އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ގައުމީ ފުޓްބޯޅަ ޓީމު ދަތުރުނުކުރިޔަސް ޓީމުން ދަނޑު މަތީގައި އާއި ދަނޑުބޭރުގައި ކުރި ހިތްވަރަށް އެންމެ މަތީ މިނުގެ ތައުރީފު ހައްގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ފައިނަލުގެ ޖާގަ ގެއްލުނީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުން ރޭ އިންޑިއާ އަތުން 3-1 އިން ބަލިވުމުންނެވެ. ރޭ މެޗު އެއްވަރުކޮށްގެން ވެސް ރާއްޖެ އަށް ފައިނަލުގެ ފުރުސަތު އޮތެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޓީމަށް ދެއްވި މެސެޖެއްގައި ރައީސް މިއަދު ވިދާޅުވީ ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމުން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.
"އަހަރެމެން ފައިނަލަށް ނުދިޔަ ނަމަވެސް ދަނޑުމަތީގައި އާއި ދަނޑުބޭރުގައި ދެއްކި ހިތްވަރަށް ޓީމަށް މަތީ މިނުގެ ތައުރީފު ހައްގުވޭ. އަޅުގަނޑަށް އިތުބާރު އެބައޮތް މި ޓީމު ކުރިއަށް އޮތްތަނުގައި ވިދަމުން ދާނެ ކަމުގެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަކީ އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަނެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު އޮތް އެ މުބާރާތް ރާއްޖެ ކާމިޔާބުކުރީ އިންޑިއާ އަތުން 2-1 އިން މޮޅުވެގެންނެވެ. އޭގެ ކުރިން ރާއްޖެ ތަށި ހޯދީ 2008 ވަނަ އަހަރު އިންޑިއާ 1-0 އިން ބަލިކޮށްގެންނެވެ.

އެކަމަކު ސެމީ ފައިނަލުގައި އިންޑިއާއާ ވާދަކުރި ހުރިހާ ފަހަރެއްގައި ރާއްޖެ ބަލިވީ އެވެ. އެއީ 1999، 2005، 2011، 2013 އަދި 2015 ގަ އެވެ.











