ބުއްދިވެރިޔަކު އޭނާގެ ޒުވާން ފުރައިގެ ދަރިޔާއެކު ބާޒާރުމަތީގެ އެންމެ ކާރުބާރޫ ބޮޑު ހިސާބުން ހިނގަމުންދިޔަ އެވެ. ކުރިމައްޗަށް އެރި މީހަކު ވަރަށް ރުޅި އައިސްފައި ބުއްދިވެރިޔާއާ ދިމާއަށް ބުންޏެވެ. ކަލޭތީ ހިމާރެއް ހެއްޔެވެ؟ ބުއްދިވެރިޔާ އޭގެ ޖަވާބުގައި މަޑުމައިތިރި ކަމާއެކު ބުންޏެވެ. ނޫނެކެވެ. މިހެން ބުނެފައި އޭނާއާ ދުރަށް ހިނގައިގަނެ، މީހުންގަނޑުގެ ތެރެއިން ނުކުމެވުމުން ބުއްދިވެރިޔާގެ ޒުވާން ދަރިފުޅު ބުނެފި އެވެ. ތިޔަ ކުރީ ހާދަހާ ފިނޑިކަމެކެވެ. އޭނާ ހަމަ ހިތަށް އެރި އެއްޗެއް ބުނަންވީ ހެއްޔެވެ؟ އެ މިނިވަންކަމަށް އޭނާ ދޫކޮށްލަންވީ ހެއްޔެވެ؟ ބުއްދިވެރިޔާ ބުންޏެވެ. އޭނާ ކުރީ ވަރަށް އާދައިގެ ސުވާލެކެވެ. އޭނާ އެހީ ކަލެޔަކީ ހިމާރެއް ހެއްޔޭ އެވެ؟ އަހަރެން ބުނީ ނޫނެކޭ އެވެ. އޭނާ ކުރީ ސުވާލެކެވެ. އެސުވާލުގެ ޖަވާބަކީ އެއީ އެވެ. ޒުވާނާ ވަރަށް ހިތްހަމަނުޖެހިފައި އެއީ ކަމުދާ ގޮތެއް ނޫންކަމަށް ބުނެފި އެވެ. ދެބަފައިން މިއަރާރުމުގައި އަލުން އެސަރަހައްދަށް ދިއުމަށް ނިންމި އެވެ.
އެސަރަހައްދަށް ގޮސް އެއްކަލަ މީހާ ފެނުމުން ޒުވާނާ ވަރަށް ރުޅިއައިސްފައި ކަލޭ ތީ ހިމާރެއްހެއްޔޭ ގޮވައިފި އެވެ. އެމީހާ އެޔަށްވުރެ ރުޅި އައިސްފައި އެޔަށް ރައްދު ދިނުމުން ދެމީހުންގެ ޒުވާބު ފެށި، އިސާހިތަކު ތަޅާފޮޅުމަކަށް ބަދަލުވެއްޖެ އެވެ. އެމަންޒަރު ބަލަންހުރި މީހަކު ބުނެފި އެވެ. މިތިބަ ދެ ޖަނަވާރު ތަޅާއިރު ކަލޭމެން މަޑުން ތިތިބެނީ ކީއްވެ ހެއްޔެވެ؟ އިރުކޮޅަކުން އެދެމީހުން ރުޅިއައިސްގެން އެހެން ބުނި މީހާއާ ވެސް ތަޅައިގަނެއްޖެ އެވެ. މިގޮތުން މާރާމާރީގެ ބަޔަށް މީހުން އިތުރު ވަމުންދަނިކޮށް މާދުރުން އައި އެހެން މީހަކު ބުނެފި އެވެ. ކަލޭމެން ކުރިމަތީގައި އެކަކު އަނެކަކަށް ތަޅައި އަނިޔާލިބެމުން އެދަނީ އާދަމުގެ ދަރީންނަށްކަމެއް ނުވިސްނެނީ ހެއްޔެވެ؟ މިއަޑުއަހާފައި ބަލަން ތިބި މީހުން އެކި މީހުން ދުރުކޮށް ތަންގަނޑު ސުލްހަކޮށްފި އެވެ. ޒުވާނާއާއި ބުއްދިވެރި ބައްޕަ އެހިސާބުން ދުރަށް ދެވުމުން ބުއްދިވެރިޔާ އަލުން ބުންޏެވެ. ތިޔަ ހުރިހާ ކަމަކަށްވުރެ "ނޫނެކޭ" މި ލަފުޒު ރަނގަޅެއް ނޫން ހެއްޔެވެ؟
އަލްފުރްޤާން ސޫރަތުގެ 63 ވަނަ އާޔަތުގެ މާނައިގައިވެ އެވެ.
"އޯގާވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭ މީހުންނެވެ. އަދި އެމީހުންނާ ޖާހިލުން މުހާތަބުކޮށް ވާހަކަދައްކައިފި ހިނދަކު، އެމީހުން ސަލާމޭ ބުނެ އެވެ."
މި އާޔަތުގައި ﷲ ގެ އަޅުތަކުންނޭ އޮތުމުގެ ބަދަލުގައި އޯގާވަންތަ ރަސްކަލާނގެ އަޅުތަކުން ކަމަށް ބަޔާންކުރައްވާފައި އެ ވަނީ، އެފަދަ އަޅުންގެ ހުންނާންވީ އޯގާވަންތަކަމުގެ ސިފައެއް ބަޔާންކޮށްދެއްވުމުގައި އާޔަތް ފެއްޓެވުމުގައި އިޝާރާތެއް ދެއްވުމުގެ ގޮތުންނެވެ. ޖާހިލުން ކަމަށް އާޔަތުގައި އޮތީ ހަމައެކަނި ބުއްދި ހަމަ ނުޖެހޭ މީހުން ނުވަތަ ނުލަފާ މީހުން ނުވަތަ އެއްޗެއް ނުދަންނަ މީހުންނޭ އޮތުމަށްވުރެ، ހަމަޔެއް ލަމައެއް ނުހުންނަ މީހުންގެ މާނައިގަ އެވެ.
އެފަދަ މީހުންނާމެދު ވެސް އޯގާވެރިވުމުގެ ސިފަ މުއުމިނުން އިސްކުރާގޮތުގެ މިސާލު މިއާޔަތުގައި ގެންނަވަނީ އެވެ. ޖާހިލުންފަދަ ހަމަޔެއް ލަމައެއް ނެތް މީހުން މުހާތަބުކުރުމުން ޖަވާބުގައި ރަނގަޅު މީހުން ބުނެ އުޅެނީ "ސަލާމޭ" ކަމަށް އޮތް ބަސްފުޅުގެ މުރާދުކަމަށް އިލްމުވެރިން ވިދާޅުވަނީ އެއީ، އެމީހުންނާ ޒުވާބު ނުކޮށް އެމީހުންގެ ކިބައިން އަވަހަށް ދުރުވެގަތުމުގެ މަގެއް އިހްތިޔާރުކުރުން ކަމަށެވެ. ކޮންމެހެން އެލަފުޒު ދުލުން ބުނުން ނޫން ކަމަށެވެ. އެއީ ހަމައެކަނި ބުއްދިވެރި ގޮތަކަށްވަނީ އެކަންޏެއް ނޫނެވެ. އެ ގޮތަކީ އެފަދަ މީހުންނާމެދު އޯގާތެރިވުމުގެ ގޮތަކަށްވެސް ވާކަން އާޔަތުގެ ފެއްޓެވުމާމެދު ފުންކޮށް ވިސްނުމުން އެނގިގެން ދެ އެވެ.
މާތް ނަބިއްޔާއަށް އިރުޝާދުދެއްވައި، އަޢުރާފް ސޫރަތުގެ 199 ވަނަ އާޔަތުގައި އަންގަވަ އެވެ.
"ކަލޭގެފާނު މާފުކުރެއްވުން އިހްތިޔާރު ކުރައްވާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ."
މިއާޔަތުން ވެސް އިރުޝާދުލިބެނީ ޖާހިލުންނާ ފޮށިގަނެ ރައްދުދީ ޒުވާބުދީ ހެދުމުގެ ބަދަލުގައި އެއްކިބާވެ ދުރަށްދިއުން ހެޔޮކަންބޮޑުކަމުގެ މައްޗަށެވެ. އަދި އެއީ މާފުކުރުމުގެ ތެރޭގައިވެސް ހިމެނޭކަމެއް ކަމަށް އާޔަތުން ދަލީލު ލިބެ އެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގެ އެކި ތަނުން ހަމަޔެއް ލަމައެއް ނެތް މީހުންނާ ދިމާވާނެ އެވެ. ވަޒީފާއަދާކުރާ އޮފީހުންނާއި ބާޒާރުކުރަން ވަންނަ ފިހާރައިންނާއި ބާޒާރު މަތީންނާއި މަގުމަތީންނެވެ. ކަސްރަތުކުރަން ދާ ޖިމްތަކުންނާއި އަރާ އުޅޭ ރެސްޓޯރެންޓް ތަކުންނެވެ. މިއިން އެއްވެސް ތަނަކަށްވުރެ ގިނައިން މިޒަމާނުގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުންނެވެ. ތިމާއަށް ރައްދުވާގޮތަށް ހަމަޔެއް ލަމައެއް ނެތި ވާހަކަދައްކާ އެތައް ބަޔަކު ފެނިދާނެ އެވެ. ބައެއް ފަހަރަށް ބައިވަރު ތުހުމަތާއެކު އެވެ. އަނެއްބައި ފަހަރަށް ކޮންމެވެސް އައިބުތަކެއް ބަޔާންކުރުމާއެކު އެވެ. ބައެއް ފަހަރަށް އެއްވެސް އަސްލެއް ނެތް މޮޅު ވާހަކައެއް ދައްކާލުމުގެ ބޭނުމުގަ އެވެ.
އިސްލާމްދީން އިރުޝާދުދެނީ އެފަދަ ހަމަޔެއް ލަމައެއް ނެތް ވާހަކަތައް ދައްކާ ތިމާއަށް އުނދަގޫކުރާ މީހުންނާ ޒުވާބުކޮށްހެދުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ރައްދު ނުދިނުމަށެވެ. ނުވަތަ ކޮންމެހެން ބޭނުން މިންވަރަށް އެކަނި މަދު ބަސްތަކަކުން ފުއްދާލުމަށެވެ. އެއީ ހަމައެކަނި ތިމާއާމެދު ދައްކާ ދޮގު ވާހަކައަކުން ތިމާއާބެހޭގޮތުން އެހެން ބަޔަކު ކަމެއް ގަބޫލުކޮށްފާނެ ފަދަ ހާލަތެއް އޮތްނަމަ ރީތި ގޮތުގައި އެކަމެއް ދޮގުކަން ބަޔާންކޮށްލުން ފަދަ ކަމެއް ކުރުމެވެ. ހުއްޓުމެއް ނިމުމެއް ނެތް ދެބަސްވުންތަކާއި އަރާރުންތަކެއް މެދުވެރިވެދާނެ ފަދަ ގޮތްތަކެއް ގެނެސްނުގަތުމެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބެލުމުން ފެންނާނެ އެވެ. ހުރިހާކަމެއްގައި ބަސްކިޔާ މީހުންނެވެ. ސިޔާސީ މައުލޫއެއް ދީނީ މައުލޫއެއް ކުޅިވަރުގެ މައުލޫއެއް އިސްތިސްނާކުރުމެއް ނެތި އެވެ. އެފަދަ ހަމަޔެއް ލަމައެއް ނެތް މީހުން ގިނަ ފަހަރަށް ޑޮކްޓަރުންނަށްވުރެ "މޮޅަށް" ސިއްހީ ކަންކަމުގައި ބަސްކިޔަ އެވެ. ފަންނީ ދާއިރާތަކުގެ ފަންނީ މީހުންނަށްވުރެ "ބޮޑަށް" ހުރިހާ ފަންނެއްގައި އެމީހުން ތިބީ ކުރީގަ އެވެ. ކުރާންވީ ގޮތް ބުނެދޭން އެނގޭ، ކުރާނޭ ގޮތް ނޭނގޭ އެދުރުންނެވެ. އެފަދަ މީހުންނާ މުއާމަލާތުކޮށް ރައްދުދިނުމުގައި އޮތީ މާފުކުރުމާއި އޯގާތެރި ވުމެވެ. އެކަން ތަންފީޒުކުރުމުގެ މަގަކީ، ދެބަސްވުން ނުފެށޭ ގޮތަށް ނުވަތަ ހުއްޓޭ ގޮތަށް ކުރު ޖަވާބުން ޖަވާބުދިނުމާއި ވީއެންމެ އަވަހަކަށް އެމީހުންގެ ކިބައިން ދުރުވެގަތުމެވެ. އެމީހުންގެ ބަސްތަކުގެ ފަހަތުން ނުދުވެމެވެ. ކޮންމެހެން ރައްދެއް ދިނުން ލާޒިމުވެ ބޭނުން ބޮޑުވެއްޖެ ފަހަރަކު މެނުވީ އިވޭކަމަށްވެސް ނުހެދުމެވެ. އެހެނީ އެބައިމީހުންނަކީ ޖާހިލުންނެވެ.
އަރަބި ޅެންވެރިޔަކު ކިޔާފައިވެ އެވެ. ޖާހިލުކަމަކީ އޭގެ އަހުލުވެރިން މަރުވުމުގެ ކުރިން ވެފައިވާ މަރެކެވެ. އެމީހުންގެ ހަށިތަކަކީ އެބައިމީހުންގެ ރޫހުތައް ވަޅުލެވިފައިވާ ދިރުމެއް ނެތް ގަބުރުތަކެކެވެ. އިލްމުން ނުދިރޭ ކޮންމެ ހިތެއްގެ ވެރިޔަކީ މައްޔިތެކެވެ. އަލުން ދިރުއްވާ ދުވަހުން މެނުވީ ދިރުމެއް ނުލިބޭނެ ނަފުސެކެވެ.








