މަގޭ ލޯބިވާ ދިވެހިރާއްޖެ

ސަލާމަތާ ރައްކާތެރިކަމަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއެއް. ފަސްމަންޒަރުން އެ ފެންނަނީ ބޮޮޑު ދިދަ އާއި ފުލުސް އޮފީސް. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަލާމަތާ ރައްކާތެރިކަމަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއެއް. ފަސްމަންޒަރުން އެ ފެންނަނީ ބޮޮޑު ދިދަ އާއި ފުލުސް އޮފީސް. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މީގެ ހައެއްކަ ދުވަސް ކުރިން މާލޭ އަތިރިމަތިން ސައިކަލު ދުއްވާފައި ދަނިކޮށް އިވުނު ތަންކޮޅެއް ކުރީގެ ޤައުމީ ލަވައެކެވެ. ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވާ ފަދަ، ގައިން ހީބިހިނަގާ ފަދަ ޅެންވެރިކަމެކެވެ.

"ދިވެހި ބިން މީ އުފަން މަގޭ ބިން

ލެވުނު ފުރަތަމަ ނޭވާ މަގޭ ބިން

އެ ބިމަކަށް އެންމެ ފަހުގެ ވިންދާ

ދޫކޮށްލަދޭނޭ ނޭވާ މަގޭ ބިން"

އެ ލަވައިގައި އެ ފާޅުކުރާ ޤައުމީ ޝުޢޫރުތަކުގެ ހަމައަށް، ރާޅުގަނޑު ސަރަޙައްދާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ޖަހާފައި ހުރި ދިވެހި ދިދަތައް ނަށަމުން ދިޔަ ކަހަލަ އެވެ. ލޮލު ކުރިމައްޗަށް ފެންނާން ހުރީ ތާރު ޖެހި ޒަމާނީ ބޮޑުމަގާއި، ތަރައްޤީގެ ފަޚުރުވެރި ރަމްޒެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސިނަ-މާލޭ ބުރިޖެވެ. ފުލޯކު ވާހަކަތަކުގައި ރަންނަމާރި ފެއްތިކަމަށް ބުނާ ގާދޫ ކޮލުން ހޮޅިލާ ނަގާ ރާޅުތައް ބާރު ދުވެލީގައި އައިސް ލޮނުޒިޔާރަތްކޮޅުގެ، އޮއްގަލުގެ، މަސްނޫޢީ ގޮނޑުދޮށަށް ބިންދާލާއިރު އިވޭ އަޑުތަކުން، އެ ލަވަ "މޮޑިފައި"ކޮށްދޭ ކަހަލަ އެވެ.

އަމަން އަމާންކަމާއި، ތަރައްޤީ އާއި ތަހުޒީބު ދޭ އިތުބާރުގެ އެހީގައި އެކަނިމައި އެކަނި، ބިރެއް ނެތި، ކާރުބާރު ބޮޑު މަގެއްގައި ސައިކަލު ދުއްވަމުންދިޔަ އިރު އަހަރެން ދެކެމުންދިޔަ ހުވަފެނުން ހޭލައްވާލީ، "ދައްތާ ހަރު!" މިހެން ކިޔައި ފިރިހެނަކު ގޮވާލި އަޑަށެވެ. މައުސޫމު އިންޒާރެކެވެ. ހެޔޮއެދޭ މީހެއްގެ އެހީތެރިކަމުގެ އިޝާރާތެކެވެ. އެހެންކަމަށް ވާނަމަ، އެހެން ކިޔާފައި ކައިރިން ވައިކަފާލާފައި އެ ދިޔަ ސައިކަލުގައި ތިބި "ޕާޓޭ" ދެ ޒުވާނުން ފެނުމުން އަހަރެންގެ ހިތް ބިރުގަނެ މޭ ތެޅޭގޮތްވީ ކީއްވެގެން ހެއްޔެވެ؟

ބައްޕަ ހޮނިހިރު ވިލޭރޭ ފަތިހު މިގެއަށް އަ އެވެ. ބައްޕަ އަކީ "ސްމާޓް"ކޮށް ހެދުން އަޅާފައި ހުންނަ މީހެކެވެ. މާޝާ ﷲ، ޢުމުރުން ވީ ދުވަސް ހަށިގަނޑަކުން ނުފެނެ އެވެ. މީހުންދެކެ ޖެހިލުންވާ މީހެއް ނޫނެވެ. އެހެންނަމަވެސް ބައްޕަމެންގޭ "ޕާކު" ހުރަސްކޮށް، މިގޭ "ޕާކު" ކައިރިން އަޅާފައި، އެއޮއްފަދަ ވިއްސާރަ ދުވަހު، މީސްކޮޅު މަދު ގަޑިއެއްގައި ބައްޕަ މިގެއަށް އައިކަން އެނގުމުން އަހަރެން ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާ އެވެ. ރޭގަނޑާއި ފަތިހުގެ އަމާންކަމުގެ ފަރުދާގެ ނިވަލުގައި ދޮށްޓެއް ހަގެއް ބެލުމެއް ނެތި މީހުންނަށް ދޭ އަނިޔާގެ މަތިން ހަނދާން އާވެފައިވާ ދުވަސްކޮޅަކަށް ވީތީއެވެ. ބައްޕަގެ ރައްކާތެރިކަމާމެދު ކަންބޮޑުވާތީ އެވެ.

ދުނިޔެ އެނދުމަތިކޮށްލި ކޮވިޑު ވައިރަހާ ދެކޮޅަށް ކިރިޔާ ހިންދެމިލެވުމާއެކު ދަރިން ސްކޫލަށް ފޮނުވަން މި ފެށީ އެ ކުދިންގެ ކިބައިން "ސަލާމަތްވާކަށް" ނޫނެވެ. ހުސްވަގުތުކޮޅެއް ހޯދާކަށް ނޫނެވެ. އެ ކުދިންގެ އިޖުތިމާޢީ އަދި ޢިލްމީ ތަރައްޤީއަށް އުއްމީދުތަކެއް ކުރެވޭތީ އެވެ. އެހެންނަމަވެސް އެންމެ ސުރުޚީއެއްގެ ސަބަބުން، އަހަރެމެންގެ ތުއްތު ދަރިންގެ ދެވަނަ ޢާއިލާކަމުގައި ބަލައިގެންފައިވާ މަދަރުސާގެ މާހައުލާމެދު އޮތް އިތުބާރު ގެއްލިގެން ހިނގައްޖެ އެވެ. ތުހުމަތެކެވެ. އަދި ސާބިތެއް ނުވެ އެވެ. ދޮގު ތުހުމަތެއްކަމަށްވެސް އެއްބަޔަކު އެބަ ވަކާލާތު ކުރެ އެވެ. އެހެންވިޔަސް، ލޮލުގެ ކޮއިފަދައިން ގެންގުޅެ ބޮޑުކުރި ދަރިފުޅުގެ މައިމީހާއަށް އެހެންމީހަކަށް އޮންނަ އިތުބާރު ގެއްލެން ތުހުމަތެއްވެސް ފުދެ އެވެ. އެ ތުހުމަތުގެ ކުރިމަތީގައި އެ މައިމީހާގެ ނުތަނަވަސްކަން ދިފާޢުކުރަން އިތުރު ބަހަނާއެއް ބޭނުންވެގެން ނުވާނެ އެވެ.

މީގެ އެއް އަހަރު ކުރި އެވެ. ކޮވިޑުގެ ބަލިމަޑުކަމުގައި މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް ހަފުތާއަކު އެތައް ފުރާނައެއް ގެއްލިގެން ދިޔަ ދުވަސްވަރެކެވެ. އޭރު އަހަރަމެން ބިރު ގަންނަ ކަމަކަށް އޮތީ ހަމައެކަނި ކޮވިޑޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މި ހަފުތާގައި އަޑުއިވުނީ، ޙަރަމްފުޅުގައި ގައިދުރުނުކޮށް ނަމާދުކުރަން ފެއްޓި ވާހަކަ އެވެ. ކިހާ އުފާވެރި ޚަބަރެއް ހެއްޔެވެ. "ނިއު ނޯމަލް" އޭ ކިޔައިގެން ނަންދީ، ބަލައިގަނެގެން މި އުޅޭ ދުވަހީ ދިރިއުޅުން ދޫކޮށްލާ، 2020 ވަނަ އަހަރުގެ ކުރިން އަހަރެމެން ދުށް "ނޯމަލް" އަށް ދެވިދާނެކަމުގެ އަލިގަދަ ނިޝާނެކެވެ. އެހެންނަމަވެސް މިއާއެކު، އިޖުތިމާޢީ އެހެން ބިރުތައްވެސް އިއާދަވަނީ ތޯއްޗެކެވެ. މަގު ހިނގައި އުޅެވޭ ވަރުވެ، ގޭގެ ހަތަރުފާރުގެ "ޖަލު ބަންދުން" މިނިވަންވީއިރު، ކުށްކުރުމަށްވެސް އިތުރު މިނިވަންކަން ލިބުނީތާ އެވެ. އެއް ތުނޑި ވޮޑެންޏާ އަނެއް ތުނޑި ގިރާނެއޭ މި ބުނަނީ މި ސަބަބާ ހުރެ ތާ އެވެ.

ޢުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާއިރު، އަނިޔާގެ ޝިކާރަވެރިންގެ އަތްދަށުގައި އަހަރެންގެ ރަޙުމަތްތެރިންގެ މަރު ދެކެން ޖެހިފައި އޮތުމަކީ، މި ޒަމާނުގެ ސުލްޙަ މަސަލަސްކަންކަމަށްޓަކައި އެމީހުން ވާން ޖެހުނު ޤުރުބާނީއެއްކަމުގައި ބަލައިގަންނަން އަހަރެންގެ ހިތެއް ނުރުހެ އެވެ. އަހަރެންގެ ޢުމުރުން 23 އަހަރު ނުވަނީސް ކުޑައިރު ޕްރީ ސްކޫލްގައި އެކުގައި ކުޅެން އުޅުނު އެކުވެރިއެއް ވަނީ މަރާލާފަ އެވެ. ޢުމުރުން 30 ނުވަނީސް އެންމެ ގާތް އެއް އެކުވެރިޔާ ވަނީ ގެއްލުވާލާފަ އެވެ. އުރައިގެން ގެންގުޅުނު ކޮއްކޮއެއް މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށް، ޢުމުރު ދުވަހުގެ ޙުކުމެއްގެ އިންތިޒާރުގައި ޖަލުގައި އެބަހުއްޓެވެ. އެހެން ކޮއްކޮއެއް ގޭންގު މާރާމާރީއެއްގައި މަރާލުމުން އަންބެއް ހުވަފަތްވެ، ދަރިއެއް ޔަތީމުވެފައި އެބަހުއްޓެވެ. އެތައް އެކުވެރިންނާއި ގާތްތިމާގެ މީހުން ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ އަނިޔާ ލިބިފައިވާ މީހުންގެ ލިސްޓުގައި ގުނާލެވެ އެވެ. ދަންނަ އެތައް ބަޔަކު "ހަނގުރާމައަށް" ގޮސްފައިވެ އެވެ. މިއީ ހަމައެކަނި އެންމެ ރައްޔިތެއްގެ ތަޖުރިބާއެވެ. މިއީ، މިނިވަން ދިވެހިރާއްޖެ އެވެ. ސާފު ދިވެހިރާއްޖެ އެވެ. މަގޭ ލޯބިވާ ދިވެހިރާއްޖެ އެވެ.

އާނއެކެވެ! އަހަރެންގެ އުފަން ބިމަކީ ދިވެހި ބިމެވެ. އުފަން ޤައުމަށްޓަކައި ޤުރުބާންވުމަކީ އަހަރެންގެ "ބަކެޓް ލިސްޓު"ގެ ފަހު އައިޓަމްކަން، އަހަރެން ދަންނަ އެންމެން ދަންނާނެ އެވެ. އިރާދައިގައި ހުރިއްޔާ ފަހު ނޭވާ ލާނީވެސް މި ބިމުގަ އެވެ. އެހެންނަމަވެސް އަހަރެންގެ އެންމެ ފަހުގެ ވިންދު މި ބިމަށް ދޫކުރަން ބޭނުމީ އަނިޔާވެރިއެއްގެ ވަކިތަކުގެ ތެރޭގައެއް ނޫނެވެ. ލޯބިވާ މީހަކަށް ލިބުނު އަނިޔާއެއްގެ ހިތާމައިގައެއްވެސް ނޫނެވެ. އެހެންނަމަވެސް، އަހަރަންގެ ދަރިފަސްކޮޅަށްވެސް ރައްކާތެރި، އަމާން ވެއްޓެއް މި ފަސްގަނޑުން ލިބޭނޭ ކަމުގެ ޔަޤީންކަމާއެކުގަ އެވެ. މިއަދު، ޒުވާންކަމުގެ ފަހު އަހަރު ގުނަމުންމިދަނީ، މި ބުނާ ފަދަ ވެއްޓެއް މަގޭ ތުއްތު ދެ ދަރިންނަށް ތަޖުރިބާކުރުމުގެ އުފާ ލިބޭނޭ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތި ހުރެގެންނެވެ. އިޢުތިރާފުވާން ބޭނުންނުވިޔަސް، އުއްމީދުގެ ހުޅުކޮޅުވެސް، ދުވަހުން ދުވަހަށް ދަނީ ފަނޑުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox