ޓުއާ ގައިޑަކަށް ހެދިގެން ފަތުރުވެރިއަކަށް ހިދުމަތް ދިނުމަށްފަހު، އޭނާ މޫދަށް އެރި ވަގުތު ބަލައި ދަބަހުން ފައިސާތަކެއް ނެގުމަށްފަހު ފިލި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ފަތުރުވެރިޔާ އަތުން ވައްކަން ކުރި މީހާގެ ނަން މިހާތަނަށް އެ އިދާރާއަށް ހޯދިފައިނުވި ނަމަވެސް އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަން އެނގިފައިވާ ކަމަށެވެ. ތުހުމަތު ކުރެވޭ މީހާގެ ފޮޓޯގަނޑެއް ފުލުހުން ވަނީ އިއުލާނާއެކު ޝާއިއުކޮށްފަ އެވެ.
ފުލުހުންގެ އިއުލާނުގައި ބުނެފައި ފަތުރުވެރިޔާގެ ފައިސާތައް އެމީހާ ވަގަށް ނެގީ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު އެވެ. ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާއެއްކަން ފުލުހުންގެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ.
ފޮޓޯގައިވާ މީހާގެ އެއްވެސް މައުލޫމާތެއް އެނގިފައިވާ ފަރާތެއް ނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖެއިން މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 4056 މައްސަލަ ހުށަހަޅާފައިވެ އެވެ. މިދިޔަ އަހަރު މުޅި ޖުމްލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ ވައްކަމާއި ފޭރުމުގެ 5004 މައްސަލަ އެވެ.














