އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ)ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް ނުނިމި އެތައް އަހަރެއް ވެގެން ގޮސްފައިވާއިރު، އެ ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެންބަރުމަހުގެ ތެރޭގައި ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށް ދިނުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ފްލައިން ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާލުތަކާ އެކު އެ ތަނުގައި ކިޔަވަމުންދާ 178 ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ހަތަރު އަހަރެއްހާ ދުވަސްވެފައި ތިބި ކުދިން ވެސް އެބަ ތިއްބެވެ.
ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅުނު 14 ބޯޓު ވެސް އޮތީ ހަލާކުވެފަ އެވެ.
އެ މައްސަލަ ހައްލުނުވެ އެތައް މަހެއް ފާއިތުވުމަށްފަހު، އެ ފްލައިން ސްކޫލް އެވިޑު ކޮލެޖުގެ ދަށަށް ބަދަލުކުރަން އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

ނަމަވެސް، ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ބުނެ، އެވިޑުން މިހާރު ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
އެއާއެކު، ކޯސް ނިންމޭނެ ގޮތެއް ނެތިގެން އޭއޭއޭގެ ދަރިވަރުން މިއަދު ވަނީ ރައީސް ސޯލިހާ ބައްދަލުކޮށްފަ އެވެ.
އެގޮތުން، މި މައްސަލައަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަކަމަށާއި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމުގައި އެ ދަރިވަރުން ވަނީ ފާހަގަކޮށްފަ އެވެ.
ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގުމުގެ ސަބަބުން ދިމާވަމުންދާ މާލީ، ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ރައީސާ ވަނީ ހިއްސާކޮށްފަ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން، ރައީސް ވިދާޅުވީ މިކަމަށް ހައްލެއް ހޯއްދުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއިން ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ޖޮއިންޓް ވެންޗާ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، މި ފްލައިން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާކަންކަން ފުރިހަމަކޮށް ޑިސެންބަރުމަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށްދާނެ ކަމުގައި އެމަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ.
މީގެ އިތުރުން ވެސް ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯންތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީހުން ފެށިގެން ހަ މަސް ދުވަސް ފަހުންކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.












