ލަންޑަން (20 އޮކްޓޫބަރު) - އެކަށީގެންވާ ވަރަށް ވުރެ ގިނައިން މެޗުތައް ކުޅުމުގެ ސަބަބުން، ޗެލްސީގެ ފޯވަޑް ރޮމެލޫ ލުކާކޫ މި ވަގުތު ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
އިންޓަ މިލާނުން 134 މިލިއަން ޑޮލަރުގެ ޓްރާންސް ފީއެއްގައި މި ސީޒަންގައި ޗެލްސީ އަށް ބަދަލުވި ލުކާކޫ ،28، ސީޒަންގެ ކުރީކޮޅު ހުރީ ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު މި ފަހަކަށް އައިސް، އޭނާގެ ފޯމު ވަނީ ދަށްވެފަ އެވެ. ލުކާކޫ އެންމެ ފަހުން ޗެލްސީ އަށް ލަނޑެއް ޖަހައިދިނީ ސެޕްޓެމްބަރު މަހު އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ސްވިޑަންގެ މަލްމޯއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓުޗެލް ބުނީ މާ ގިނަ މެޗުތަކެއް ކުޅުމުގެ އަސަރު ލުކާކޫ އަށް ކޮށްފައިވާ ކަމަށެވެ.
"އަހަންނަށް ހީވަނީ ސަމާ (ހޫނު މޫސުމުގައި) ލުކާކީ (ގައުމީ ޓީމާއެކު) މާ ގިނަ މެޗުތަކެއް ކުޅުނު ހެން. އެންމެ ފަހުން ވެސް ނޭޝަންސް ލީގު ކުޅުނު. ލުކާކޫ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމަ، އޭނާ އަށް ގައުމީ ޓީމުގެ މެޗުތައް ވަރަށް މުހިންމު،" ޓުޗެލް ބުންޏެވެ.
"ނަފްސާނީ ގޮތުން ލުކާކޫ ހުރީ ވަަރަށް ބޮޑަށް ވަރުބަލިވެފަ. އެކަމަކު، އެއީ އަހަރަމެން ފިކުރުބޮޑުވާން ޖެހޭ ކަމެއް ނޫން."
ޓުޗެލް ބުނީ ޗެލްސީއާ ގުޅުމަށް ފަހު، ލުކާކޫ ދަނީ މަޑުމަޑުން ޓީމަށް ހޭނެމުން ކަމަށެވެ.
"ލުކާކޫއާއެކު ޓީމުގައި ކުޅުމަށް އެހެން ކުޅުންތެރިން ވެސް ދަނީ ހޭނެމުން،" ޓުޗެލް ބުންޏެވެ.
ލުކާކޫގެ އިތުރުން، ގައުމީ ޓީމާއެކު ގިނަ މެޗުތަކެއް ކުޅެފައިވާ އެހެން ކުޅުންތެރިންނަށް ވެސް ގައުމީ ޓީމުގެ މެޗުތަކާއެކު، ވަރުބަލިކަމުގެ މައްސަލަތައް ދިމާވެފައިވާ ކަަން ޓުޗެލްގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި މަލްމޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. -- ބީބީސީ












