އދ. ދަނގެތީގައި އެ ރަށު މޮނަލާޒު, މަހުމޫދު އަބޫބަކުރު މަރާލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ގޮސްފި އެވެ.
މަހުމޫދަކީ އެ ރަށުގައި ކެފޭއެއް ހިންގާ ވިޔަފާރިވެރިއެކެވެ. ރަށުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ އެ ރަށަށް އެރި އެހެން ރަށަކު ދެ މީހުންނެވެ. ރައްޔިތުން ނުކުމެ އެ ދެ މީހުން ހޯދައި ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.
ނަމަވެސް, މިހާތަނަށް އެ ދެ މީހުން ހައްޔަރުކޮށްފައެއް ނުވެ އެވެ.
މައްސަލާގެ ތަހުގީގު ލަސްވާ ކަމާއި ފުލުހުންގެ ޓީމުތައް ރަށަށް އައުން ލަސްވާތީ ރަށުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފުލުހުން މިރޭ ބުނީ މަހުމޫދުގެ މަރުގެ ހާދިސާ އިތުރަށް ބަލާ މަރާލާފައިވާ ގޮތް ތަހުގީގު ކުރުމަށް ކްރައިމް ޑިޕާޓްމެންޓުގެ ހާއްސަ ޓީމެއް އެ ރަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، މަހުމޫދުގެ ހަށިގަނޑު ވަޅުން ނަގައި ހިނަވާ ގޭގައި ވަނީ ބާއްވާފަ އެވެ.
އޭނާގެ ޖަނާޒާގެ ކަންކަން އަދި ނުފަށަ އެވެ.
އާއިލާއަށް ވެސް އެ ސަރަހައްދަށް ނުވަދެވޭ ކަމަށާއި ތަހުގީގު ނިމުމުން ވަޅުލުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނުން ފެށިގެން ހޯދަމުން ދަނިކޮށް މަރާލުމަށްފަހު ބޮލަށާއި ދެފަޔަށް ސުތުލި ގޯންޏެއް އެރުވުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވަ އެވެ.












