މޫސުމީ ބަދަލު ކޮންޓްރޯލް ކުރަން މުހިއްމު، ބޮޑު ސަމިޓު މި މަހު 31 ގައި ފަށާނެ އެވެ. ނޮވެމްބަރު 12 ގެ ނިޔަލަށް ސްކޮޓްލެންޑުގެ ވެރިރަށް ގްލާސްގޯގައި އޮންނަ ބައްދަލުވުމަކީ އިންސާނުންގެ ދިރިހުރުމާއި މުސްތަގުބަލާ ގުޅިފައިވާ ބައްދަލުވުމެކެވެ.
ހުރިހާ ގައުމުތަކެއްގެ ތެރެއިން ވެސް ރާއްޖެ އާއި ދިވެހިންނަށް މި ބައްދަލުވުން މުހިއްމުވާ އެތައް ސަބަބުތަކެއް އެބަ އޮތެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ރާއްޖެ އަކީ އެންމެ ބިންތިރި ގައުމެވެ. މާނަ އަކީ މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ އަށެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބްލޫޕީސް ޖަމިއްޔާގެ ކޯފައުންޑަރު އަލީ ރިލްވާން ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރުތައް މިހާރު ވެސް ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް އެ އަސަރު ބޮޑުވަމުންދާ ކަމަށެވެ.
"ޖައްވަށް ފޮނުވާ ގޭސްތައް މަދުކުރިޔަސް ދިވެހިރާއްޖެ އަށް މިހާރު ވެސް މި ދަނީ ކްލައިމެޓް ޗޭންޖުގެ އިމްޕެކްޓުތައް ފެލްޓުވަމުން. މިސާލަކަށް އުދަ އެރުން ކުރިއަށް ވުރެ ވަރުގަދަ، ކޮޅިގަނޑުތައް، ވައި ވެސް ކަނޑު ވެސް ގަދަވެ، އަދި ރާއްޖޭގެ ރަށްތައް ގިރަމުންދާ ވަރު ވެސް ކުރިއަށް ވުރެ މާ ނުރައްކާކޮށް މި ދަނީ،" ރިލްވާން ވިދާޅުވި އެވެ.
ކުރީގެ އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ވިދާޅުވީ ނޭނގި ތިއްބާ ދުވަހަކަށް ވުރެ ދުވަހެއް ވައިގަދަވެ، ރަށްރަށް ފެންބޮޑުވުން އިތުރުވެ، ރަށްރަށަށް ރާޅު އެރުން އަވަސްވެ، އެކި ކަހަލަ މޫސުމީ ކާރިސާތަކުގައި ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.
"އެބަ އިނގޭ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ އަށް ވުރެ މައްޗަށް ގޮސްފި ނަމަ ވަރަށް ބޮޑެތި ބަދަލުތައް ކްލައިމެޓަށް އަންނާނެކަން. މިހާރު އޮތީ 1.1 އަށް ވުރެ ވެސް މައްޗަށް އަރާފައި. ސައިންޓިސްޓުން ދެކޭ ގޮތުގައި 2030 ވަނަ އަހަރު އަންނަން ވާ އިރަށް ބިޒްނަސް އޭޒް ޔޫޝުއަލް އަށް ކަންކަން ގެންގޮސްފި ނަމަ ފިނިހޫނުމިން 1.5 އިން 2 އަށް ވުރެ ވެސް މަައްޗަށް އަރައިގެން ދާނެ،" މޫސުމީ ބަދަލުގެ ހާލަތު އޮތް ގޮތް ސިފަކޮށްދެއްވަމުން ތޯރިގް ވިދާޅުވި އެވެ.
ކޮޕް 26 އަކީ ކޮބާ އަދި އޭގެ މަގްސަދަކީ ކޮބާ؟
ދުނިޔެ ހޫނުވަމުން ދަނީ އިންސާނުން ހަކަތަ އުފެއްދުމަށް ބޭނުން ކުރާ ފޮސިލް ފިޔުލް އެންދުމުގެ ސަބަބުން އަރާ ދުންތަކާ ހެދި އެވެ. މޫސުމީ ބަދަލާ ގުޅިފައިވާ ބޮޑެތި ހާދިސާތަކުގެ އަސަރު ބޮޑުވެ، އެ ކަންކަން ދިމާވާ މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އާދަޔާ ހިލާފަށް ހޫނުގަދަވުމާއި، ފެންބޮޑުވުމާއި ޖަންގަލިތަކުގައި ރޯވުން ވަނީ އިތުރުވެފަ އެވެ. ފާއިތުވި 10 އަހަރަކީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނުގަދަ 10 އަހަރެވެ. އެހެންކަމުން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަރުކާރުތަކުން އެއްބަސްވެ އެވެ.
ކޮޕް 26 ސަމިޓުގައި 200 ގައުމުން ހުށަހަޅަން ޖެހެނީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ޖައްވަށް ބޭރު ކުރާ ގޭސް މަދު ކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެވެ. 2015 ވަނަ އަހަރު ޕެރިސްގައި އޮތް ކޮޕްގައި ގައުމުތަކުން ސޮއިކުރި އެއްބަސްވުމުގައި ވަނީ ދެ ޑިގްރީ އަށް ވުރެ ތިރީގައި ހޫނުމިން ބަހައްޓަން އެއްބަސްވެ، 1.5 ޑިގްރީ އަމާޒަކަށް ހަދަން ނިންމާފަ އެވެ.
"އޭރު ޕެރިސް އެގްރީމެންޓު ހެދިއިރު، ރާއްޖެ އަކީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާ. ރާއްޖެ އިން ވަރަށް ވަރުގަދަ އަށް އަޑުއުފުލި 1.5 ޑިގްރީ ސެލްސިއަސް، މި ނަންބަރު ހިމަނަން ޕެރިސް އެގްރީމެންޓުގައި. އެ ކަންތައް އަޅުގަނޑުމެންނަށް ކުރެވުނު. އެހެން ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޕެރިސް އެގްރީމެންޓުގައި ކުރަން ހުރި މުހިއްމު ކަންތައްތައް މި ދަނީ ފަސްވަމުން. އެކަންކަން ކުރަން އަޑުއުފުލުން އެއީ ވަރަށް ވަރަށް މުހިއްމު ކަމެއް،" ތޯރިގް ވިދާޅުވި އެވެ.
ކޮޕް 26 ގައި ނިންމާނީ ކޮން ކަންތައްތަކެއް؟
ސަމިޓު ފެށުމުގެ ކުރިން ގިނަ ގައުމުތަކުން ގޭސް ބޭރު ކުރުން މަދު ކުރަން ކުރާނެ ކަންތައްތަކުގެ ޕްލޭން ނިންމާނެ އެވެ. ސަމިޓު ކުރިއަށްދާ ދެ ހަފުތާގެ ތެރޭގައި މުޅިން އާ ކަންކަން ވެސް އިއުލާނުކުރާނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ޕެރިސް އެގްރީމެންޓު ތަންފީޒު ކުރަން އަމަލު ކުރާނެ އުސޫލާ ގުޅޭ ކަންކަމެވެ.
ސަމިޓުގެ ތެރެއިން އިއުލާނު ކުރާނެ ކަމަށް ބެލެވޭ އިތުރު ކަންކަމުގެ ތެރޭގައި ކަރަންޓު ކާރަށް ބަދަލުކުރުމާއި، ކޯލް ހަކަތަ ބޭނުންކުރުން ހުއްޓާލާނެ ގޮތް އަވަސް ކުރުމާއި، ގަސްތައް ކެނޑުން މަދުކުރުމާއި، ކޯސްޓަލް ޑިފެންސް ސިސްޓަމަށް ފަންޑުކޮށް މޫސުމީ ބަދަލުގެ އަސަރުން ގިނަ ބަޔަކު ރައްކާތެރި ކުރާނެ ގޮތްތައް ހިމެނެ އެވެ.
ގްލާސްގޯ އަށް 25،000 އަށް ވުރެ ގިނަ މީހުން ޖަމާވާނެ ކަމަށް ބެލެވެ އެވެ. އެއީ ދުނިޔޭގެ ލީޑަރުންނާއި ޑިޕްލޮމެޓުންނާއި ނޫސްވެރިންނެވެ. ކޮނެފެންރެންސް ނިމޭއިރު ނެރޭ ގަރާރުގައި ހުރިހާ ގައުމަކުން ވެސް ސޮއިކުރަން ޖެހޭނެ އެވެ.
ރާއްޖެ އިން ސަމިޓަށް ދާ ވަފުދުގައި އެންމެ އިސްކޮށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ އެހެން އިސް އޮފިޝަލުންނާއި ސްކޫލް ދަރިވަރެއް ކަމަށްވާ އަލްމާން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކުދި ގައުމުތަކަށް ފައިސާ ލިބޭނެތަ؟
ފައިސާ އާއި މޫސުމީ އިންސާފާ ގުޅޭ ގިނަ ވާހަކަތަކެއް ސަމިޓުގެ ތެރެއިން ދެކެވޭނެ އެވެ. ކުދި ތަރައްގީވަމުންދާ ގައުމުތައް މޫސުމީ ބަދަލުގައި ހިއްސާ ކުރަނީ ވަރަށް ކުޑަ މިންވަރެކެވެ. ރާއްޖެއިން ޖައްވަށް ބޭރު ކުރާ ވިހާ ގޭހުގެ އަދަދަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ 0.003 ޕަސެންޓެވެ.
ނަމަވެސް މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖެ ފަދަ ގައުމުތަކަށެވެ. އެހެންކަމުން 1800 އަހަރުތަކުގައި ފެށިގެން އައި ސިނާއީ އިންގިލާބުގައި ޖައްވަށް ވިހަ ގޭށް ބޭރުކޮށް، މިއަދު ދުނިޔެ އަށް ކުރިމަތުވެފައިވާ ހޫނުވުމުގެ މައްސަލައިގެ ޒިންމާ އެޅެނީ ބޮޑެތި މުއްސަނދި ގައުމުތަކުގެ ބޮލުގަ އެވެ.
އެހެންކަމުން ކުދި ގައުމުތައް ޑިމާންޑު ކުރަނީ ގޭސް ބޭރު ކުރުން މަދުކޮށް މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރުމަށް މުއްސަނދި ގައުމުތަކުން ފައިސާ ފޯރުކޮށްދިނުމަށެވެ. އެގޮތުން ކޯލް އަށް ބިނާވާ ގައުމުތަކުން ސޯލާ ހަކަތަ އަށް ބަދަލުވުމަށާއި، ފެންބޮޑުވުމާ ދެކޮޅަށް ނިޒާމުތައް ހަދަން ބޭނުންވެ އެވެ.
މުއްސަނދި ގައުމުތަކުން ކުރިން އެއްބަސްވީ އަހަރަކު 100 ބިލިއަން ޑޮލަރު 2020 ގެ ކުރިން ދިނުމަށެވެ. ނަމަވެސް އެ އަމާޒަށް ވާސިލްވެވިފައި ނުވާ ކަމަށް އދ. އިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުންޏެވެ.
ރާއްޖޭގެ ބަހާއި އަމަލު އޮތީ ކިހިނެއް؟
"ދިވެހިރާއްޖެ ކޮޕް 26 އަށް ދަނީ އަމިއްލަ ނަފުސަށް ކުރަމުންދާ އިޔާދަނުކުރެވޭނެ ބޮޑެތި އަނިޔާތަކަކަށް ފަރުވާ ހޯދަން ކުރަން ޖެހޭ ހަރަދެއް، އެހެން ބައެއްގެ އަތުން ހޯދަންތަ؟،" ސޭވް ދަ މޯލްޑިވްސް ކެމްޕެއިންގެ ވޮލަންޓިއަރު ހުމައިދާ އަބްދުލް ގަފޫރު ޖަވާބުގައި ވެސް ކުރެއްވީ ސުވާލެކެވެ.
ހުމައިދާ ވިދާޅުވީ ރާއްޖެ އިން ކޮޕް 26 އަށް ދާ މަގްސަދާއި އަމަލު ކުރާ ގޮތާ ނުބައްދަލު ކަމަށާއި އޭގެ ސަބަބުން ކޮޕް 26 އަށް ގޮސް ރާއްޖެ އިން ހާސިލްކުރަން އުޅޭ މަގްސަދުގެ ނިޔަތާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.
އޭގެ އިތުރުން މޫސުމީ ބަދަލުގެ މަސައްކަތުގައި މުހިއްމީ ރާއްޖެ އިން ޖައްވަށް ބޭރު ކުރާ ގޭހުގެ އަދަދު ނޫން ކަމަށާއި ކާބަން ބޭރު ކުރުމުގައި ރާއްޖޭގެ ހިއްސާ ކުޑަ ނަމަވެސް، ރައްށަތަކަށް ގެއްލުން ދިނުމުގައި ރާއްޖޭގެ ހިއްސާ ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަމިއްލަ ރަށް، އަމިއްލަ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާފައި ދެން ކޮޕް 26 އަށް ގޮސް ކޮންމެ ވާހަކައެއް ދެއްކިޔަސް އޭގެން ލިބޭނެ މާ ބޮޑު ފައިދާއެއް ނޯންނާނެ."
ބްލޫޕީސްގެ ރިލްވާން ވެސް ކަންބޮޑުވުން ފާޅުކުރެއްވީ މޫސުމީ ބަދަލާ ގުޅިގެން ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރުމަށް މަސައްކަތް ނުކުރާ މައްސަލައިގަ އެވެ.
"މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސްގެން މި ދަނީ ރާއްޖެއިން ކްލައިމެޓް ޗޭންޖު ވާހަކަ އިސްކޮށް ދައްކާތާ. އެކަމަކު އަދި ރާއްޖޭގައި އެޑެޕްޓޭޝަނަށް މާ ބޮޑެތި ކަންތައްތަކެއް ކުރެވޭ ތަނެއް ނުފެނޭ. ހޭޅިފަށުގެ ވެސް ހަމަ ގަސްތައް ކޮށަމުންދާތަން މި ފެންނަނީ. ބިލްޑިން ކޯޑަށް ވެސް މާ ބޮޑު ބަދަލުތަކެއް އައިސްފައެއް ނެތް. އަޅުގަނޑުމެން އެބަ ޖެހޭ ލޯކަލީ ވެސް ކަންތައްތަކެއް ކުރަން،" ރިލްވާން ވިދާޅުވި އެވެ.
އެގޮތުން ގެތަކަށް ފެން ނުވަންނާނެހެން އުސްކޮށް އިމާރާތް ކުރަން ހައުސިން ކޯޑް ބަދަލުކުރަން ޖެހޭ ކަމަށާއި ރަށްރަށުގެ ހޭޅިފަށުގެ ގަސް ކެނޑުމާއި ގަސް އިންދުމާއި މިކަހަލަ ކަންތައްތަކެއް ކުރަން އެބަ ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އިވިގެން ދަނީ ކްލައިމެޓް ޗޭންޖު ވާހަކަދައްކާއިރު މިޓިގޭޝަންގެ ވާހަކަ، ރިނިއުވަބަލް އެނާޖީ އެކަހަލަ ވާހަކަ ދައްކާތަން. އެއީ މުހިއްމުކަމެއް. އެކަމަކު ރާއްޖެ އަށް އެންމެ މުހިއްމީ އެޑަޕްޓޭޝަން، އެއީ މިހާރު ވެސް ކްލައިމެޓް ޗޭންޖުގެ އިމްޕެކްޓްސް ފެލްޓުވަމުންދާތީވެ. އެޑެޕްޓޭޝަނަށް ކުރާ ކަންކަން ނެޝަނަލް ލެވަލްއެއްގައި ވެސް ހާމަކުރެވިފައެއް ނެތް. އެއީކަންބޮޑުވާ ކަމެއް."
މިހާރުން ފެށިގެން މުޅި ދުނިޔެ ޒީރޯ ކާބަން އަށް ދިޔަ ނަމަވެސް، މިހާރު ޖައްވުގައި ހުރި ގޭހުގެ ސަބަބުން ކުރިއަށް އޮތް 70 އަހަރު ވަންދެން މޫސުމީ ބަދަލުގެ އަސަރު ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ފާޅުކުރެއްވީ ހަމަ އެ ހިޔާލެވެ.
"އަޅުގަނޑުމެންނަށް މި ވަގުތު ބޭނުން ވަނީ އެޑެޕްޓޭޝަން އެއީ ރަށްރަށް ސަލާމަތް ކުރުމާ ގުޅޭ ކަންކަން. އެޑެޕްޓޭޝަން ފަންޑަށް މިހާރު ލިބެނީ ދެ ޕަސެންޓު. މި ފަހަރުގެ އާ ނެގޯޝިއަންގެ ތެރެއިން މާކެޓް މެކޭނިޒަމް، ޕެރިސް އެގްރީމެންޓުގައި ހިމެނޭ ކަމެއް މިއީ، އެޕްރޫވްވެގެން އަންނަ އިރު، މި ދެ ޕަސެންޓަށް ވުރެ ބޮޑު ޕަސެންޓެއް އެޑެޕްޓޭޝަން ފަންޑަށް ލިބުން އެއީ ވަރަށް މުހިއްމު ކަމެއް،" ތޯރިގް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖެ އިން ކަނޑައެޅި އެންޑީސީ ހާސިލްކުރަން މަސައްކަތް ނުކުރާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ. ރާއްޖެ އިން ވައުދުވެފައު ވަނީ 2030 އަންނަން ވާ އިރަށް ޖައްވަށް ބޭރު ކުރާ ކާބަން 26 ޕަސެންޓަށް ތިރި ކުރުމަށެވެ. އިތުރު އެހީތަކާ އެކު ނެޓް ޒީރޯ އަށް ދާނެ ކަމަށް ވެސް ވައުދުވެފައި ވެ އެވެ.
"މިހާރު 2030 އަންނަން މި އޮތީ ގާތްގަނޑަކަށް އަށް އަހަރު، މިކަންތައް ކުރަން ޕްލޭނެއް ހަދާފައި އެބަ އޮތް. އެކަމަކު ލާޖް ސްކޭލްކޮށް މިއަދު މި މަސައްކަތް ފަށައިގެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނެޓް ޒީރޯއާ ހަމައަށް ދެވޭނީ އަދި 26 ޕަސެންޓާ ހަމައަށް ދެވޭނީ ވެސް ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން،" ތޯރިގް ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވި އެވެ.
"ހަމައެކަނި ސޯލާ ޕެނެލަ ޖަހައިގެން އެކަމެއް ނުވާނެ. އޭގެ އިތުރުން ޓްރާންސްޕޯޓް ސެކްޓާ ކޮބައިތޯ؟ އޭގެން ކޮން ކަމެއްތޯ ކުރަނީ؟ އަޅުގަނޑުމެންނަކަށް ނުފެނޭ އެއް ކަމެއް ވެސް ކުރާ ތަނެއް. ކޮބައިތޯ ރިސޯޓް ސެކްޓާގައި ކުރެވޭ މަސައްކަތްތައް؟ ކޮބައިތޯ ދެން ވެސް އެހެން ހުންނަން ހަކަތަ ބޭނުންވާ ދާއިރާތަކުގައި އެގްރިކަލްޗަރަލް ސެކްޓާގައި ކުރާ ކަންކަން؟ މީގެން އެއްވެސް ކަމެއް ކުރެވޭ ތަނެއް ނުފެނޭ."












