ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓުތައް ވިކި ހުސްވެެއްޖެ އެވެ.
މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ލީގުބުރުގައި ރާއްޖެ އާއި އިންޑިއާގެ ގައުމީ ޓީމު ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން ފަށާފައި ވަނީ މިއަދު ހެނދުނު 10:00 ގައި އެވެ.
ޓިކެޓު ވިއްކަން ފެށުމުގެ މާ ކުރިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިއުގައި ޖެހިފަ އެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ ޓިކެޓު ގަތުމަށް ކިއުގައި ޖެހެވޭނީ ހެނދުނު 9:30 އިން ފެށިގެން ކަމަށް ބުނެފަ އެވެ.
އާންމުންނަށް ކަނޑައަޅާފައިވާ 3،000 ޓިކެޓުގެ ތެރެއިން މީހަކަށް ގިނަވެގެން ވިއްކާފައި ވަނީ ދެ ޓިކެޓެވެ.
ޓިކެޓު ވިއްކަން ފެށިތާ ތިން ގަޑި އިރާ 30 މިނެޓުގެ ތެރޭގައި ޓިކެޓުތައް ވިކި ހުސްވެފައިވާ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓުގައި ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ސާފް ޗެމްޕިއަންޝިޕަށް ފަހު އޮންލައިންކޮށް ޓިކެޓު ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ގަލޮޅު ދަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ކުރިިން 12،000 މީހުންނަށް ދަނޑަށް ވަދެވޭ އިރު މިހާރު ވަނދެވެނީ 5،000 މީހުންނަށް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު މަހުލޫފް ވަނީ އާ ދަނޑެއް އަޅަން ފައިސާ ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
މި މެޗުގެ ޓިކެޓު ވިއްކުމުގެ އިންތިޒާމު ސޯޝަލް ސެންޓަރުގައި ހަމަޖެއްސީ ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ޓިކެޓު ވިއްކުމުގެ އިންތިޒާމްތައް ހުރިގޮތުން، އެފްއޭއެމަށް ފާޑުކިޔުމާއި، ހިތްހަމަނުޖެހުން ފާޅުކޮށް އަދި މުޒާހަރާ ކޮށްފައިވަނިކޮށެވެ.
މިހާރު މުބާރާތުގެ ލީގު ބުރުގައި ބާކީ އޮތީ ދެމެޗެވެ. އެއީ މާދަމާރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ އިތުރުން ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރާ މެޗެވެ. ޕޮއިންޓް ޓޭބަލްގެ ކުރީގައި މިވަގުތު އޮތީ ނޭޕާލް އެވެ. އެއީ ދެ ވަނައިގައި އޮތް ރާއްޖެއާ ޕޮއިންޓުގެ ގޮތުން އެއްވަރުވިޔަސް ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބޭތީ އެވެ.













