ލަންޑަން (އޮކްޓޫބަރު 27) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު ގަދަ 16 ޓީމުގެ ބުރުގެ މެޗުތަކުން މޮޅުވެ، ޗެލްސީ އާއި އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެެވެ.
ޗެލްސީ އާއި ސައުތެމްޓަން ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ޗެލްސީ މޮޅުވީ 4-3 އިންނެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލް ވަނީ 2-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ.
ގިނަ ބަދަލުތަކެއް ކޮށްގެން ރޭގެ މެޗަށް ނުކުތް ޗެލްސީން އަމިއްލަ ދަނޑުގައި ރޭ ސައުތެމްޓަން ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ޗެލްސީގެ ފުރަތަމަ ހަމަލާ ފޮނުވާލީ ސައުލް ނިގޭޒް އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއް ސައުލް ބޮލުން ފޮނުވާލުމުން ސައުތެމްޓަން ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފަ އެވެ. ޗެލްސީން ލީޑުނެގީ މެޗުގެ 44 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް ނެގި ކޯނަރަކުން ކައި ހަވާޓްޒް ބޮލުން ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ޗެލްސީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަަގައި ސައުތެމްޓަނަށް އެއްވަރުކޮށްދިނީ ޗޭ އެޑަމްސް އެވެ. ޗެލްސީ އަށް އަލުން ލީޑުނަގައިދޭން ސައުލް ފޮނުވާލި ބޯޅައެއް ކީޕަރު ފޮސްޓާ ވަނީ މަތަކޮށްފަ އެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.
ޗެލްސީގެ ފަސް ޕެނަލްޓީގެ ތެރެއިން މޭސަން މައުންޓް ފޮނުވާލި ޕެނަލްޓީ ނޫން ދެން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ މާކޯސް އަލޮންސޯ، ބެން ޗިލްވެލް، ކަލުމް ހަޑްސަން އޮޑޯއި އަދި ރީސް ޖޭމްސް އެވެ. ސައުތެމްޓަންގެ ތިއޯ ވޮލްކޮޓްގެ ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ މަތަކުރިއިރު، ވިލިއަމް ސްމޯލްބޯން ޖެހި ޕެނަލްޓީ ދިޔައި ހުރަސްދަނޑިމަތިންނެވެ. ސައުތެމްޓަނުން ޕެނަލްޓީ ކާމިޔާބުކުރީ ޝޭން ލޯންގް، އޮރިއެލް ރޮމޭއު އަދި އެޑަމް އާމްސްޓްރޯންގް އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލީޑްސްގެ ޖެކް ހެރިސަން ފޮނުވާލި ހަމަލާ އާސެނަލްގެ ގޯލުގައި ހުރި ބާން ލޭނޯ ވަނީ މަތަކޮށްފަ އެވެ. އާސެނަލުން ލީޑުނެގީ ދެ ވަނަ ހާފްގައި ކަލުމް ޗެމްބާސް ޖެހި ގޯލުންނެވެ. ކުޅެން އެރިތާ މާގިނަ އިރެއްނުވެ ޗެމްބާސް މި ގޯލު ޖެހީ ކޯނަރަކުން އޭރިއާތެރެއިން ލިބުނު ބޯޅައަކުން ބޮލުންނެވެ. އެ ގޯލު ބަލައިގަންނަން ނިންމީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގަ އެވެ.
މެޗުގެ 69 ވަނަ މިނިޓްގައި ލީޑްސް ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި އާސެނަލްގެ ދެ ވަނަ ގޯލު ޖެހީ އެޑީ އެންކެެޓިއޭ އެވެ. އެންކެޓިއޭ ވަނީ އާސެނަލްގެ ލޯން އެއްބަސްވުމެއްގެ ދަށުން ލީޑްސް އަށް މީގެ ކުރިން ކުޅެފަ އެވެ.
ލީގު ކަޕްގައި ރޭ ކުޅުނު އަނެއް މެޗުން ކިއުޕީއާރާއި ސަންޑަލެންޑް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ސަންޑަލެންޑް ވަނީ 3-1 އިން މޮޅުވެފަ އެވެ.












