ފުލުހުންގެ ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމް (ނަޑޭ ސަރ) ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައި ހުންނެވި ކޮމާންޑަރު، ނަދީމް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ ބ. އޭދަފުށީގައި ފުޓުބޯޅަ ކުޅެން ހުއްޓަ އެވެ.
ހާޓް އެޓޭކް ޖެހުމާ އެކު އޭނާ ވަނީ މާލެ ގެނަ އެވެ. ހޮސްޕިޓަލަށް ގެންގޮސް ހާލު ސީރިއަސްވުމުން ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދިނުމަށް މަސައްކަތްކުރި އެވެ. ނަމަވެސް, ހާލު ރަނގަޅު ނުވެ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް އޭނާ ވަނީ މިރޭގެ ވަގުތެއްގައި ނިޔާވެފަ އެވެ.
ނަދީމްގެ ކުއްލި މަރާއެކު ދިވެހި ފުލުހުން އަންނަނީ ހިތާމަފާޅުކުރަމުންނެވެ.
މި ހިތާމާގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ހިދުމަތުގެ ދިދަ، ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފަ އެވެ.

ކޮމިޝަނަރު ވަނީ ފުލުހުންގެ ހުރިހާ މަރުކަޒެއްގައި މިކަން އެގޮތަށް ކުރުމަށް މިހާރު އަންގަވައިފަ އެވެ.













