މެޑްރިޑް (އޮކްޓޫބަރު 19) - ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ލިބެން ޖެހޭނީ ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ އަށް ކަމަށް ރެއާލްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ބެލޮންޑިއޯ އެވޯޑް 1998 ވަނަ އަހަރު ހޯދި ޒިދާން ބުުނީ ބެންޒެމާ މިދިޔަ ދެ ސީޒަނަށް ބެލިިއިރު ދައްކަނީ އާދަޔާހިލާފު ކުޅުމެއް ކަަމަށެވެ. އަދި މިއީ ހަަމައެކަނި ކްލަބް ލެވަލަށް ބަލައިގެން ދޭ އެވޯޑެއްގެ ގޮތުގައި ނޯންނައިރު، ބެންޒެމާގެ ފަރާތުން ރެއާލާއި ފްރާންސް ގައުމީ ޓީމުގައި މި ފެންނަ ކުޅުމަށް ބަލާނަމަ އޭނާ އަށް ބެލޮންޑިއޯ އެވޯޑް ހައްގުވާ ކަމަށް ޒިދާން ގަބޫލުކުރެ އެވެ.
"ކަރީމް (ބެންޒެމާ) އެ ހުރީ ވަރަށް ފޯމުގައި. އަހަރެން ބެލޮންޑިއޯ ދޭނީ އޭނަ އަށް. އޭނަ އަށް އެ ޓްރޮފީ ހައްގު،" ޓެލެފޫޓަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުންޏެވެ.
"އަހަރެން ފަހުރުވެރިވޭ އޭނަ (ބެންޒެމާ) އަށް ކޯޗުކޮށްދެވުނީމަ. މި ވަގުތު ދަނޑުމަތީގައި އޭނާ އެ ދައްކާ ކުޅުމަށް ބަލާއިރު އެ ފަދަ ލެވަލެއްގައި ކުޅޭ އިތުރު ކުޅުންތެރިއަކު ނެތޭ ވެސް ބުނެވިދާނެ. އެހެންވީމަ ބެލޮންޑިއޯ ހައްގުވޭ ބެންޒެމާ އަށް،"

ރެއާލްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ކެނަލް ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ބެންޒެމާ ބުނީ މިދިޔަ ސީޒަނުން ފެށިގެން މިހާތަނަށް ދެއްކުނު ކުޅުމަށް ބަލާއިރު ބެލޮންޑިއޯ އަށް އޭނާ ވެސް އުއްމީދުކުރާ ކަމަށެވެ. އަދި އޭނާގެ ދެ އައިޑަލް އިން ކަމަށްވާ ޒިދާނާއި ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ވެސް ބެލޮންޑިއޯ ހޯދާފައިވާތީ އެކަން ހާސިލްކުރަން ބޭނުންވާ ކަމަށް ބެންޒެމާ ވަނީ ބުނެފަ އެވެ.
ބެންޒެމާ އަށް މި ފަހަރުގެ ބެލޮންޑިއޯ ލިބެން ޖެހޭ ކަމަށް ދެން ބުނެފައިވަނީ ފީފާގެ ޑިވެލޮޕްމަންޓް އޮފް ގްލޯބަލް ފުޓްބޯލް ކަމަށްވާ މަޝްހޫރު ކޯޗު އާސެން ވެންގާ އާއި ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ނަޒަރުގައި ބެލޮންޑިއޯ ފޭވަރިޓުންގެ ތެރޭގައި އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ހިމެނެން ޖެހޭނެ އެެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ޗެމްޕިއަންސް ލީގާއި ޔޫރޯ ކާމިޔާބުކުރި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ބެލޮންޑިއޯ ހައްގުވާ ކަމަށެވެ. މީޑިއާގެ ނަޒަރުގައި ކޮޕަ އެމެރިކާ ޗެމްޕިއަންކަން ހޯދި ލިއޮނަލް މެސީ އަކީ ވެސް ބެލޮންޑިއޯ ފޭވަރިޓެކެވެ.
ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.
ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. މި ފަހަރުގެ އެވޯޑް ހަފްލާ ޑިސެމްބަރުގެ ފުރަތަމަ ހަފްތާ ތެރޭގައި ބާއްވަން މަސައްކަތް ކުރާއިރު، ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިދިޔަ އަަހަރުގެ މޮޅު ކުޅުންތެރިޔާ ހޮވުުމުގެ ވިސްނުން ވެސް ފްރާންސް ފުޓްބޯލް އިން ގެންގުޅެ އެވެ. މިދިޔަ އަހަރުގެ އެވޯޑް ދޭނަމަ އެ އެވޯޑް އުފުލާލާނީ ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އެވެ.












