ވަގުުތުގެ ދެ ހާފް ނުކުޅެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަހާނެ އެވެ.
ޕެނަލްޓީގައި ވެސްޓް ހޭމްގެ ކެޕްޓަން މާކް ނޯބަލް ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްފައި ވަނިކޮށް ސިޓީގެ ފުރަތަމަ ޕެނަލްޓީ އެ ޓީމުގެ ޒުވާން ތަރި ފިލް ފޯޑެން އަތުން ވަނީ ނާކާމިޔާބުވެފަ އެވެ. ފޯޑެން ޖެހި ޕެނަލްޓީ ދިޔައީ ގޯލާ ސީދާ ނުވެ އަރިމަތިންނެވެ. ވެސްޓް ހޭމް އާއި ސިޓީން ވަނީ ދެން ޖެހި ހުރިހާ ޕެނަލްޓީ އެއް ކާމިޔާބު ކޮށްފަ އެވެ. ސިޓީގެ ޕެނަލްޓީތައް ޖެހީ ޖޮއާއޯ ކަންސޭލޯ، ގަބްރިއެލް ޖީސޫސް އަދި ޖެކް ގްރީލިޝް އެވެ.

ޕެނަލްޓީ ޖަހައިގެން މޮޅުވެ ވެސްޓް ހޭމް އިން އުފާފާޅުކުރަނީ
ވެސްޓް ހޭމް މޮޅުވި ޕެނަލްޓީ ޖެހީ ސައީދު ބެންރަހްމާ އެވެ. އޭނާގެ ކުރިން އެ ޓީމުން ޖެހި ތިން ޕެނަލްޓީ ވައްދާލީ ކްރެއިގް ޑޯސަން، އާރޮން ކްރެސްވެލް އަދި ޖެރޮޑް ބޮވެން އެވެ.
ޕްރެސްޓަން ދަނޑުގައި ލިވަޕޫލުން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ލީޑުނަގައިދިން ގޯލު ޖެހީ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އެވެ. ދެ ވަނަ ގޯލު ޖެހީ ލީގު ކަޕްގައި ރަނގަޅު ލަނޑު ޖެހުމުގެ ރެކޯޑެއް އޮތް، ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އެވެ.
އޮރީގީ އާއި މިނަމީނޯގެ ގޯލުތަކުގައި ލިވަޕޫލްގެ ވޭލްސް ފުލްބެކް ނެކޯ ވިލިއަމްސްގެ ދައުރު ބޮޑެވެ. ލިވަޕޫލަށް ތިން ވަނަ ގޯލެއް ޖަހައިދޭން ވިލިއަމްސް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
ލީގު ކަޕްގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލޫކަސް މޯރާގެ ގޯލުން ބާންލީ އަތުން ޓޮޓެންހަމް މޮޅުވީ 1-0 އިންނެވެ. ސްޓޯކް ސިޓީގެ މައްޗަށް ބްރެންޓްފޯޑް ކުރިހޯދީ 2-1 އިންނެވެ. ލެސްޓާ ސިޓީ ދެ ގޯލު ޖަހާފައިވަނިކޮށް ބްރައިޓަން އިން ވަނީ 2-2 އިން އެއްވަރުކޮށް މެޗު ޕެނަލްޓީ އަށް ގެންގޮސްފަ އެވެ. އެކަމަކު، ޕެނަލްޓީގައި ލެސްޓާ ކުރިހޯދީ 4-2 އިންނެވެ.
ކުއާޓާ ފައިނަލަށް ހޮވުނު ޓީމުތަކަކީ ޗެލްސީ، ލިވަޕޫލް، ވެސްޓް ހޭމް، ލެސްޓާ، ޓޮޓެންހަމް، އާސެނަލް، ބްރެންޓްފޯޑް އަދި ސަންޑަލެންޑް އެވެ. ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ ހޮނިހިރު ދުވަހު އެވެ.












