ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްކޮޓްލެންޑްއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް ސްކޮޓްލެންޑްގެ ގްލާސްގޯއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. ރައީސް ސޯލިހުގެ އިތުރުން އެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ތިމާވެށީގެ މި ކޮންފަރެންސްގައި ރާއްޖޭގެ އެހެން އިސް ބޭފުޅުންގެ ވަފުދަކާއި ސްކޫލް ދަރިވަރެއް ކަމަށްވާ އަލްމާން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިއްޔެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކަށް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހު މިއަދު ހަވީރު ވަނީ ދުބާއީއަށް ފުރާވަޑައިގެންފަ އެވެ.
ރައީސް ދުބާއީ ވަޑައިގަންނަވަނީ ޔޫއޭއީގައި މިހާރު ކުރިއަށްދާ "އެކްސްޕޯ 2020" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް މާދަމާ ދުބާއީ އަށް ވަޑައިގެން ބައިވެރިވެވަޑައިގަންނަވާ "އެކްސްޕޯ 2020" އަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް އެކްސްޕޯޝާ އިވެންޓެވެ. މި ހަރަކާތުގައި ދުނިޔޭގެ 191 ގައުމަކުން ބައިވެރިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މި އެކްސްޕޯގައި ރާއްޖެ އިސްތިހާރުކުރުމަށް ހާއްސަ ޕެވީލިއަންއެއް ބަހައްޓައިގަ އެވެ. މިތަނުން ރާއްޖޭގެ ރީތި ގުދުރަތީ މަންޒަރުތަކުގެ ދައްކުވައިދޭނެ އެވެ. އަދި ރާއްޖެ މިއަދާއި ހަމަޔަށް ކޮށްފައިވާ ތަރައްގީގެ ދަތުރުގައި އަބަދުވެސް ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީހާއި ސަގާފަތް، މުޅި ދުނިޔެއަށް ދައްކާލެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.












