މެންޗެސްޓާ (އޮކްޓޫބަރު 16) - ފިޓްކޮށް ހުއްޓައި ބެންޗަށް ލާތީ މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިތްހަަމަނުޖެހިފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑް 1-1 އިން އެއްވަރުވި މެޗުގައި ރޮނާލްޑޯ ކުޅެން އެރީ ދެ ވަނަ ހާފްގަ އެވެ. އެ މެޗު ނިމުމުން ރޮނާލްޑޯ ދަނޑުން ފައިބައިގެން ދިޔައީ ވަރަށް ބޮޑަށް ހިތްހަަމަ ނުޖެހިފައި ހުރެ އެވެ.
އެވަޓަން މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ރޮނާލްޑޯ ބެންޗަށް ލައިގެން މެޗު ފެށީ އޭގެ ކުރިން މެޗުގައި ޗެމްޕިއަންސް ލިގުގައި ވިޔަރެއާލާ ދެކޮޅަށް ރޮނާލްޑޯ މުޅި މެޗު ކުޅެފައިވާތީ އަރާމްކުރަން ފުރުސަތު ދިނުމުގެ ވިސްނުމާ އެކުގަ އެވެ.
ރޮނާލްޑޯ ވަނީ ދާދި ފަހުން އިންޓަނޭޝަނަލް ބްރޭކް ނިންމާލުމަށް ފަހު އައިސް ސޯލްޝެއާއާ ބައްދަލުކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ވަނީ އެ ބައްދަލުވުމުގައި ޕްރިމިއާ ލީގުގެ މެޗުތަކުގައި އޭނާ ފިޓްކޮށް ހުރެފިނަމަ ފުރަތަމަ އެގާރައިގައި ބޭނުންކުރަން އެދިފަ އެވެ. ރޮނާލްޑޯ ވަނީ އެ ބައްދަލުވުމުގައި ޔުނައިޓެޑަށް އޭނާ އައީ ޓްރޮފީ ހޯދަން ކަމަށް ސޯލްޝެއާ ގާތުގައި ބުނެފަ އެވެ.
އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް އެނބުރި އައި ފަހުން ކުޅުނު ހަ މެޗުން ފަސް ގޯލު ޖަހައިފަ އެވެ. ޕްރިމިއާ ލީގުން ހޮވި މިދިޔަ މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ރޮނާލްޑޯ އަށެވެ.
ލީގުގައި މިރޭ ރަށުންބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.












