ލ. ގަމުގައި ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް މިއަދު ހެނދުނު ކޮންޓްރޯލުން ނައްޓާލައި ފުރޮޅާލައި އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްވިއިރު ކާރުގައި އިނީ ހަމައެކަނި ދުއްވަން އިން ފުލުސް އޮފިސަރެވެ. އޭނާއަށް އެކްސިޑެންޓްގައި އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލަށް ވަނީ ގެންގޮއްސަ އެވެ.
ދުއްވަން އިން ފުލުހަށް އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެކްސިޑެންޓްގެ ވީޑިއޯއިން ދައްކާގޮތުގައި ފުލުހުންގެ އެ ވެހިކަލް އޮތީ އެކޮޅުކޮޅުން މަގުގެ އެއް ފަރާތުގައި ހުރި ގަސްތަކެއްގެ ތެރޭގަ އެވެ.












