އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީގައި ހިންގި ފްލައިން ސްކޫލަށް ބޭރުގެ ދަރިވަރުން ވެއްދުން މަނާކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނިކޮށް، އެ ސްކޫލުން ބޭރުގެ ދަރިވަރެއް ޕައިލެޓް ޓްރެއިނިން ކޯހުގައި ބައިވެރިކުރުވައި، އެ ދަރިވަރުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އެންރޯލް ކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.
ނައިޖީރިއާ އަށް ނިސްބަތްވާ އެ ދަރިވަރާއި އޭއޭއޭ އާ ދެމެދުގައި ހިންގާފައިވާ މުއާމަލާތްތަކުގެ ކޮޕީ "އަދަދު" ނޫހަށް ލިބިފައިވެ އެވެ. އެ ކޮޕީތަކުން ފެންނަ ގޮތުގައި އޭއޭއޭއިން ވަނީ އެ ދަރިވަރު އޭއޭއޭގެ ޕްރައިވެޓް ޕައިލެޓް ލައިސެންސް ކޯހުގައި އެންރޯލްވެފައިވާކަމުގެ ސިޓީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު ފޮނުވާފަ އެވެ.
އަދި އެ ކޯހަށް ފައިސާ ދެއްކުމަށްޓަކައި 10،000 އެމެރިކާ ޑޮލަރުގެ ޕާޓް ޕޭމަންޓް ކޯސް ފީ އެއްގެ އިންވޮއިސްއަކާއި 275 ޑޮލަރުގެ ނޮން ރީފަންޑަބަލް ފީއެއް ދެއްކުމަށް އޭގެ ޖެހިގެން އައި ދުވަހު އޭއޭއޭ އިން ވަނީ އެ ދަރިވަރަށް އަންގައިފަ އެވެ.
އެ މައްސަލައިގައި ދަރިވަރު ވަޓްސްއެޕް އިން ވާހަކަދައްކަމުން ބުނީ އޭނާ އޭއޭއޭއަށް ދައްކަންޖެހޭ ފައިސާ ފޮނުވީ ބިޓްކޮއިން މެދުވެރިކޮށް ކަމަށެވެ.
އަދި އޭއޭއޭއިން އޭނާއަށް އޮޅުވާލައި އެކި ފަހަރު އެކި ބަހަނާ ދައްކަމުން ގޮސް، ކޯސް ކުރިޔަށް ނުގެންގޮސް ލަސްކުރި ކަމަށެވެ.

"ފުރަތަމަ ވެސް އޭއޭއޭ އިން ނުބުނޭ، އެ ސްކޫލުގަ އެއްވެސް މައްސަލައެއް ހުރި ކަމަށް. ހަމަ ޕޭމެންޓް ހަމަޖައްސާފަ ކިޔެވުން ފަށަން އޮތީ. އޭރު ވެސް ނުބުނޭ އެ ސްކޫލުގެ އޮޕަރޭޝަންތައް ހުއްޓާލާފަ އޮތް ކަމެއް. ބުނަނީ އަލުން ފަށަންށޭ މިއުޅެނީ ކޮވިޑާ ހެދި ހުއްޓާލާފަ އޮތުމަށްފަހު. ދެން ފެށީ ކުޅިވަރު ކުޅެން ހަމަ،" އެ ދަރިވަރާއި އިމްރާން ނަމަކަށް ކިޔާ އޭއޭއޭގެ އޮފިޝަލަކާ ދެމެދު ކުރެވުނު މުއާސަލާތްތަކެއްގެ ވާހަކަ ކިޔައިދެމުން އެ ދަރިވަރު ބުންޏެވެ.
އެ ދަރިވަރު ބުނި ގޮތުގައި އެ އޮފިޝަލަކީ އިމްރާން އަލިއަކްބަރު ޖީވަންޖީ އެވެ. އެއީ އޭއޭއޭގެ ބޯޑު އޮފް ޑިރެކްޓާޒްގައި ހިމެނޭ މީހެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރީން ދައްކަ އެވެ. އިމްރާން އެ ދަރިވަރާ ވާހަކަ ދައްކާފައިވަނީ ވަޓްސްއެޕާއި އޭއޭއޭއިން އޭނާއަށް ހާއްސަކޮށްފައި އޮންނަ ރަސްމީ އީމެއިލް މެދުވެރިކޮށެވެ.
ބޭރުގެ ދަރިވަރަކު އެންރޯލްކުރަން އޭއޭއޭއިން މި ކުރި ކަމަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޑިސެމްބަރު 14، 2020 ގައި ނެރުނު އިއުލާނެއްގައި އެ ސްކޫލަށް އިތުރަށް ބޭރު ދަރިވަރުން ނުނެގުމަށް އެންގި އެންގުމާއި ހިލާފް އަމަލެކެވެ.
ދަރިވަރާއި ވާހަކަދައްކަމުން ކޯސް ފަށާނެ ތާރީހެއްގެ ގޮތުގައި އިމްރާން މައުލޫމާތު ދީފައި ވަނީ ޖޫން 25 އެވެ. ހަމަ އެ މަސްތެރޭ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ޖުލައި 31 އަށް ހަމަވާ ފްލައިން ސްކޫލުގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
ނަމަވެސް މި ނޫހަށް ލިބިފައިވާ ޑޮކިއުމެންޓްތަކުން ދައްކާ ގޮތުގައި އޭއޭއޭއިން ވަނީ އެ މައުލޫމާތު ލިބިހުރެ، އެ ދަރިވަރު އެ ސްކޫލުގައި އެންރޯލްކޮށް ފައިސާ ނަގައިފަ އެވެ.
ދަރިވަރަށް އޭއޭއޭއިން މެއި މަހު ފޮނުވިކަމަށް ބުނާ އީމެއިލްއެއްގައި ވަނީ ދަރިވަރު ރާއްޖެ އައުމުން އެއްވެސް މައްސަލައެއް ނެތްކަމަށާއި އެހެންނަމަވެސް އަންނަންޖެހޭނީ ޓޫރިސްޓު ވިސާއެއްގައި ކަމަށް ބުނެފަ އެވެ. އަދި އަމިއްލައަށް ހުރުމާއި ކެއުން ހަމަޖައްސަން އިރުޝާދު ދީފައިވެ އެވެ.
އަދި ކޮވިޑާހެދި ދެ ހަފްތާއަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށާއި އަދި ޖޫން މަސްތެރޭ އެއާކްރާފްޓް މެއިންޓެނެންސް މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް ވެސް އެ އީމެއިލްގައި ވެ އެވެ.

އޭއޭއޭއާ ނައިޖީރިއާއަށް ނިސްބަތްވާ ދަރިވަރާއި ދެމެދުގައި ބަދަލު ކުރި ވަޓްސްއެޕް މެސެޖުތަކެއްގެ ސްކްރީންޝޮޓްތަކެއް.
ދަރިވަރު ބުނި ގޮތުގައި ރާއްޖޭގައި އެދުވަސްވަރުގެ ކޮވިޑުގެ ހާލަތު ގޯސްކަމުން ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަސް ތެރޭ ރާއްޖެ އައުމަށް ވެސް އެ އީމެއިލްގައި ވަނީ ލަފާދީފަ އެވެ. އަދި ޓޫރިސްޓު ވިސާއަކުން ސްޓޫޑެންޓް ވިސާއަކަށް ބަދަލުކުރުމަށް ދަރިވަރު ރާއްޖެއިން ފުރަން ޖެހޭނެކަމަށް ވެސް އެ އީމެއިލްގައި ބުނެފައިވާކަމަށް ދަރިވަރު ބުންޏެވެ.
އެ ދުވަސްވަރަކީ ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިންތިހާއަށް ގިނަ ވެގެން ދިޔަ ދުވަސްވަރެއްކަން މި ނޫހަށް ލިބިފަވާ އޭއޭއޭގެ އީމެއިލް ކޮޕީގައި ވެސް ފާހަގަކުރެ އެވެ.
"ދެން އެ ސްކޫލުން އެކި ކަހަލަ ބަހަނާ ހަމަ ދައްކަން ފެށީ. ކޮވިޑޭ، ލޮކްޑައުންއޭ، އެއާކްރާފްޓް މެއިންޓެނެންސްއެއް ކުރަން ޖެހެޔޭ. މިހެން ބުނީ ވިސާ ކަންތަކާ ސުވާލުކުރަން ހެދީމާ. އޭގެން އެއްވެސް ސުވާލަކަށް އެބޭފުޅާ ޖަވާބެއް ނުދޭ، ނުދީ ހުސް ބަހަނާ ދެއްކީ ދިގު ދަންމަން،" އެ ދަރިވަރު ބުންޏެވެ.
އޭގެ ފަހުން ސްކޫލުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައުމާއެކު އޭއޭއޭގެ އޮޕަރޭޝަންތައް އެވިޑު ކޮލެޖުގެ ދަށަށް ބަދަލުވެފައިވާކަމަށާއި، އާ މަތިންދާބޯޓު ގަނެފައިވާކަމަށް އޭއޭއޭއިން ދަރިވަރަށް ފޮނުވި އީމެއިލްއެއްގައި ވަނީ ބުނެފަ އެވެ.
އަދި ސެޕްޓެމްބަރު އަށްފަހު އަލުން ސްކޫލު ހިންގަން ފަށާނެކަމަށާއި ނަމަވެސް ހާލަތާ ގުޅިގެން ޔަގީންކަމާއެކު އެހެން ބުނަން ދަތިކަމަށް ވެސް އެ އީމެއިލްގައި އިމްރާން ވަނީ ބުނެފަ އެވެ.
އެ ފައިސާ ދަރިވަރު ދައްކާފައިވަނީ ކްރިޕްޓޯކަރަންސީ އިންކަން މި ނޫހަށް ލިބިފައިވާ ޑޮކިއުމެންޓްތަކުން ދައްކަ އެވެ. ކްރިޕްޓޯކަރަންސީއަކީ ރާއްޖޭގައި ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރުން މަނާ އެއްޗެކެވެ. އެކަމަކު ވެސް އޭއޭއޭއިން 10،000 ޑޮލަރުގެ އެ ފައިސާގެ މުއާމަލާތް ޕްރޮސެސްނުކޮށް ލަސްކުރިކަމަށް ދަރިވަރު ކިޔައިދިނެވެ.
"އެއީ ވެސް ހަމަ ގަސްތުގައި، ކްރިޕްޓޯކަރަންސީގެ އަގަށް އަންނަ ބަދަލާއެކު، ކޯހުގެ ދެ ބައި ކުޅަ އެއްބައި ފައިސާ ދެއްކި ކަމަށް ބުނެ އޮޅުވާލަން. އޭރަށް އިތުރު ފައިސާއަށް ކިޔޭނެތީ. އަޅުގަނޑު ދިޔައީ ހުރިހާ ކަމެއްގެ ރެކޯޑް ބަލަހައްޓަމުން މިކަހަލަ ކަމެއް އުޅޭހެން ހީވެގެން،" އެ ދަރިވަރު ބުންޏެވެ.
ދަރިވަރު ބުނި ގޮތުގައި އޭއޭއޭއިން އޭނާއާ މުއާމަލާތްކުރި އިމްރާން އޭނާއަށް ފައިސާ ދެއްކި ކަމުގެ ރިސީޓެއް ދޭން އެދުމުން، އެކަން ނުކޮށް އީމެއިލް މެދުވެރިކޮށް އެ ފައިސާ ލިބުނުކަން އެންގި ކަމަށެވެ.
އަދި އޭއޭއޭއަށް އަދާކުރި ފައިސާ އަނބުރާ ދައްކަން އެދުމުން އިމްރާން އެހާ ހިސާބުން ސްކޫލުގައި މައްސަލަ ހުރިކަމަށް ބުނެ، އެ ސްކޫލަށް ބޭރުން ދަރިވަރުން ނެގެން ނެތްކަމަށާއި، އެއާޕޯޓުގެ އެގްރިމެންޓް މައްސަލަތައް އެ ދަރިވަރާއެކު ހިއްސާ ކުރި އެވެ.
"އޭގެ ފަހުން އެ ހުރިހާ އެއްޗެއް ކިޔައިދިނީ، އޭގެ ކުރިން ފެށިއިރު، ނުބުނޭ އެކަހަލަ އެއްވެސް ވާހަކައެއް. ބުނީ ހަމަ ސްކޫލު ރަނގަޅަށް ހިނގަމުންދާ ކަމަށް،" އެ ދަރިވަރު ކިޔައިދިނެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. އަޅުގަނޑުގެ ވިޔަފާރިއަށާއި އިންވެސްޓްމެންޓަށް ވެސް. އަޅުގަނޑު ދިޔައީ ޕައިލެޓްކަން ކިޔަވައިގެން މިކޮޅުގަ ވިޔަފާރިއަށް ފަށަން. އެކަމަށް ބޭނުންވި އިންވެސްޓަރުން ވެސް މިހާރު މަޑު މަޑުން ދާން ފަށައިފި."
ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، އެ ދަރިވަރު ދަނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ވެސް އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުންނެވެ. އެ ދަރިވަރުގެ އިތުރުން އިންޑިއާގެ ދަރިވަރުންތަކަކަށް ވެސް ހަމަ މިކަހަލަ މައްސަލައެއް އޭއޭއޭގެ ފަރަތުން ކުރިމަތިވެފައިވާކަމަށް އެ ދަރިވަރު ކިޔައިދިނެވެ.
"ވަރަށް ދެރަ މިކަން މިހެން ވީމަ، ރާއްޖެއަކީ ސީޕްލޭން ކަހަލަކަންކަމަށް ނަން މަޝްހޫރު ތަނަކަށް ވީމަ އިހުތިޔާރުކުރީ ވެސް. ދެން މި ވިސްނަނީ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ދާން،" އެ ދަރިވަރު ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ދަރިވަރާއި އޭއޭއޭގެ ފަރާތުން ވާހަކަދެއްކިކަމަށް ބުނާ އިތުރު އޮފިޝަލެއް ކަމުގައިވާ ޕްރިޔަންކަރާޖް އެޑްވާޑް ސުރެންދަރަގެ ނަންބަރަށް ގުޅުމުން އޭނާ ބުނީ އޭނާއަކީ ހަމައެކަނި އޭއޭއޭގެ ސްޓާފެއް ކަމަށެވެ.
އަދި ބޭރުގެ ދަރިވަރެއްގެ ފަރާތުން އޭއޭއޭއާ ދެކޮޅަށް ކުރާ އެ ތުހުމަތުތަކަށް ޖަވާބުދީ ރައްދުދޭނެ މީހެއް މިވަގުތު ނެތް ކަމަށް ބުނެ ފޯނު ބޭއްވި އެވެ. އޭގެ ފަހުން އޭނާގެ ފޯނަށް ޖަވާބުދީފައެއް ނުވެ އެވެ. އިމްރާން ޖީވަންޖީއަށް ގުޅަން މަސައްކަތްކުރުމުން ފޯނަށް ޖަވާބުދެއްވާފައެއް ނުވެ އެވެ.
އެ މައްސަލައިގަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ރަސްމީކޮށް ޖަވާބެއް ލިބޭ ގޮތެއް ނުވެ އެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އަދި އެފަދަ މައްސަލައެއް އެ އޮތޯރިޓީއަށް ވެސް ހުށަހެޅިފައިނުވާކަމަށް ކަމަށާއި އެކަމަކު ހުށަހަޅައިފި ނަމަ ބަލާނެ ކަމަށެވެ.












