ގަލޮޅު ދަނޑުގައި ފަތުރާލެވޭ ބީއެމްއެލްގެ ގައުމީ ބޮޑު ދިދަ

Oct 10, 2021, 5:06 AM
ބަންގްލަދޭޝް އާއި ރާއްޖެ ކުުޅުނު މެޗުގެ ތެރެއިން ބީއެމްއެލް އިން ދަނޑަށް ގެންދާ ގައުމީ ބޮޑު ދިދަ ފަތުރާލާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަންގްލަދޭޝް އާއި ރާއްޖެ ކުުޅުނު މެޗުގެ ތެރެއިން ބީއެމްއެލް އިން ދަނޑަށް ގެންދާ ގައުމީ ބޮޑު ދިދަ ފަތުރާލާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އާންމު ގޮތެއްގައި ފުޓްބޯޅަ ޓީމުތަކަށް ސަޕޯޓްކުރުމުގައި ތަފާތު ވިސްނުން އިސްކުރާ ބަޔަކަށް އުޅޭނީ ސަޕޯޓަރުންގެ ގްރޫޕްތަކެވެ. އެއީ އެ މީހުންނަކީ އެކަމުގައި ގިނަ ވަގުތު ޝާމިލުވެ އުޅޭ ބަޔަކަށް ވެފައި އެ ފަދަ ކަންކަމަށް ހޭދަކުރާ ވަގުތު ވެސް ގިނަވުމުންނެވެ. އެކަމަކު ގަލޮޅު ދަނޑުގައި ސަޕޯޓް ކުރުމުގެ މަންޒަރު ބަދަލުކޮށްލަން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލީޑުނެގީ ތަފާތު ގޮތަކަށެވެ.

މީގެ ހަ ވަރަކަށް އަހަރު ކުރިން ބީއެމްއެލްގެ ވޮލަންްޓިއަރުންގެ ގްރޫޕެއްގެ ވިސްނުމަށް އައީ ތަފާތު ގޮތަކަށް ގައުމީ ޓީމަށް ސަޕޯޓް ދިނުމުގެ ހިޔާލެވެ.

ގައުމީ ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑު ތަފާތެއް ފެންނަނީ ގައުމީ ދިދައާ ގުޅޭ ކަމެެކެވެ. އެ ގޮތުން ބީއެމްއެލްގެ ވޮލަންޓިއަރުންގެ ގްރޫޕަށް ވިސްނުން އައީ ދަނޑުގައި ބޮޑު ދިދައެއް ދައްކާލުމަކީ ތަފާތު ކަމަކަށްވާނެ ކަމެއްގެ ގޮތުގަ އެވެ.

"ވޮލަންޓިއާސްގެ ތެރޭގައި އުފެދުނު ހިޔާލެއް މިއީ. ކޮބައިތޯ ތަފާތު ބޮޑުކޮށް ބޮޑު ކަަމަކަށް ކޮށްލެވޭނެ ކަމަކީ. ދެން އެ ގޮތުން ހަމަ ސްޓާފުންގެ ތެރޭގައި އައި ހިޔާލެއް ދިދަ ދައްކާލުން. ދިދަ އަކީ ގައުމީ ޖޯޝް ވަރަށް ބޮޑަށް ދައްކުވައިދޭ އެއްޗަކަށްވާތީ،" ބީއެމްއެލްގެ މެނޭޖަރު، ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު، "އަދަދު" އަށް ވިދާޅުވި އެވެ.

ބީއެމްއެލް އިން އެންމެ ފުރަތަމަ ކަރުދާސް ބޯޑް އިން ގައުމީ ދިދަ ދައްކާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ދިދަ ދައްކާލުމަށް ފުރަތަަމަ އައި ހިޔާލަކީ ކަރުދާސް ގޮތަށް ބޯޑުތަކެއް ހަދައިގެން ޖުމްލަ އެއްކޮށް ދިދަ ހަދައިލުމެވެ. އެކަމަކު، އެކަން ވީ އެންމެ ކަމުދާ ގޮތަކަށް ނޫނެވެ. އެއީ އެ ގޮތަށް ބޯޑުތަކެއް ހިފައިގެން ތިބެ، ދިދައިގެ އަސްލު މާނައިގައި އެކަން ކުރެވޭ ގޮތް ނުވީމަ އެވެ. އަނެއްކާ ވެސް އިތުރު ވިސްނުމަކަށް ދާން ޖެހުނީ އެެވެ.

"ދެން އަޅުގަނޑުމެންގެ ތެރެއިން އެއް ސްޓާފެއްގެ މަންމަ އަޅުގަނޑުމެންނަށް ގަލޮޅު ދަނޑުން އެ ފެނުނު ދިދަ ފަހާލަދިނީ. އެކި ފޮތި އެއްކޮށްގެން އެެ ގޭގައި ކޮށްލައިދިނީ. އެ ދިދަ ބޭނުންކުރިން ދިވެހި ގައުމީ ޓީމު ރާއްޖޭގައި ކުޅެ ކޮންމެ މެޗެއްގައި،" ފުރަތަމަ ފަހާފައި އޮތް ބޮޑު ދިދަ ލިބުނު ގޮތާ ބެހޭގޮތުން ސައީދު ވިދާޅުވި އެވެ.

"އެހެން އުޅެމުން އައިސް މިހާރު މި ގެންގުޅޭ ދިދަ އަށް ބަދަލުތަކެއް އައީ. ދިދައިގެ ބޮޑު މިން ވެސް އެއް ވަރަކަށް މި އިނީ. މިހާރު މި ބޭނުންކުރާ ދިދަ އަކީ 30 ފޫޓު 20 ފޫޓް."

ގައުމީ ޓީމަށް ސަޕޯޓްކުރަން އެންމެ ފުރަތަމަ ބީއެމްއެލް އިން ދިދަ ވެއްދީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންްޖް ކަޕްގައި ކިރްގިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގަ އެވެ.

އޭގެ ފަހުން ގަވާއިދުން ހުރިހާ މެޗެއް ކަހަލަ ގޮތެއްގައި ގަލޮޅު ދަނޑުން ދިދަ ފެނެ އެވެ. އެންމެ ފަހުން މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ 2-0 އިން މޮޅުވި މެޗުގައި ވެސް ބޮޑު ދިދަ ވަނީ ދައްކާލައިފަ އެވެ. މެދުކެނޑުމަކަށް ފަހު ގަލޮޅު ދަނޑުން އަނެއްކާ ވެސް ދިދަ ފެނުނީ އެވެ.

ދިދައިގެ ފެށުމާ ގުޅެނީ ބީއެމްއެލްގެ ސްޓާފުންގެ މެދުގައި އޮންނަ "ފުޓްބޯޅަ ފޯރި"

ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ޕާޓްނަރެކެވެ. ޕާޓްނަޝިޕް އެގްރީމެންޓެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންނާ އެންމެ ބޮޑަށް ގުޅިފައި އޮންނަ ފުޓްބޯޅައިގެ ތެރެއިން ވެސް ހިދުމަތްތަކެއް ކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.

ތަފާތު ބޮޑު ދިދައެއް ގަލޮޅު ދަނޑަށް ވެއްދުމުގެ ވިސްނުން ބީއެމްއެލް އަށް ލިބުނީ އެތަނުގައި އުޅޭ ސްޓާފުންގެ މެދުގައި ފުޓްބޯޅައިގެ ފޯރި ވެސް ގަދަވުމުންނެވެ. އެކަން އެ ގޮތަށް ދިމާވީ ޒަމާންތަކެއް ވަންދެން ގައުމީ ޓީމަށް ސަޕޯޓް ދޭން ދަނޑަށް ދާ ބީއެމްއެލްގެ ގިނަ ސްޓާފުން އުޅޭތީ އެވެ. އެ ސްޓާފުންނަކީ ކިއޫގައި ޖެހިގެން ވެސް ޓިކެޓް ހޯދައި ގްރޫޕެއް ހެދުމަށް ފަހު ވެސް ދަނޑަށް ދާ ބައެކެވެ.

ބީއެމްއެލްގެ މެނޭޖަރު، ޕަބްލިކް ރިލޭޝަން ސައީދު "އަދަދު" އަށް އިންޓަވިއުދެނީ.

"ބެންކް ތެރޭގައި ސްޓާފުން ދަނޑަށް ދިއުމުގެ ފޯރި ކުރިން ވެސް އޮންނާނެ. ސިޑިބަރީގައި މި ތިބެނީ. ރޮސްޓްރަމްއާ ދިމާލު ކުރިމަތީގައި. އެ ޖާގަ އަށް ވެސް ވިސްނާލިން،" ސައީދު ވިދާޅުވި އެވެ. "އެ ދިދަ ގާތްގަނޑަކަށް ދަނޑުގެ ސިޑިބަރީގެ 13 ނުނީ 14 ބަރިއަށް ދެމިގެންދާނެ. އެތަނުން ހަމަ ބަރިއެއްގެ ފުލްވާވަރުވާނެ އެ ދިދަ އެ ގޮތަށް ބަލާފައި މި ގެންދަނީ،"

ދިދަ ދައްކާލާއިރު ދިދައިގެ ބައްޓަން ރަނގަޅަށް ބެހެއްޓުމުގެ ބޭނުމުގައި ކޮންމެ ކަނެއްގައި ވެސް ހުންނަަނީ ބީއެމްއެލްގެ ސްޓާފެެކެވެ. ދިދަ ނެގުމަށް ވެސް ބީއެމްއެލް އިން ޕްލޭންތަކެއް އޮވެ އެވެ. އެ ގޮތުން ގައުމީ ސަލާމާއި ހާފް ފެށުމުގެ ކުރިން އަދި ގޯލެއް ޖެހުމުން ދިދަ ދައްކާލަން އޮންނަނީ ރާވައިފަ އެވެ.

"ދެން ބައެއް މެޗުތަކުގައި ދިވެހި ޓީމު ތަންކޮޅެއް ގިނައިން ގޯލު ޖަހާއިރު މި ތިބެނީ ވަރަށް ރެޑީ ވެގެން ގޯލެއް ޖަހާއިރަށް ނަގަން،" ސައީދު ވިދާޅުވި އެެވެ.

ބީއެމްއެލްގެ ބޮޑު ދިދަ އާންމު ސަޕޯޓަރުންގެ މެދުގައި ވެސް މަގުބޫލެވެ. ސައީދު ވިދާޅުވީ ދަނޑުގެ އެތަނަށް ދާ މީހުން ވެސް އެ ދިދައިގަ ހިފާލެވުނީމަ އެހެން މީހަކަށް ގުޅާލާފައި "މިއަދު ބޮޑު ދިދަ އަހަރުމެން ވެސް އުފުއްލާލީމޭ،" ބުނެ އެ ފޯރި ވެސް ނަގަމުން އަންނަ ކަމަށެވެ.

ކޮންމެ ކަމެއް ވެސް ވައިގައި ހިފާނީ އެކަން ގަވާއިދުން ކުރިއަށް ގޮސްގެންނެެވެ. ބީއެމްއެލް އިން މިހާރު ދެކެނީ ގައުމީ ޓީމުގެ މެޗެއް ގަލޮޅު ދަނޑުގައި ކުޅޭނަމަ ދިދަ ފެނުމަކީ "މަޖުބޫރު" ކަމެއްގެ ގޮތުގަ އެވެ.

ސައީދު ވިދާޅުވީ ގައުމީ ޓީމުގެ ކޮންމެ މެޗެއް ގާތްވުމުން އެންމެ ފުރަތަމަ ވެސް ބަލަނީ ދިދަ ބޭއްވިފައި އޮތްތަނެއް ހޯދުމަށް ކަމަށެެވެ.

"ރަނގަޅަށް ބޭއްވުން އެއީ ވެސް ވަރަށް އިސްކަން ދޭ ކަމެއް. މި ދުވަސްކޮޅު ވީމަ ދިދަ ވެސް ރަނގަޅަށް ސެނިޓައިޒްކޮށްލައި އަނެއް މެޗަށް ދިދަ ވެސް ތައްޔާރުކުރުން އެއީ ހަމަ ސަޕޯޓް ކުރުމުގެ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މި އޮންނަނީ. ދިދަ ގެންނަން ވަކި ވޮލަންޓިއަރުންތަކެއް ހަވާލުވާނެ. ކުރިން ދުވަހު ކިރާލިން ދިދަ ބަރުދަން ބަލަން ގާތްގަނޑަކަށް އެއީ 15 ކިލޯ ބަރުދަނުގައި ހުންނަ ދިދައެއް،" ސައީދު ވިދާޅުވި އެެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން ބީއެމްއެލް އިން ދަނޑަށް ވައްދާ ބޮޑު ދިދަ ފަތުރާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސައީދު ވިދާޅުވީ ދިދައިގެ މަސައްކަތްތައް ފަށައިގެން އައިއިރު، ވަރަށް ގިނަ ބައެއް މިކަން މިއީ ކިހިނެއް ހިނގި ކަމެއްތޯ އޮޅުންފިލުވަން ވެސް ބޭނުންވި ކަމަށެވެ.

އެ ގޮތުން އެންމެ ފުރަތަމަ ދިދަ ފެހީ ކޮންތާކުންތޯ ބައެއް ސްޓާފުންނާއި އާންމުން ވެސް އޮޅުންފިލުވައި ހެދިއިރު، މިއީ އެހާ ފަސޭހައިން ބީއެމްއެލްގެ ސްޓާފެއްގެ މަންމަ ބުރަ މަސައްކަތްތަކެއް ކޮށްގެން ކުރާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރި އެވެ.

"އެއީ ފުރަތަމަ އައި ރިއެކްޝަންސް މިހާރު. ވަރަށް ބޮޑަށް އޮވޭ އެ ދިދަ ނަގާ އެ ފަޅި އަށް ގިނަ ބަޔަކު ދިއުން. އެންމެ ފަހުގެ މެޗުތަކަށް ބެލިޔަސް އެ ދިދަ ނަގާފަޅީގައި ވަރަށް ފޯރި އޮންނާނެ. ވަރަށް ބޮޑަށް އޮވޭ އެ ފޯރި ދިދައާ އެކީގައި ފޮޓޯ ނެގުމަށް ވެސް. އޭގެ ބައިވެރިވެލުން ވެސް ވަރަށް ބޮޑަށް މީހުން ފާހަގަކުރެވޭ،" ސައީދު ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ރާއްޖޭން ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ދަނޑުން ބީއެމްއެލް އިން ދަނޑަށް ވައްދާ "ބޮޑު ދިދަ" ފެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox