ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި މިހާރު ކުރިއަށްދާ "ދުބާއީ އެކްސްޕޯ 2020" އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ހަރަކާތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދުބާއީ އެކްސްޕޯގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެފަދަ އެކްސްޕޯތަކުގެ ސަބަބުން ސިޔާސަތު އުފައްދާ މީހުންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި އިލްމީ މީހުން އަދި މަދަނީ ޖަމިއްޔާތަކަށް އެއްފަހަރާ ވާސިލުވެވި، އެކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާ ކަމަށެވެ.
"މި އެކްސްޕޯގެ ބޭނުން ހިފައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތާއި ތަރިކަ އާއި ކުޑަ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް އޮތް ގޮންޖެހުން މޯލްޑިވްސް ޕެވީލިއަނުން ދައްކާލުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
އެކްސްޕޯގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ދުނިޔެއަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަމާއި ބަނޑުހައިހޫނުކަމުގެ މައްސަލަ އާއި އިންސާނީ ވެށި ގެއްލުމުގެ މައްސަލަތަކާއި ސައިބާ ޓެރަރިޒަމްގެ މައްސަލަތަކަށް އަލިއަޅުވާލަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި މުނާސަބަތުގައި ސަސްޓެއިނިބިލިޓީ ސެކްޝަނުގައި ގާއިމްކޮށްފައި ހުރި މޯލްޑިވްސް ޕެވީލިއަން އަށް ޒިޔާރަތްކޮށް އަޅުގަނޑުމެންގެ ރަށްތަކާ ގުޅޭ ގޮތުން އިތުރަށް ދަސްކޮށް، ގައުމުގައި ހުރި އިންވެސްޓުމަންޓް ފުރުސަތުތައް ބެއްލެވުމަށް ދައުވަތު ދެން،" ވާހަކަފުޅު ނިންމާލައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާދަމާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކަރުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވާނެ އެވެ. އަދި އެއަށްފަހު ސުވާލާއި ޖަވާބު ޕެނަލެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ދުބާއީން ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އަންނަ ހުކުރު ދުވަހެވެ. ދުބާއީން އެމަނިކުފާނު ވަޑައިގަންނަވާނީ ސްކޮޓްލެންޑުގެ ގްލާސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެއްޓާ ބެހޭ ކޮޕް26 ސަމިޓަށެވެ.













