ވިސާއާ ނުލައި ދިވެހިންނަށް އަނެއްކާ ވެސް އިންޑިއާއަށް ދަތުރުކުރެވޭ އުސޫލު އެގައުމުން އިއާދަކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ ކޮވިޑާ ހެދި ސިއްހީ ފަރުވާއަށް އިންޑިއާއަށް ދަތުރު ކުރުމަށް ވިސާ ދޫކުރަން ފެށި އުސޫލު މި ހިނގާ އޮކްޓޯބަރު 15، އިން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށެވެ. އެއާއެކު ދިވެހިންނަށް އަނެއްކާ ވެސް ވިސާއަކާނުލާ އެގައުމަށް ދަތުރުކުރެވޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެ އެވެ.
ކޮވިޑުގެ ސަބަބުން، އިންޑިއާ އަށް ދަތުރު ކުރުމަށް މިފަހުން ހަމައެކަނި މެޑިކަލް ވިސާ ދޫކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް ވިސާއެއް ނެތި ދިވެހިންނަށް އެ ގައުމަށް ދަތުރު ކުރެވޭނެ ހާލަތަކަށް ވަރަށް އަވަހަށް ރުޖޫއަ ވެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ހައި ކޮމިޝަނުން ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބުނެފަ އެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ވިސާ ހޯދުމުގައި އަވަސް ހައްލެއް ލިބޭނެ ކަމަށް ރޭ ވިދާޅުވެފަ އެވެ.
ޒަމާނުއްސުރެ އިންޑިއާ އަށް ވިސާ ނެތި ދިވެހިންނަށް ދެވެ އެވެ. އެކަމަކު އޭރު ވެސް މެޑިކަލް ކަންކަމުގައި ވިސާ ނަގަން ޖެހެ އެވެ. އޭގެ ފަހުން މި ސަރުކާރު އައިސް 2019 ވަނަ އަހަރު އިންޑިއާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މެޑިކަލް ކަންކަމުގައި ވެސް ވިސާ ނެތި ދަތުރުކުރެވޭ ގޮތް ދިވެހިންނަށް ހަމަޖެހުނެވެ.
އެކަމަކު ކޮވިޑުގެ ހާލަތު އިންޑިއާގައި އިންތިހާއަށް ގޯސްވެ، އެގައުމު ބަންދުކުރުމުން، ދިވެހިންނަށް ކުރިން ލިބެމުން އައި ވިސާ ހުއްޓުނީ އެވެ.

އެހެންވިޔަސް މެޑިކަލް ކަންކަމުގައި ދިއުމަށް ވިސާ ދޫކުރެ އެވެ. އެ ވިސާ ހޯދަން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާތީ، އެ އަދަދަށް ވިސާ ޖަހައި ނުދެވި އިންޑިއާ ހައި ކޮމިޝަން ކުރިމަތީ ކިއު ދިގުވެ، އާއްމުންގެ ޝަކުވާތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.
ރާއްޖެއަކީ ވިސާއަކާ ނުލާ އިންޑިއާއަށް ދަތުރުކުރުމުގެ ހުއްދަ ދީފައި އޮންނަ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ދެ ގައުމަކީ ނޭޕާލާއި ބޫޓާނެވެ. މީގެ ދެ އަހަރު ކުރިން ސަރުކާރުން ހެދި އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާއަކާ ނުލާ އިންޑިއާއަށް ދަތުރުކުރުމަށް ފަހު 90 ދުވަހުގެ މުއްދަތަކަށް އިންޑިއާގައި މަޑުކުރެވޭނެ އެވެ.













