ގަތަރުގެ ދޯހާގައި މިއަދު ފެށި ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ހަތް ވިކެޓުން ބަލިވެއްޖެ އެވެ.
މިއީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ގައުމީ ކްރިކެޓް ޓީމުން ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ.
ދޯހާގެ ވެސްޓް އެންޑް ޕާކް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. ރާއްޖޭން ފުރަތަމަ ކުޅެން ނުކުތީ ޔޫސުފް އަޒްޔާން ފަރުހަތު އާއި އަހުމަދު ހަަސަން އެވެ. ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 50 ބޯޅައިން 20 ލަނޑު ހެދި އިބްރާހިމް ނަޝާތު އެވެ.

ގައުމީ ކްރިކެޓް ޓީމު.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ފަހުން ކުޅެން އަރައި މުހައްމަދު ރިޝްވާން އާއި ހަސަން އިބްރާހިމް އެ ދެ ކުޅުންތެރިންނަށް ވެސް 14 ލަނޑާ ހަމައިން ޖެހުނީ ފަރުޖައްސާލާށެވެ. ވިހި އޯވަރު ހަމަވިއިރު، ރާއްޖެ އަށް ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. އެހެންވެ،
ޖަވާބުގައި ކުޅެން އަރައި ސައުދީން ވަނީ 15.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވިއިރު، 101 ލަނޑު ހަމަކޮށް ހަތް ވިކެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. ސައުދީ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ފައިސަލް ހާން އާއި އެ ޓީމުގެ ކެޕްޓަން އަބްދުލް ވަހީދު އެވެ. ފައިސަލް ވަނީ 24 ބޯޅައިން 41 ލަނޑު ހަދައިފަ އެވެ. އަދި ވަހީދު ވަނީ 36 ބޯޅައިން 33 ލަނޑު ހަދައިފަ އެވެ.
ރާއްޖޭން ދެ ވަނަ މެޗުގައި މާދަމާ ނުކުންނާނީ ގަތަރާ ދެކޮޅަށެވެ.
މިއަދު ގަތަރު ކުޅުނު މެޗުން ވަނީ ބަހްރޭން އަތުން އަށް ވިކެޓުން ބަލިވެފަ އެވެ. ބަހްރޭނުން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރާށެވެ. ގަތަރުގެ 20 އޯވަރު ހަމަވިއިރު، ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 133 ލަނޑެވެ. ބަހްރޭނުން ވަނީ ކުޅެން އަރައި 13.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވި ނަމަވެސް 134 ލަނޑު ހަމަކޮށް، އަށް ވިކެޓުން މެޗު ކާމިޔާބުކޮށްފަ އެވެ.












