މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލޭން ފުރައިގެން ވ. އަތޮޅަށް ދިޔަ ލޯންޗުން ގެއްލުނު އުމުރުން ހަތަރު އަހަރުގެ ކުއްޖާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް މިވަގުތަށް އެމްއެންޑީއެފުން ހުއްޓާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ކުއްޖާ ހޯދުމަށް މިހާތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން 4،706 މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. .
"ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައި ނުވާތީވެ، ސާޗްވަނީ ސަސްޕެންޑް ކުރެވިފައި" އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެކުއްޖާ ހޯދުމަށް އެމްއެންޑީއެފުން ބަލާފައިވާ ސަރަހައްދުގެ ޗާޓެއް

މާލޭން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި އޭގެ ތެރެއިން ތިން މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން ކައިރިން އެދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. މޫދަށް ވެއްޓުނު އެ ކުއްޖާގެ މަންމަ، މަރިޔަމް ނާހިދާ ވަނީ މަރުވެފަ އެވެ. އޭނާގެ އަނެއް ދަރިފުޅު ވަނީ މޫދުން ސަލާމަތްކޮށްފަ އެވެ.
ގެއްލުނު ކުއްޖާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެކެވެ. އެމްއެންޑީއެފުން ވަނީ ގެއްލުނު ކުއްޖާ ހޯދަން އާންމުންގެ އެހީއަށްވެސް އެދިފަ އެވެ.
މި ހާދިސާ ހިނގިއިރު ލޯންޗުގައި 13 މީހުން ދަތުރުކުރަމުން ދިޔަ އެވެ.












