އަންހެނުންގެ ތަރި އޮއްސެނީކީ ނޫން

އަންހެނުންގެ ތަރި އޮއްސެނީކީ ނޫން

ހަފުލާއެއްގެ ތެރޭ އެކުވެރިއެއް ކުރި ސުވާލެކެވެ. ހުނަރުވެރި ތަޢުލީމީ އަންހެނުންނަށް ދަރިން ލިބުމާއެކު އެ މީހުންގެ "ކެރިއަރ" ދޫކޮށްލަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނާއި އެތާ އިން އެހެން އަންހެނަކު، އެ ސުވާލަށް ޖަވާބުދޭން ވަރަށް މަސައްކަތް ކުރީމެވެ. ސުވާލުކުރި އެކުވެރިޔާ ހިތްހަމަޖެހޭ ފަދަ ޖަވާބެއް ދެވުނުކަމެއް ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގެ އެވެ. އެހެންނަމަވެސް ފަހުންވެސް އެ ސުވާލާމެދު އިތުރަށް ވިސްނާލަން އަހަންނަށް މަޖުބޫރުވި އެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. މިއީ އަހަންނަށްވެސް ކުރިމަތިވާ ސުވާލެކެވެ. ސުކޫލު ދައުރުގައި ދަންނަ ރަހުމަތްތެރިންނާ މިހާރު ދިމާވުމުން، "މިހާރު ހަމަ އެއްވެސް ކަމެއް ނުކޮށް ގޭގައި އިންނަނީހޭ؟" އަހާނުލާ މީހަކު މަދުވާނެ އެވެ. "އަހަރެން ހީކުރީ ތީ ސިޔާސީ ލީޑަރަކަށް ވާނޭ ކުއްޖެއް ކަމަށް" ބުނާ މީހުންވެސް މަދެއް ނޫނެވެ. އަދި ކިއެއްތަ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔައިރު، ތިއީ ޚަބަރުކިޔާ "ބުދަކަށް" ވުން ފަދަ ފީކަޅާ ކަމެއް ކުރާނޭ މީހަކަށް ވާނޭކަމަކަށް ހިއެއް ނުކުރަމޭ ބުނި މީހުންވެސް ތިއްބެވެ. ހާލަތު މެދުވެރިކުރި ގޮތުން "ފުލް ޓައިމް" ވަޒީފާއެއް އަދާނުކުރާން ނިންމުމުން، އުގެނުނުހާ ތަޢުލީމަކާއި ލިބުނުހާ ތަޖުރިބާއެއް ބޮލާލާ ޖެހީކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ޙަޤީޤަތަކީ، ލިބިފައިހުރި ސަނަދުތައް ބޮޑުފޮށްޓަށްލައި ފޮރުވީ ބަރު ހިތަކާއެކުގައިކަމެވެ. އެންމެ ކުޑައިރުއްސުރެ "ކެރިއަރ ވުމަން" އެއްގެ ގޮތުގައި ކިއްސަރު ކުރެވުނު ސިކުނޑިއެއް ކެރިއަރ ދޫކޮށްލާ ދަރިން ތަރުބިއްޔަތުކުރުމުގެ "މޯޑަށް" ބަދަލުކުރެވުނީ ވަރަށް ގިނަ މަސައްކަތަށްފަހުގައިކަމެވެ. ހާލަތަށް އައި އެތައް ބަދަލުތަކަކާހުރެ އެވެ. ޒިންމާތަކަށް އައި ބަދަލުތަކަކާހުރެ އެވެ. ދިރިއުޅުމުގެ ލަނޑުދަނޑިތަކަށް އައި ބަދަލުތަކަކާހުރެ އެވެ. އަހަރެންނަށް މިގޮތަށް ޙާލަތު ބަދަލުކޮށްލުމުގެ އިޚުތިޔާރު މާތްﷲގެ ހެޔޮ ރަޙުމަތްޕުޅުން މިންވަރުކުރައްވާފައިވެ އެވެ. އެހެންނަމަވެސް އެ އިޚުތިޔާރު ނެތް، އެގޮތަށް އުއްމީދުތައް ވަޅުލާން މަޖުބޫރުވާ އެތައް ބަޔަކު އެބަ ދިރިއުޅެ އެވެ.

އަހަރުމެންނަކީ އަންހެނުންނެވެ. "ލަޠީފީ" މިންތި އެވެ. އަހަރެމެންނަށް ކާމިޔާބީއަށް ވާޞިލުވާން މި ޖެހެނީ "ބިއްލޫރި ފަންގިފިލާތައް" ތަޅާލާފަ އެވެ. އެހެންނަމަވެސް އެ ބުނާ ކަހަލަ ފަންގިފިލައެއްގައި ކޫރުމެއް އަޅުވާލުމަށްވެސް، ކާމިޔާބީއަށް ވާސިލުވުމަށް ފިރިހެނުން އެ ކުރަންޖެހޭ މަސައްކަތުގެ އެތައް ގުނައެއް އަންހެނުން ކުރަން ޖެހެ އެވެ. މިހެން ބުނުމުން އަހަރެންގެ ގައިގައިވެސް ފެމިނިސްޓް ބޯޑު އަޅުވާލާފައި ސޯޝަލް މީޑިއާގައި ޢަބުރުކަތިލާން ވީއޭ އެއްބަޔަކު ކިޔަން ފަށާނެ އެވެ. އޭގެ ކުރިން ކެތްތެރިކަމާއެކު މިކިޔާ އެއްޗެއްވެސް އަޑުއަހާލާށެވެ.

އެންމެ ފުރަތަމަ ވަޒީފާއަށް އިންޓަރވިއުކުރާ ހިސާބުންނެވެ. އެއް ފެންވަރެއްގެ ދެ މިންތީގެ ދެ މީހަކު އެއް ވަޒީފާއަކަށް ކުރިމަތިލުމުން، ޚުދު އަހަރެންވެސް އިން ޕެނަލެއްގައި އިން ކުންފުނީގެ ވެރިއަކު "އަންހެނަކު ނަގައިފިއްޔާ ވިހަން ޖެހޭނެ" ކަމަށް ބުނެ ފިރިހެނާގެ ކޮޅަށް ބުރަވާން ވަކާލާތު ކުރި އެވެ. ދަރީންނާއެކު ވަގުތު ހޭދަކުރުމަށް "ބްރޭކެއް" ނެގުމަށްފަހު އަލުން ވަޒީފާގެ މައިދާނަށް އެނބުރި އަންނަން މަސައްކަތްކުރުމުން، "މިއިން ދުވަހަކު އަލުން ދަރިއެއް ހޯދާނަންތޯ" ސުވާލުކުރި ޕެނަލްއަކާ އަހަރެންވެސް ކުރިމަތިލީމެވެ.

މި ވާހަކަ ދެން ބާއްވާށެވެ. އިންތިޚާބުކުރެވޭ ސިޔާސީ މަޤާމުތަކަށް ވިސްނާލަބަލާށެވެ. ދާއިރާއެއްގެ ގޮނޑިއަކަށް ޕާޓީ ޓިކެޓު ހޯދަން ކުރިމަތިލީ ދެމީހެއްގެ ތެރެއިން އެކަކީ އަންހެނެއް ނަމަ، އޭނާއީ ޔުނިވަރސިޓީ ތަޢުލީމު ލިބިފައިވާ މީހަކަށް ވާން އެބަޖެހެ އެވެ. ކައިވެންޏެއް މަތީ ހުރި، ދަރިން ބޮޑެތިވެފައިވާ މީހަކަށް ވާން އެބަޖެހެ އެވެ. އޭނާގެ ޅަ އުމުރުގައިވެސް ފަސްބައިގައި އެންމެ ލަކެއްވެސް ޖެހިފައި އޮވެގެން ނުވާނެ އެވެ. މުޒާހަރާކުރާއިރު އަދި ޕޯޑިއަމްތަކުގައި އަޑުގަދަ ކުރާއިރު ފިރިހެނެއްހެން އުޅެގެންނުވާނެ އެވެ. ރަނޑުވެގެން ނުވާނެ އެވެ. އެކަކަށްވެސް ސިފަކޮށްދޭން ނޭނގޭ މެދުމިނެއްގައި އޭނާ ހުންނާން ޖެހެ އެވެ. މުދާވެރިއަކަށް ވާންޖެހެ އެވެ. އެހެންނަމަވެސް ނުފޫޒު ގަދަ މީހެއްގެ އަންބެއް ނަމަ، އެއީ އެމީހާގެ ބާރު ނުފޯރާ ވަރަށް މިނިވަން މީހަކަށް ވާންޖެހެ އެވެ. ސިފަ ރީތި ވާންޖެހެ އެވެ. އެވެސް މޭކަޕާ ނުލަ އެވެ. ޢަބުރުވެރި ވާން ޖެހެ އެވެ. ކަޓުވެގެން ނުވާނެ އެވެ.

މި ފަދަ މަޤާމަކަށް ކުރިމަތިލާ ފިރިހެނަކު ތޯ އެވެ. ހަޑި ހުތުރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާއްމުވެފައި އޮތުން އެއީ ޝަރުޠެއް ފަދަ އެވެ. ގިނަ ކައިވެނިތަކެއް ކޮށްފައިވާނަމަ އެއީ ގަޓުހުރި މީހެކެވެ. ޕޯޑިއަމްތަކުގައި ހަޅޭއްލަވައި، މުޒާހަރާތަކުގައި ފުލުހުންގެ ގަޔަށް ބޮލަށް އަރައި ސްޓަންޓު ޖެއްސިވަރެއް މޮޅެވެ. ރީތި ހުތުރަކަށް ނުބަލަ އެވެ. އަޅާ ހެދުމަކަށް ނުބަލަ އެވެ. ފައިސާ ހޯދީ ކާކު އަތުން ކިހިނެތްކަމެއް ބަލާކަށް މުހިއްމެއް ނުވެ އެވެ.

މިއީ މުޖުތަމަޢުގައި އަންހެނުން ކުރިމަތިލާންޖެހޭ ތަޢައްޞަބު ބޮޑު މިންކުރުންތަކުގެ ލުއި ލުއި މިސާލެކެވެ. ޒާތީ ދިރިއުޅުމަށް ބަލާލާށެވެ. ދެމަފިރިންކުރެ ބޮޑު މުސާރަވެރިއަކީ އަންހެނަކަށްވީ ނަމަވެސް، ވިހައިގެން ދަރިފުޅު ކައިރީ މަޑުކުރަން މި ޖެހެނީ އޭނާ އެވެ. އެ ނޫން ގޮތަކަށް ރުހޭ ފިރިހެނެއްނަމަ އޭނާއަކީ ރަނޑު މީހެއްކަމަށް ލޭބަލްއަޅުވަ އެވެ. އެފަދަ އަންހެނާއަކީ "ދަރިން އުކާފައި" އަބަދު އޮފީހުގައި އުޅޭ މީހާ އެވެ. ދެމަފިރިންނަކީ ވަޒީފާ އަދާކުރާ މީހުންކަމުގައިވިޔަސް، އަދިވެސް، މި ޒަމާނުގައިވެސް، ގެވެހި ގިނަ ޒިންމާތައް އޮންނަނީ އަންހެނުންނަށް ބުރަ ބޮޑުވާ ގޮތަކަށެވެ. ދެމަފިރިއަކު އެއްބަސްކިޔައި ހަމަހަމަގޮތަކަށް ގެވެހި ޒިންމާތައް ބަހާލިޔަސް، އަންހެން މީހާއަށް، އާއިލާގެ ފިއްތުންތައް ކުރިމަތިވެ އެވެ.

ދެން މި އޮތީ އަންހެނުންނަށް ޚާއްޞަ ވާހަކައެއް ނޫނެވެ. ތަޢުލީމީ ގިނަ ބައެއްގެ ޝަކުވާއެކެވެ. ގިނަ ސެޓިފިކެޓުތައް ކިހިލިޖަހައިގެން ތަޖުރިބާ ހޯދުމަށްޓަކައި ކުޑަ މުސާރައަށް ބުރަ މަސައްކަތްކުރަނީ ކޮންމެ މީހަކުވެސް، ސިވީ ރީތިކުރީމާ ރަނގަޅު މުސާރައެއްގެ ރަނގަޅު ވަޒީފާއެއް ލިބޭނޭ ކަމުގެ އުއްމީދުގަ އެވެ. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ފަހި މަގުތަކެއް ކޮށޭނޭ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު ކަމުގެ ޙަޤީޤަތް މިއީ އެންމެންވެސް ދަންނަ ބޮޑު ސިއްރެކެވެ. ބޮޑު މުސާރަވެރިންނަކީ ވާހަކަދައްކަން މޮޅު މީހުންނެވެ. މަދު ދާއިރާއެއްގައި މެނުވީ ހުނަރާއި ޢިލްމާއި ތަޖުރިބާއަށް ލިބެނީ ބޮޑުން ހިނގާ މަގުގައި ހުންނަ އޮށްގާ ސާފުކުރުމުގެ ވަޒީފާ އެވެ. ބުރަ މަސައްކަތްކުރާނީ އެމީހުންނެވެ. ފޮނިކޮޅު ބޯލާނީ ވެރިންގެ ހިޔަނީގައި އެނބުރޭ މީހުންނެވެ. ނުވަތަ މުދާވެރިންނާއި ނަސަބުގެ ގޮތުން މޮޅު މީހުންނެވެ. މި ނާއިންސާފުގެ ކުރިމަތީ ކަރު އެލުވާ ނުލާން ވެގެން، އެ ފަދަ ވަޒީފާތަކަށް ދާން ދެކޮޅު ހަދާ މީހުންވެސް މަދެއް ނޫނެވެ. މި ފަދަ އަންހެނުން، ޚާއްޞަކޮށް މައިންނަށް، އެ ފަދަ ވަޒީފާއެއްގައި ޢުމުރު ހުސްކުރުމަށްވުރެ، ދަރިންނާއެކު ގޭގައި ތިބެގެން އާމްދަނީ ހޯދޭނޭ މަގެއް ހޯދުން މާ މުހިއްމުވެ އެވެ. އެއީ ތިމާގެ "ކެރިއަރ" ދޫކޮށްލައިގެން ކަމުގައިވިޔަސް ވަރިހަމަވެ އެވެ.

ދިވެހިންގެ ތެރޭގައި ތަޢުލީމީ، ހުނަރުވެރި އެތައް ބަޔަކު އެބަތިއްބެވެ. ޤާބިލު، ތަޖުރިބާކާރު އެތައް ބަޔަކު އެބަތިއްބެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. ޑިޖިޓަލް ޓެކްނޮލޮޖީ އާއި ނިއު ޔޯކް ފެޝަން ވީކަށް އިންތިހާއަށް ހޭލުންތެރި އާބާދީއެކެވެ. ޒަމާނީ ޑިމޮކްރަސީއެއްގެ ފޮނި މީރުކަމުގެ ހިޔާ ލިބޭ ރައްޔިތެކެވެ. ކަޅު ދެލިން، ހުދު ކަރުދާހުގައި މިންތީގެ ތަފާތުތަކެއް ނެތެވެ. ޙައްޤުތައް ގުނަވެ، ޒިންމާތައް ހަނދާންނެތެމުންދަނީ ބާރު ދުވެލީގަ އެވެ. މަތީ ތަޢުލީމީ އިދާރާތަކުން ދަސްވެނިވުމުގެ ރަސްމިއްޔާތުތައް މި ދުވަސްވަރު ބާއްވާއިރު، ކޮންމެ ޙަފުލާއެއް ބަލަން އިންނައިރު ދަސްވެނިވާ އަންހެނުންގެ ޢަދަދު ފެނި ހިނިތުންވެވެ އެވެ. އެހެން ނަމަވެސް އެ ސަނަދާ ހަވާލުވާ ވަގުތު ޢަޒުމު ކަނޑައަޅާ ކަންކަން ހާސިލުކުރާނޭ ފުރުޞަތު ލިބޭނީ ކިތައް އަންހެނުންނަށް ބާއޭ ހިތަށް އަރާ ހިނދު އިސްޖަހާލެވެ އެވެ.

އަހަރެމެން އަންހެނުންގެ ތަރިތައް އަރައި، ފިޔަޖަހާލާ ހިނދު މުޅި ޤައުމު އުޖާލާ ކޮށްލަ އެވެ. އުއްމީދުގެ ހުޅުކޮޅު ބޮޑުވެލާ ކޮޅުކޮޅަށް ނަށާލާ ކަހަލަ އެވެ. އެހެންނަމަވެސް އިސާހިތަކު އެ ތަރި އޮއްސިއްޖެ ކަމަށް ކޮންމެވެސް މީހަކު ބުނާނެ އެވެ. ޙަޤީޤަތަކީ ތޯ އެވެ. އިޖުތިމާޢީ ތަޢައްޞަބުގެ ވާ އުޑަށް އެއްލައިގެން، ދަމާހަލާ ގެނެސް އެ ތަރި ބިމަށް ވައްޓާލަނީ އެވެ. ހިރަފުސްފޮޅާލުމަށްފަހު ދެވަނަ ފަހަރަށް ތެދުވެ، މެދު އުޑާ ހަމައަށް ވާޞިލުވާނޭ ހިތްވަރު ލިބެނީ މި ފަދަ ހާދަ މަދު ތަރިއަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox