މިއީ ބައެއް މީހުންނަށް ކުރިމަތިވާ ނަފުސާނީ ހާލަތެކެވެ.
"އަބަދު މަރު ހަނދާންވެ ނިދަން އުނދަގޫވަނީ އެވެ. ކުދިންނާ ފިރިމީހާ ނިދަން އޮށޯތުމުން ބިރުގަންނަނީ އެވެ. މަރުވުމަށްފަހު ވާނެ ގޮތާއި މެދު ވިސްނި ހާސްބޮޑުވަނީ އެވެ. އެންމެންގެ ޖަވާބަކަށްވާނީ ވެސް ނަމާދުކޮށް ގުރުއާން ކިޔެވުމެވެ. އެކަމަކު ނިދެނީވެސް ދަމު ނަމާދުކޮށް ގުރުއާންކިޔަވާ ފަތިސް ވެސް ވާ ފަހުންނެވެ. މިވަނީ ކިހިނެއް ބާ އެވެ."
އެހެން މަންމައެކެވެ. ފަހު ދަރިފުޅުގެ ސިޒޭރިއަންއާއެކީ އަބަދުވެސް ކުރެވެނީ މަރުވެދާނެ ކަމުގެ ހިޔާލެވެ. ހިތް ނުތަނަވަސް ވެއެވެ. ދަރިންނާ ވަކިވެދާނެތީ އެވެ. ނުވަތަ އެނޫންވެސް މީހަކު ދެންމެ ދެންމެ ވަކިވީ ފަދަ އިހުސާސެއް ކުރެވެނީ އެވެ. މީހަކު މަރުވި ހަބަރު އިވުމާއިއެކު ހާސްވެ މޭ ބޮޑު ވެއެވެ.
މިއީ ފޭސްބުކް ގްރޫޕެއްގައި ހިއްސާކޮށްފައިވާ ވޭނާއި ކެކުޅުމުގެ ވާހަކަތަކެވެ.
މި ފަދަ ހާލަތު ހަމައެކަނި ކުރިމަތިވެފައި ވަނީ މި ދެ މަންމައިން އަށް އެކަންޏެއް ނޫނެވެ. އަދި ހަމައެކަނި އަންހެނުންނަކަށް ވެސް ނޫނެވެ. މިފަދަ ހާލަތުގެ ބިރުގައި ދިރިއުޅުން އަނދިރިކަމުގައި ގެންގުޅެމުންދާ ފިރިހެނުން ވެސް އެބަ ތިއްބެވެ. މިއީ "ތަނެޓޮފޯބިއާ" އެވެ.

ތަނެޓޮފޯބިއާ އަކީ ކޮބާ؟
ތަނެޓޮފޯބިއާ އަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އެންމެ މުހިންމީ ފޯބިއާއަކީ ކޮބައިކަން އެނގުމެވެ. ފޯބިއާއަކީ ވަކި ކަމަކާ ގުޅޭ ގޮތުން އާދަޔާ ހިލާފަށް ބިރުގަތުމެވެ. މިފަދައިން ބިރު ގަންނައިރު އެ މީހަކަށް އަންނަ ހިޔާލުތަކަކީ ގިނަ ފަހަރު މާ ހަމަޖެހޭ ހިޔާލުތަކަކަށް ނުވެ އެވެ.
ފޯބިއާ ނުވަތަ އާދަޔާ ހިލާފަށް ބިރުގަތުމުގެ ނަފްސާނީ ހާލަތަކީ އެތައް ބަހާއަކަށް ބެހިފައިވާ ކަމެކެވެ. ފެން ދެކެ ބިރުގަތުމާއި، އުސް ތަންތަނަށް އަރަން ބިރުގަތުމާއި އަލިފާން ދެކެ ބިރުގަތުމަކީ ފޯބިއާގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ތަނެޓޮފޯބިއާ އަކީ މަރުވެދާނޭ ކަމަށް ބިރުގަތުމެވެ. މި ހާލަތަށް "ޑެތު އެންޒައިޓީ" އޭ ވެސް ކިޔަ އެވެ.
އާންމު ހާލަތުގައި ނަމަ މިފަދަ ބިރަކީ އެއްވެސް މައްސަލައެއް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުން މިފަދައިން މަރުވުމުގެ ބިރާއި އެންމެ ގިނައިން ކުރިމަތިލަނީ 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ކަންމިހެން ދިމާވަނީ މި އުމުރަކީ މީހާގެ ސިކުނޑި މެޗުއާވެ، ހަޔާތް ބިނާކުރުމުގެ އެންމެ މުހިންމު އަހަރުތައް ކަމުގައިވާތީ އެވެ. އަދި މި އުމުރުގައި މައިންބަފައިންވެސް ގިނަފަހަރު އުމުރުން ދޮށިވެ ބަލިކަށިވާ ތަން ފެންނައިރު މިކަމުގެ ސަބަބުންވެސް މިފަދަ ބިރުތައް އިތުރުވާން ފަށަ އެވެ. އާއިޒް ބުނާ ގޮތުންނަމަ އުމުރުން ދޮށިވާ ވަރަކަށް މި ބިރުގެ ހިޔާލު ދާންވާނީ ފަސޭހަ ވަމުންނެވެ. އެއީ މަރަކީ ކުރިމަތިނުލައި ނުވާނޭ ހަގީގަތެއްކަން ދަސްވެ، އެއީ ދިރިއުޅުމުގެ ހަގީގަތްކަން ދަސްވަމުން ދާނޭތީ އެވެ.
"އިންސާނުންނަކީ މަރު ދެކެ ބިރުގަންނަ ބައެއް. މި ބިރަކީ ނެތިފަނާވެދިއުމާއި ގުޅިފައި ހުންނަ ބިރެއް. ލޯބިވާ އެންމެންނާ އެއްޗިއްސާ މުޅި އުމުރުގެ މަސައްކަތްތަކާ ހުވަފެންތަކާ ހަނދާންތަކާ ވަކިވެ ދިއުމުގެ ބިރެއް،" ކްލިނިކަލް ސައިކޮލޮޖީ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ، ވިލާ ކޮލެޖުގެ ލެކްޗަރާ އަދި ކައުންސެލާ އާއިޒް އަހުމަދު ރަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް ތަނެޓޮފޯބިއާ ހުންނަނަމަ މި ބިރުގެ ސަބަބުން އާދައިގެ ދިރިއުޅުމެއް އުޅެން އުނދަގޫ ވާނެ އެވެ. މީހަކު މަރުވުމުން، ނުވަތަ މާ ބޮޑަށް ބަލިވުމުން، ނުވަތަ ސޯޝަލް މީޑިއާއިންވެސް މީހެއްގެ މަރުގެ ވާހަކަ އިވުމުން ނުވަތަ ފެނުމުން ޕެނިކް އެޓޭކްސް އައުމަކީ މި ފޯބިއާގެ އެންމެ ބޮޑު އަލާމާތެވެ. މި ނަފްސާނީ ހާލަތުގައި ހުންނަ މީހާ ގަންނަ ބިރަކީ މަރުދެކެ ގަންނަ ބިރަކަށްވުރެ ބޮޑަށް، މަރު ވަމުން ދާއިރު ވާނޭ ގޮތްތަކާއި، އެ މީހަކު މަރު ވުމަށްފަހު އޭނާގެ އާއިލާއަށް ވާނޭ ގޮތްތަކާމެދު ވިސްނައި ވެވޭ ކަންބޮޑުވުމާއި ގަންނަ ބިރެވެ.
ޕެނިކް އެޓޭކެއްގެ އަލާމާތްތައް
- ހާސްވެ ނޭވާލާން އުނދަގޫވުން
- ތުރުތުރުއެޅުން
- މޭ ތެޅޭހެން ހީވުން
- އަތްފައި ފިނިވުން
- އާދަޔާ ހިލާފަށް ދާހިއްލުން
މިކަހަލަ ކަމެއް ދިމާވާނަމަ މަރުވެފައި ތިބޭ މީހުންގެ މޫނު ދެކެން ދާން އުނދަގޫވެ، ކަށުނަމާދަށް ދާން އުނދަގޫވެ އެކަހަލަ ކަންކަމުން އަމިއްލަ އަށް ދުރުހެލިވެވޭނެ. އަދި ބަލިވެދާނެ ކަމަށް ބިރުން (މާބޮޑު ކަމަކާނުލާ) ގިނަގިނައިން ޑޮކްޓަރަށްވެސް ދައްކައި އުޅޭ - އާއިޒް
ތަނެޓޮފޯބިއާ ހުންނަ މީހުން އެއްވެސް ކަހަލަ ނުރައްކަލެއް ދިމާވެދާނެ ހާލަތްތަކުން ދުރުހެލިވެ ތިބުމަށްވެސް މަސައްކަތް ކުރާނެ އެވެ. އަދި ގިނަގިނައިން މަރުގެ ވާހަކަ ދައްކާ، ނޫނި މަރާބެހޭ ޕޯސްޓްތައް ޝެއާކޮށް، އެފަދަ ފިލްމާ ފޮތް ގިނައިން ބަލައި، ކިޔައި ހަދާކަން ވެސް ފާހަގަކުރެވޭ ކަމަށް އާއިޒު ވިދާޅުވި އެވެ. މިއީ އަމިއްލައަށް އެ ބިރު ކޮންޓްރޯލް ކުރަން ކުރެވޭ ކަންތައްތަކެކެވެ.
ޓްރޯމާއެއްގެ ސަބަބުން މިހެން ދިމާވުމުގެ ފުރުސަތު ބޮޑު
މިއީ ނަފްސާނީ ގޮތުން މީހާއަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމަކަށް ވާއިރު، މިކަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެއްކަމުގައި ބެލެވެނީ "ޓްރޯމާ" އެވެ. މީހުން މަރުވާތަން ފެނުމާއި، އެ ހަބަރުތައް އިވުމުގެ އިތުރަށް މަރުވެދާނެ ފަދަ ހާލަތަކަށް ހުށަހެޅި އެކަމުން ސަލާމަތްވުމަކީ ވެސް މީހާ މަރާމެދު ވިސްނާ ފިކުރުކޮށް ހާސްކުރުވާ ސަބަބަށް ވެދާނެ އެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ ހަޔާތުގައި ހިނގާ މުހިންމު ކަންކަމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ. މާބަނޑުވެ ދަރިމައިވުމަކީ ވެސް މިފަދައިން ތިމާ ދުނިޔެއާ ދޭތެރޭ ދެކޭ ގޮތާއި އަމިއްލަ ހަޔާތާއި ދޭތެރޭ ދެކޭގޮތް ވެސް ބަދަލުކުރުވާ ކަމެކެވެ.
"ހާއްސަކޮށް ޓްރޮމޮޓިކް ޑެލިވަރީ އެއްނަމަ މިދެންނެވި މަރުވެދާނެ ކަމުގެ ބިރު، ތުއްތު ދަރިފުޅާ ވަކިވެދާނެ ކަމުގެ ބިރު، އެ އިހުސާސް ވަރަށް ބޮޑަށް ކުރެވުމުގެ ފުރުސަތު ބޮޑު. މި ހާލަތުގައި ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދަން ޖެހޭ،" އާއިޒް ވިދާޅުވި އެވެ.
ފާއިތުވި ދޮޅު އަހަރު ތެރޭ ދުނިޔެއަށް ފެތުރިގެން މިއުޅޭ ކޮވިޑް19ގެ ބަލިމަޑުކަމާއެކުވެސް މި ފޯބިއާގެ އަސަރު ގިނަ ބަޔަކަށް ކުރި ކަމަށް އާއިޒް ވިދާޅުވި އެވެ.
ހައްލަކީ ކޮބާ؟
ތަނެޓޮފޯބިއާގެ އަލާމާތްތަކެއް ތިމާގެ ކިބައިގައި ހުރިނަމަ ވީހާވެސް އަވަހަށް އެކަންކަމުން ސަލާމަތްވުމަކީ މުހިންމު ކަމެކެވެ. މިގޮތުން ތިމާގެ ތަޖުރިބާތައް ލިޔެ ޖޯނަލް ކުރުމަކީ ސިކުނޑިއަށް ލުއި ލިބޭނެ ކަމެކެވެ. އަދި އިތުބާރު ކުރެވޭ މީހެއްގާތުގައި މިފަދަ ކަންކަން ހިއްސާކޮށް، މަރުވެދާނެތީ ބިރުގަންނަ ސަބަބުތައް އަމިއްލަ އަށް ދެނެގަތުން މުހިންމެވެ. އެއާއެކު މެޑިޓޭޓްކުރުން ފަދަ ނަފްސަށް އަރާމާއި ހަމަޖެހުން ލިބޭ ކަންތައްތައްކޮށް ވީހާވެސް ދުޅަހެޔޮ ދިރިއުޅުމަކަށް ޖާގަ ދިނުން މުހިންމެވެ.
ތަނެޓޮފޯބިއާގެ އަލާމާތްތަކުގެ ތެރޭގައި ގިނައިން މި ހިމެނެނީ 'ޕެނިކް އެޓޭކްސް' ކަމަށް ވާއިރު އެފަދަ ވަގުތެއްގައި އަނގަޔަށް އައިސް ކިއުބެއް ނުވަތަ ލުނބޯ ފަޅިއެއް ފިތާލުމުން ގިނަ ބަޔަކަށް ވަގުތީ ލުޔެއް ލިބޭ ކަމަށް އާއިޒް ވިދާޅުވި އެވެ. އެހެން ނަމަވެސް ތަކުރާރުކޮށް މިކަމުގެ އަސަރުކުރާނަމަ ތަޖުރިބާކާރެއްގެ އެހީ ހޯދުން މުހިންމެވެ.
"ދިވެހިރާއްޖޭގައި ތަނެޓޮފޯބިއާ އާ ވަރަށް ގުޅޭ ގޮތަކަށް ގިނަ ފަހަރު ކުޑަކުދިން އަދި ބައެއް ފަހަރު ބޮޑެތި މީހުންގެ ކިބައިން ފެންނަ ބިރަކީ ގިޔާމަތްވުމުގެ ނޫނީ ނަރަކައަށް ދިއުމުގެ ހާސްކަން. މިއީ ކޮންމެ މުސްލިމެއްގެ ވެސް ހުންނަ ބިރެއް. އަދި ކޮންމެވެސް ލެވެލްއެއްގައި ހުންނަން ޖެހޭނެވެސް ބިރެއް - އާއިޒް
މިފަދަ ބިރުވެރިކަން ހިތުގައި އުފެދޭނަމަ ދީނީ ކަންކަމަށް ދޭންޖެހޭ ފަރުވާތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މި ހާލަތް މެދުވެރިވުމުން އަޅުކަމަށް ވެސް ފަރުވާ ކުޑަކުރެވުން ގިނަފަހަރު ފެންނަ ކަމަށް އޭނާ ބުންޏެވެ. ހަމައެއާއެކު ކުޑަކުދިންނަށް އިސްލާމީ ތައުލީމު ދިނުމުގައި ކުއްޖާގެ ނަފްސާނީ ހެދިބޮޑުވުމުގެ ލެވެލްއަށް ފަރުވާތެރިވުމަކީވެސް މި ކަންކަމާއިމެދު ހިތުގައި އުފެދޭ ބިރުވެރިކަން ކުޑަ ކުރުމަށް ކުރެވިދާނެ ކަމެކެވެ.










