މެންޗެސްޓާ (24 އޮކްޓޫބަރު) - މެންޗެސްޓާ ޔުނައިޓަޑުން މަސައްކަތް ކުރަމުންދަނީ ފާއިތުވިި ހަތަރު އަހަރު ލިވަޕޫލުން ހޯދި ވަރުގެ ކާމިޔާބެއް ހޯދުމަށް ކަމަށް ޔުނައިޓަޑްގެ ކޯޗު އޮލޭ ގުނަ ސޯލްޝެއާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޒަމާންވީ ވާދަވެރިން ކަމަށްވާ ލިވަޕޫލާއި ޔުނައިޓަޑް ލީގުގައި މިރޭ ކުރިމަތިލާނެ އެވެ.
ޔުނައިޓަޑަށް އެންމެ ފަހުން ލިބުނު ތައްޓަކީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގެވެ. އޭގެ ފަހުން، ލިވަޕޫލުން ވަނީ ޕްރިމިއާ ލީގާޢި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ފަހަރުގެ ސީޒަނަށް ބޮޑު ހަރަދުކޮށްގެން ޔުނައިޓެޑުން ނުކުމެ، ސޯލްޝެއާ އަށް ނަތީޖާ ނުނެރެވޭތީ އޭނާ އަށް ވަނީ މަގާމުގައި ދެމިހުންނަން ޕްރެޝަރު ބޮޑުވެފަ އެވެ.
"ލިވަޕޫލް އަށްވުރެ ކުރިއަށް ޖެހުމަށް ޔުނައިޓަޑުން މިހާރު މަސައްކަތް ކުރަންޖެހޭ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިވަޕޫލުން ހޯދި ފަދަ ކާމިޔާބެއް ހޯދުމަށް ޔުނައިޓަޑުން މި މަސައްކަތްކުރަނީ،" މެޗުގެ ކުރިން ސޯލްޝެއާ ބުންޏެވެ.
"މި ވަގުތު ޔޫރަޕް އަދި މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ރަނގަޅު އެއް ޓީމު ކަމަށްވާ ލިވަޕޫލް އަތުން މޮޅުވެވޭނީ ވަރަށް މަސައްކަތް ކޮށްގެން."
ޔުނައިޓަޑްގެ ދަނޑުގައި މިރޭ އެ ޓީމާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، މި ސީޒަނުގައި މިހާތަނަށް އިނގިރޭސި ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު، ޔުނައިޓަޑް އޮތީ ލިވަޕޫލަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި އެޓަލާންޓާ އަތުން 3-2 އިން ޔުނައިޓަޑް މޮޅުވުމުން، ސޯލްޝެއާ އަށް ވަނީ ފިނިކަމެއް ލިބިފަ އެވެ. އެ މެޗުން ޔުނައިޓަޑް މޮޅުވީ، ދެ ވަނަ ހާފުގައި ފަހަތުން އަރައި ތިން ލަނޑު ޖަހައިގެނެވެ.
ސޯލްޝެއާ ބުނީ އެޓަލާންޓާ އަތުން ފަހަތުން އަރައި މޮޅުވުމަކީ، ޓީމުގެ ނަތީޖާތައް ރަނގަޅު ކުރުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
"ކޮންމެ ޓީމަކަށް ވެސް ފޯމު ދަށްވާ ދުވަސްކޮޅަކާ ދިމާވާނެ. އެކަމަކު ރަނގަޅު ޓީމެއް ވެއްޖެއްޔާ ޓީމު ރޫހު އަލުން ގެނެސް، ނަތީޖާތައް ރަނގަޅު ކުރާނެ. އަހަރެން އުންމީދު ކުރަނީ މިއީ ބޮޑުކަމެއްގެ ފެށުން ކަމަށް،" ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑްގެ އޯލްޓްރެފޯޑް ސްޓޭޑިއަމްގައި މިރޭ ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ. -- ބީބީސީ












