ރާއްޖޭގައި ބޭރުގެ އިންވަސްޓްމަންތައް އިތުރުކުރުމަށް މަސައްކަތްކުރާއިރު, އިންޑިއާ ކަނޑުގައި ރާއްޖެއޮތް ހާއްސަ ސަރަހައްދުގެ ބޭނުން ހިފުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދުބާއީގައި މިއަދު ކުރިއަށްދިޔަ އިންވަސްޓްމަންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ބޭރުގެ އިންވަސްޓްމަންޓުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފޮރިން އިންވެސްޓްމަންޓް އެކްޓާއި ޕޮލިސީތައް މުރާޖައާކުރުމުގެ މަސައްކަތް ކުރާމުންދާކަން ފާހަގަކުރައްވައިފަ އެވެ.
ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާނެކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑުގެ މެދުގައި ރާއްޖެ އޮންނަ އިރު، ރާއްޖެ އަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މަންޒިލެވެ.
އޭގެ އިތުރުން، ރާއްޖޭގެ އިގުތިސާދު އާރާސްތުކުރުމަށް މަސައްކަތްކުރާ އިރު އިގުތިސާދު ސިންދަފާތުކުރަން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ކޮވިޑަށްފަހު، ރާއްޖޭގެ އިގުތިސާދު އާރާސްތުކުރާއިރު ޕްރައިވެޓް ސެކްޓަރު އިތުރަށް ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއްދޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ޕްރައިވެޓް ސެކްޓަރު ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު ރާއްޖޭގައި އިންވަސްޓްމަންޓްތައް އިތުރުކުރާނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށްވެސް ވިދާޅުވެފަ އެވެ.
އެގޮތުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ރިއަލް އެސްޓޭޓް ދާއިރާގެ އިތުރުން ރިނިއުވަބަލް އެނާޖީގެ ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާކަން ފާހަގަކުރެއްވި އެވެ.
އަދި ރިސޯޓު ތަރައްގީކުރަން މިއަދު ބިޑަށް ހުޅުވާލެވުނު ރަށްތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.













