ސަލާހަށް ހެޓްރިކާ އެކު ރެކޯޑްތަކެއް، ލިވަޕޫލުން ޔުނައިޓެޑް ލަދުގަންނަވާލައިފި

Oct 24, 2021, 5:56 PM
ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.

މެންޗެސްޓާ (އޮކްޓޫބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރެކޯޑްތަކެއް ހެދި މުހައްމަދު ސަލާހުގެ ހެޓްރިކާ އެކު ލިވަޕޫލުން މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި 5-0 އިން މޮޅުވެއްޖެ އެވެ.

ސަލާހު ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން މިރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު ރެކޯޑްތަކެއް ވެސް ގާއިމްކޮށްފަ އެވެ. ސަލާހު ވަނީ އެންމެ ފަހުން އޭނާ ލިވަޕޫލް ޖޯޒީގައި ކުޅުނު 10 މެޗުގައި ގޯލު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލުން މި ވަނީ ނުވަ މެޗުން 21 ޕޮއިންޓް ހަަމަކޮށްފަ އެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް މިރޭ ލަދުވެތި ގޮތަކަށް ބަލިވިއިރު، ނުވަ މެޗުން 14 ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލެއް ޖަހަން ފުރުސަތު ލިބުނީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަށެވެ. އޭރިއާތެރެއިން ފެނާންޑޭސް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ލިވަޕޫލަށް ލިބުނު ފުރަތަމަ ފުރުސަތުގައި މެޗުގެ ފަސް ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ސަލާހު ދިން ބޯޅަ އަކުން ނަބީ ކެއިޓާ އެވެ. މެޗުގެ 13 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުންނެވެ.

ލިވަޕޫލްގެ ސަލާހު އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ކެޕްޓަން މެގުއާ މަސައްކަތް ކުރަނީ.

އޭގެ ފަހުން ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް ލިވަޕޫލުން ދިޔައީ ޑިފެންޑް ކުރުމުގައި ވެސް ކުރި ހޯދަމުންނެވެ.

ލިވަޕޫލްގެ ތިން ވަނަ ގޯލު ސަލާހު ޖެހީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. ކެއިޓާ ދިން ބޯޅައަކުން ސަލާހު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޮޓާ ދިން ބޯޅައަކުން ސަލާހު ވަނީ ލިވަޕޫލަށް ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ.

ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ ހަތަރު ގޯލު ފަހަތުގައި އޮވެގެންނެވެ. މިއީ އެ ކްލަބްގެ ތާރީހުގައި ވެސް މިހާ ދަށްކޮށް ލީގުގެ މެޗެއްގެ ފުރަތަމަ ހާފު ނިންމާލި ފުރަތަމަ ފަހަރެވެ.

ދެ ވަނަ ހާފަށް ޔުނައިޓެޑުން ނުކުމެ ރަނގަޅަށް ހަމަޖެހިނުލެވެނިސް ލިވަޕޫލުން ފަސް ވަނަ ގޯލު ޖެހި އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ޖޯޑަން ހެންޑަސަން ދިން ބޯޅައަކުން ސަލާހު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ސަލާހަކީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދަނޑުގައި އަވޭ ޓީމުގައި ހިމެނިގެން ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ޔުނައިޓެޑް ދަނޑުގައި އެ ޓީމު ކޮޅަށް ހެޓްރިކެއް ހެދީ 2003 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްގެ ލުއިޒް ރޮނާލްޑޯ އެވެ.

މިރޭގެ ގޯލުތަކާ އެކު ސަލާހު ވެފައިވަނީ އިނގިރޭސި ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. ސަލާހު ވަނީ ޖުމްލަ 107 ގޯލު ޖަހައިފަ އެވެ. ދެ ވަނައިގައި އޮތީ ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ އެވެ. އޭނާ 104 ގޯލު ޖެހި އެވެ.

ޔުނައިޓެޑުން މެޗުގެ ފަހު 30 ވަރަކަށް މިނިޓް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ހާފް ފެށުނުތަނުން ކުޅެން ނުކުތް ޕައުލް ޕޮގްބާ އަށް ރަތް ކާޑު ދެއްކުމުންނެވެ.

މެޗުގެ 59 ވަނަ މިނިޓްގައި ލިވަޕޫލްގެ ކެއިޓާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ފުރަތަމަ ޕޮގްބާ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ރީނދޫ ކާޑުގެ ނިންމުން ކެންސަލްކޮށް، ޕޮގްބާ އަށް ރަތެއް ދައްކައިފަ އެވެ.

އޭގެ ފަހުން ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއް ޖެހި އެވެ. އެކަމަކު، ވީއޭއާރް އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމީ ރޮނާލްޑޯ އޮފްސައިޑްގައި ހުރުމުންނެވެ. އަދި މެޗުގެ ފަހު ކޮޅުގައި ޔުނައިޓެޑްގެ އެޑިސަން ކަވާނީ އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ގޯލެއް ވެސް ނުޖެހި އެންމެ ތަފާތު ބޮޑުކޮށް ބަލިވީ 1955 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަތުންނެވެ. މިރޭގެ މެޗުން ޔުނައިޓެޑް ބަލިވުމާ އެކު އެ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުންނަން އޮލެ ގުނަ ސޯލްޝެއާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox