ނޮވެމްބަރު ތިނެއްގައި ފާހަގަކުރާ ނަސްރުގެ ދުވަހަށް ހާއްސަކޮށް، ކާމިޔާބު ފިލްމް ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމަންޓް އިން "އޯ ވަޒަން" ނަމުގައި ކުރު ފިލްމެއް ތައްޔާރުކޮށްފި އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓް އިން ބުނާގޮތުގައި "އޯ ވަޒަން" ގެ ނަމުގައި ގެނެސްދޭ މި ކުރު ފިލްމުގައި ދައްކުވައިދޭނީ މީގެ 33 އަހަރު ކުރީން ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްވެ ދިވެހިންނަށް ނަސްރު ލިބުނު ގޮތެވެ.
މި މަސައްކަތުގެ އެންމެ ބޮޑު މަގްސަދަކީ މިއަދުގެ ޅަ ޖީލަށް އެ ދުވަހު ކަން ހިނގައި ދިޔަ ގޮތް ދައްކުވައިދީ އެ އުދުވާނީ ހަމަލާއިން ނަސްރު ހޯދުމަށް ދިވެހިން ކުރި ޖިހާދުގެ ހަނދާންތައް އާކޮށް ދިނުން ކަމުގައި ޑާކް ރެއިން އިން ބުންޏެވެ.
"އޯ ވަޒަން“ އަކީ އަހަރުމެންނަށް އަހަރުމެންގެ ގައުމު އަލުން އަނބުރައި ހޯދައިދިން ބަތަލުންނަށްޓަކައި ފަހުރުވެރިކަމާއެކު އަރުވާ ސެލިއުޓެއް" ކަމަށް ޑާކްރެއިން އިން ބުންޏެވެ.
ޑާކްރެއިން ޖަމްޕް ޕްލެޓްފޯމް މެދުވެރިކޮށް ގެނެސްދޭ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އިސްމާއިލް ރަޝީދު އާއި ވާޝިއާ މުހައްމަދު ހިމެނެ އެވެ.

ޑާކްރެއިން ޖަމްޕް އަކީ ފިލްމީ ދާއިރާއަށް އަލަށް ނިކުންނަ މީހުންގެ ހުނަރު ދައްކާލާ އެ މީހުންގެ މަސައްކަތްތައް މުޖުތަމައުއަށް ތައާރަފު ކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން 2019 ވަނަ އަހަރު އުފެއްދި ފްލެޓްފޯމެކެވެ. އެގޮތުން ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަންނުވެރިންގެ ހުނަރު ވީހާވެސް ގިނަ ބަޔަކާއި ހަމައަށް ގެނެސްދިނުމަށް ޑާކްރެއިންގެ ޝޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރާނެ އެވެ.
މި ފިލްމެ ލިޔެ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކޮށްފައިވަނީ އަލީ ޝާމިން އެވެ. އެގްޒެކެޓިވް ޕްރޮޑިއުސަރުން ގެގޮތުގައި މަސައްކަތްކޮށްފައިވަނީ މޮގާގެ އިތުރުން އާއިޝަތު ފުވާދު އެވެ.
ފިލްމު ރިލީޒްކުރެވިގެންދާނީ ނޮވެމްބަރު ތިން ވަނަ ދުވަހު ޑާކްރެއިންގެ ޔޫޓިއުބް ޗެނަލް އިންނެވެ.







