އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހު ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗްގެ ޓިކެޓު ގަތުމަށް ކިއު ހަދަން ފަށައިފި އެވެ.
ކުރިން ކުޅުނު މެޗްތަކުގެ ޓިކެޓް ގަލޮޅު ދަނޑުގައި ވިއްކަން ފެށި ނަމަވެސް، މި ފަހަރު ޓިކެޓް ވިއްކަން ފަށާނީ ސޯޝަލް ސެންޓަރުގަ އެވެ. އެ ސަރަހައްދުގައި ކިޔޫ ހަދަން ފަށާފައި ވާއިރު، ޓިކެޓު ވިއްކަން ފަށާނީ ހެނދުނު 10:00 ގަ އެވެ. ޓިކެޓް ގަތުމަށް ކިއޫ ހެދޭނީ ހެނދުނު 9:30 ގެ ފަހުން ކަމަށާއި އޭގެ ކުރިން އެއްވެސް ފަރާތްތަކަށް އެ ސަރަހައްދުގެ ބޭރުގައި ކިއު ނުހުދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.
ޓިކެޓް ގަތުމަށް ކިއޫ ހަދާފައިވާ މީހުންނާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިރޭ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ޝަކުވާ އަޑު އަހާލެވުނު" ކަމަށެވެ.
"ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓު ގަތުމަށް މިހާރު ކިޔު ހަދާފަ ތިބިފަރާތްތަކުގެ ޝަކުވާ އަޑު އަހާލެވުނު. މިނިސްޓްރީ އަދި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެ ގޮތަށް ދަނީ އިންތިޒާމް ކުރެވެމުން،" ޓިކެޓް ވިއްކުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތުގެ ފޮޓޯއަކާއެކު ކުރައްވާފައިވާ ޓްވީޓްގައި މަހުލޫފު ވިދާޅުވި އެވެ.
އާންމުންނަށް ކަނޑައަޅާފައިވާ 3،000 ޓިކެޓް ތެރެއިން ވިއްކާނީ، މީހަކަށް ގިނަ ވެގެން ދެ ޓިކެޓެވެ. ޓިކެޓް ގަންނަން ދާއިރު، ފައިސާ މާރުކުރަން ނުޖެހޭ ގޮތަށް ދިއުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މި ފަހަރު ޓިކެޓް ވިއްކުމުގެ އިންތިޒާމުތައް ބަދަލު މިކުރީ، ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗުގެ ޓިކެޓު ވިއްކުމުގެ އިންތިޒާމްތައް ހުރިގޮތުން، އެފްއޭއެމަށް ފާޑުކިޔުމާއި، ހިތްހަމަނުޖެހުން ފާޅުކޮށް އަދި މުޒާހަރާ ކޮށްފައިވަނިކޮށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ ލީގު ބުރުގެ ފަހު ދެ މެޗާއި ފައިނަލް މެޗެވެ. ލީގު ބުރުގެ ފަހު ދެ މެޗުގެ ތެރެއިން ބުދަ ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލް އެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ.
މިހާރު ޕޮއިންޓް ޓޭބަލްގެ ކުރީގައި އޮތީ ނޭޕާލް އެވެ. އެއީ ދެ ވަނައިގައި އޮތް ރާއްޖެއާ ޕޮއިންޓުގެ ގޮތުން އެއްވަރުވިޔަސް ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބޭތީ އެވެ.











