މެޑްރިޑް (އޮކްޓޫބަރު 25) - ސްޕެނިޝް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާ 2-2 އިން އެއްވަރުވެގެން ލިބުނު ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗަށް ސޮސިއެޑާޑް ނުކުތްއިރު އެއް ވަނައިގައި އޮތީ ރޭ ބާސެލޯނާ އަތުން 2-1 އިން މޮޅުވި ރެއާލް މެޑްރިޑް އެވެ.
ސޮސިއެޑާޑް އަލުން އެއް ވަނަ އަށް އެރީ އެތުލެޓިކޯ އަތުން ޕޮއިންޓެއް ހޯދައިގެންނެވެ. ސޮސިއެޑާޑަށް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލާއި ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ ނުވަ މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ އަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ދިހަ މެޗު ކުޅެގެން ފަސް ވަނައިގައި އޮތް ރެއާލް ބެޓިސް އާއި ހަ ވަނައިގައި އޮތް އޮސަސޫނާ ވެސް ވަނީ 18 ޕޮއިންޓް ހޯދައިފަ އެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި ސޮސިއެޑާޑުން ލީޑުނެގީ އަލެކްސަންޑަ ސޯލޯތު ޖެހި ގޯލުންނެވެ. ސޯލޯތު މި ގޯލު ޖެހީ އެ ޓީމުގެ އަލެކްސަންޑަ އިސާކް ދިން ބޯޅައަކުންނެވެ. ފުރަތަަމަ ހާފުގައި ސޮސިއެޑާޑްގެ ޑޭވިޑް ސިލްވާ އޭރިއާތެރެއިން ޖެހި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
ސޮސިއެޑާޑުން ލީޑުފުޅާކުރީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ސޮސިއެޑާޑްގެ މި ގޯލު ޖެހީ އިސާކް އެވެ. ހިލޭ ޖެހުމަކުން އިސާކް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު އޮބްލަކް އަތުގައި ޖެހިފަ އެވެ.
ނަތީޖާ ހަމަހަމަކުރަން އެތުލެޓިކޯ އިން ކުރަން ފެށި މަސައްކަތަށް ދިރުމެއް ލިބުނީ މެޗުގެ 60 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ޖެހި ގޯލުންނެވެ. ޔާއޯ ފެލިކްސް ނެގި ހުރަހަކުން ސުއަރޭޒް ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އެތުލެޓިކޯ އިން އެއްވަރުކުރީ މެޗުގެ 77 ވަނަ މިނިޓްގައި ސުއަރޭޒް ވައްދާލި ޕެނަލްޓީންނެވެ. މިއީ ސޮސިއެޑާޑްގެ މިކޭލް މެރީނޯ އޭރިއާތެރެއިން ސުއަރޭޒަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެެވެ.
މެޗުން މޮޅުވާން އެތުލެޓިކޯ އިން މެޗުގެ ފަހު ކޮޅުގައި ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ސޮސިއެޑާޑް އިން ވަނީ އިތުރު ގޯލެއް ޖެހިޔަނުދީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.












