ސަރުކާރުގެ އަމާޒަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެ ހުރި ތަނަކުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ސިޓީގައި މިރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންގެ ދާއިރާއަށް ބަލާއިރު އެންމެ ދުވަސްވީ މައްސަލައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖުތަމައު އަށް ގެނައުމުގެ މައްސަލަ ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމައުގައި ތިބެގެން، ފަރުވާ ހޯދޭނެ ވަށާޖެހޭ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ނިޒާމް ފޭލްވެފައިވާ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެކަމުގެ ހެއްކަކީ އެތައް ޒުވާނުންނެއް ފަރުވާ އަށް ސަލާން ޖެހުމެވެ. އަދި ސެންޓަރުތަކުން ފުރުސަތު ނުލިބި ވަރަށް ގިނަ ޒުވާނުން ވަނީ މަގުމަތިވެފަ އެވެ. މިއީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތްތައް ރާއްޖޭގައި އާއްމުވެ އޭގައި ޒުވާނުން ޖެހުމުގެ ކަންބޮޑުވުން ވަނީ ފަހަކަށް އައިސް އިތުރުވެފަ އެވެ. މިހާރު ރާއްޖެއަށް މަގްބޫލުވަމުންދާ ޓްރެންޑަކީ ކެމިކަލް ޑްރަގްސް ކަމަށް ދާއިރާގެ ތަޖުރިބާކާރަކު ދާދި ފަހުން ވަނީ ބުނެފަ އެވެ. އެފަދަ ބާވަތްތައް އާއްމުވުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފަހަތަށް އެޅޭނެ ފިޔަވަޅެކެވެ.














