ކީރިތި ރަސޫލާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެންދިޔައީ، ފަރުދީ އިސްލާހީ ފިޔަވަޅުތަކުން، އުފެދުނު އިޖުތިމާއީ ބަދަހި ގުޅުންތަކެއްގެ ސަބަބުން ކަމަށާއި ދިވެހި މުޖުތަމައަށް އެފަދަ އިސްލާހީ ފިޔަވަޅުތަކެއްގެ ބޭނުންތެރިކަން މިއަދު މިވަނީ ބޮޑުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރަސޫލާގެ އީދުމީލާދުގެ މުނާސަބަތުގައި ދިވެހި ގައުމަށް ފޮނުއްވި ހިތާބެއްގައި ރައީސް ވިދާޅުވީ މިއަދަކީ، އެންމެހައި ރިވެތި އަދި ރަނގަޅު ކަންކަމުގައި، އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭ ކޮންމެ މީހަކުމެ ތަބާވާންވީ އެންމެ މަތިވެރި ނަމޫނާގެ ހަނދާންތައް އާކުރާ ދުވަސް ކަމަށެވެ.
ރައީސް ވިދާޅުވީ މި އުންމަތުގެ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ވަސްމީރު ޒިކުރާގެ ހަނދާންތައް އާ ކުރާއިރު، އަޅުގަނޑުމެންގެ ވިސްނުމަކަށް ހަދަންވީ، އެ މަތިވެރި ޒިކުރާއިން އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމައަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުން ކަމަށެވެ.
"އެއްވެސް އޮޅުމެއްނެތްގޮތުގައި، އެ މާތް ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެންދިޔައީ، ފަރުދީ އިސްލާހީ ފިޔަވަޅުތަކުން، އުފެދުނު އިޖުތިމާއީ ބަދަހި ގުޅުންތަކެއްގެ ސަބަބުންނެވެ،" ރައީސް ވިދާޅުވި އެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިސްލާހީ ފިޔަވަޅުތަކަކަށް ކަމަށާއި އެގޮތުން ދިވެހި މުޖުތަމައަށް އެފަދަ އިސްލާހީ ފިޔަވަޅުތަކެއްގެ ބޭނުންތެރިކަން މިއަދު މިވަނީ ވަކިން ބޮޑުވެފައި ކަމަށެވެ.

"ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ގައުމުގެ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ، މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމެވެ. އެކަން ހާސިލުކުރެވެނީ، އިސްލާހީ ކޮންމެ ފިޔަވަޅެއް ތިމާގެ އަމިއްލަ ނަފްސުން ފަށައިގެންކަން، އެކަލޭގެފާނު ވަނީ އަމަލީގޮތުން ސާބިތުކޮށްދެއްވައިފަ އެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ކަމަކަށް ގޮވައިލެއްވިއިރު، އެކަމެއްގެ އެންމެ ފުރިހަމަގޮތް، އެކަލޭގެފާނު އަމަލީގޮތުން، މުޅި އުންމަތަށް ވަނީ ދައްކަވައިފަ އެވެ. އިތުރު އެކަލޭގެފާނަށް ތަބާވުމުގައި، ސަހާބީ ބޭކަލުން ހިންގެވި މަގަކީ، އަނެކުންގެ ފަރާތުން ކަންކަން އިސްލާހުވުމަށް އިންތިޒާރު ކުރެއްވުމުގެ ބަދަލުގައި، އެ ބޭފުޅެއްގެ އަމިއްލަ ނަފްސު އިސްލާހު ކުރެއްވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުމެވެ. ތިމާގެ ދުލުން އަނެކާގެ އަބުރާ ނުބެހުމެވެ. ތިމާގެ ފުށުން އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުމެވެ. ތިމާގެ ހިތުގައި އަނެކާއާމެދު ސަސަދަވެރިކަމެއް ނުބޭއްވުމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ނަތީޖާއަކަށްވީ، އިޖުތިމާީ ހުރިހާ ރިވެތި އަދަބުތަކާއި، އަހްލާގީ އެންމެ ރިވެތި ސިފަތަކުން ޖަރީވެފައިވާ، އެއްބަނޑުއެއްބަފާ ސުލްހަވެރި މުޖުތަމައެއް އުފަން ކަމަށެވެ.
"ކަން މިހެން ހުރިއިރު، އަޅުގަނޑުމެންގެ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމަށްވެސް ނަބަވީ ރިސާލަތުން ޙައްލު ހޯދޭނެ އެވެ. އިތުރު އެކަލޭގެފާނު އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ، ހަސަދައިން ދުރުހެލިވުމަށެވެ. މީސްތަކުންގެ ފުރާނަ ރައްކާތެރިކުރުމަށެވެ. އިންސާނީ ކަރާމާތަށް ހުރްމަތްތެރިކޮށް ހިތުމަށެވެ. ކޮންމެ ހާލަތެއްގައިވެސް، އަނެކުންނާ ރިވެތި ގޮތުގައި މުއާމަލާތު ކުރުމަށެވެ. އޯގާތެރިކަމާއި ކުލުނާއެކު އަނެކުންނަށް އެހީތެރިވުމަށެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި މި ދުވަހު ރަސޫލާގެ ޒިކުރާ އާކުރާއިރު އަޅުގަނޑުމެން ކޮންމެ މީހެއްގެ ޢަޒުމަކަށް މިއަދު ހަދަންވީ، މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގައި، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުމަށް ކަމަށެވެ.
އެއީ ތިމާގެ ފަރާތުން މުޖުތަމައަށް އެއްވެސް ގެއްލުމެއް ނުދިނުމަށް އަޒުމް ކަނޑައަޅައި، އެގޮތުގައި ދެމި ހުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ އިސްލާމްދީން ގެނެސްދިން އޯގާތެރިކަމާއި މަޑުމައިތިރިކަމާއި ރިވެތި ބަސްމަގަކީ، އަނެކުންނާ މުއާމަލާތު ކުރުމުގައި އަބަދުވެސް ތަބާވާނެ އުސޫލުތައް ކަމުގައި ކަނޑައަޅައި، އެ ގޮތަށް މަސައްކަތް ކުރުން ކަމަށް ވެސްރައީސް ވިދާޅުވި އެވެ. އަނެކުންނަށް މައާފުކުރުމާއި އެހީތެރިވުމާއި، ހެޔޮ ފޯރުވުމުގައި ދެމިހުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.











