މި އަހަރުގެ މިހާތަނަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 3،800 މައްސަލައަކީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 9،857 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 38.6 އިންސައްތަ މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ.
އަހަރުގެ ފުރަތަމަ މަހުވެސް 510 ވައްކަމުގެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. ފެބްރުއަރީ މަހު 367 މައްސަލަ އަދި މާޗު މަހު 433 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
އޭޕްރިލް މަހު ވައްކަމުގެ 379 މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. މެއި މަހު 351 މައްސަލަ ހުށަހަޅާފައިވާއިރު، ޖޫން މަހު ހުށަހަޅާފައި ވަނީ 338 މައްސަލަ އެވެ.
ޖުލައި މަހު 395 މައްސަލަ، އޮގަސްޓް މަހު 403 މައްސަލަ އަދި ސެޕްޓެމްބަރު 369 މައްސަލަ ހުށަހަޅާފައިވާ އިރު އޮކްޓޫބަރު މަހުގެ މިހާތަނަށް 255 ވައްކަމުގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ވައްކަމަގެ އިތުރުން ފުލުހުންނަށް ދެން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، މަސްތުވާތަކެތީގެ 1،371 މައްސަލައެއް ވަނީ މިހާތަނަށް ހުށަހަޅާފަ އެވެ.
މީގެ އިތުރުން ޓްރެފިކް އެކްސިޑެންޓްގެ 1235 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކަ އެވެ.
މި މައްސަލަތަކުގެ އިތުރުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކާއި ޗެކް ބައުންސްވުމުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ފުރައްސާރަ އާއި އަނިޔާގެ މައްސަލަތައް ވެސް ހިމެނެ އެވެ.













